(ހއ. އިހަވަންދޫ) މި ރަށު ރައްޔިތުން މި ރަށް ސިފަކުރަން ބޭނުން ވަނީ އިގްތިސާދީ މައިސާލެއްގެ ގޮތުގައެވެ. ރަށަށް ވިޔަފާރީގެ ބޭނުމަށް އަންނަ މީހުން ގިނަ ވުމާއި އެކި ސިނާއަތްތަކަށް ލޯހުޅުވިފައިވާ މަސައްކަތްތަރި ރައްޔިތަކު ދިރިއުޅޭ ރަށަކަށް މިރަށް ވުމަކީ މި ރަށު ރައްޔިތުން އެކަމަކާ މެދު ނުހަނު ފަޚުރުވެރިވާ ކަމެކެވެ. މި ރަށަކީ ހީވާގި މަސައްކަތް ކުރަން ކެރޭ ބަަކު އުފަން ރަށެކެވެ. ޒަމާނުއްސުރެ މަސައްކަތްތެރި މުރާލި ރައްޔިތަކު ދިރިއުޅުނު މި ރަށުގައި އެންމެ އާއްމުކޮށް ކުރި އަދި ކުރަމުންދާ އެއް މަސައްކަތަކީ އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތެވެ.

ހއ. އިހަވަންދޫގައި އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތް ކުރުމަށް ހަދާފައިވާ ހަރުގެއެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ހއ. އިހަވަންދޫގެ ވަށައިގެން ފެންނަން ހުރީ އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތް ކުރާ ހަރުގެތަކެވެ. ރޭގަނޑާއި ދުވާލު މި ތަންތަނުގައި ބުރަ މަސައްކަތުގައި ޝާމިލްވެ އުޅޭ މަސައްކަތްތެރިންގެ މަސައްކަތުގައި އެކަށީގެންވާ ކުލަ ޖެހުމުގައި މިއަދު މިވަނީ ދަތިތަކާއި ކުރިމަތިވެފައެވެ. ޖާގައިގެ ދަތިކަން އިންތިހާ އަށް ދިމާވެ އޮޑިދޯނިފަހަރު ބަންނަ މީހުންގެ ޝަކުވާތައް ވަނީ ފުނިޖެހިފައެވެ.

މުހައްމަދު އަބްދުﷲ "ވަގުތު" އާ ވާހަކަ ދައްކަވަނީ. -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ފަނަރަ ވަރަކަށް އަހަރު އޮޑި ދޯނިފަހަރުގެ މަސައްކަތުގައި އުޅެމުންދާ މުހައްމަދު އަބްދުﷲ "ވަގުތު" އަށް ވިދާޅުވީ އިހަވަންދޫ އަކީ އެ މަސައްކަތުގައި ވަރަށް ޝައުގުވެރިކަމާއެކު ބަޔަކު މީހުން ވަގުތުތައް ހޭދަކުރަމުން އައި ނަމަވެސް މިހާރު އެ މަންޒަރު މަޑުމަޑުން ބަދަލުވަމުންދާ ކަމަށެވެ. މިހާރުވެސް ދުވާލަކު 12 ވަރަކަށް ގަޑި އިރު އެ މަސައްކަތުގައި ހޭދަކުރާ އަބްދުﷲ ވަނީ އެމަސައްކަތަށް ދިމާވެފައިވާ ގޮންޖެހުންތައް ހިއްސާކޮށްފައެވެ.

ހއ. އިހަވަންދޫގައި ފައިބަރު ދޯންޏެއް ބަނުމުގެ މަސައްކަތް ކުރިއަށް ދަނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެގޮތުން ކުރިއާ އަޅާ ބަލާއިރު މިހާރު މަސައްކަތް ލިބޭ މިންވަރު މަދު ކަމަށް އޭނާ ފާހަގަކުރެއެވެ. އެގޮތުން 2013 އާއި 2014 އާއި ދެމެދު އުފެއްދުންތެރިކަން ދަށް ވާން ފެށި ކަމަށާއި، އަދިވެސް ކަންކަން އޮތީ އެގޮތަށް ކަމަށް އޭނާ ފާހަގަކުރިއެވެ.

"ދޯނި ބޮޑީ އުފެއްދުން. ފައިބަރު މަސައްކަތް ދަށް ރާއްޖޭގައި. ނަމަވެސް އިހަވަންދޫގައި އެބަހުރި އެކަންކަން ކުރެވޭނެ ފެންވަރު ހުރި މީހުން އަދިވެސް." އޭނާ ބުންޏެވެ.

އޮޑި ދޯނިފަހަރު ބަނުމުގައި މަސައްކަތް ކުރާ ފަސް ވަރަކަށް މީހުން ތިބި ނަމަވެސް އެ މަސައްކަތް ކުރާ މީހުންގެ ގޮތުގައި ރެޖިސްޓްރީކޮށްފައިވާ ސީދާ މީހުންގެ އަދަދެއް ނޭނގެއެވެ. މިހާރު އާދަވެގެން މި މަސައްކަތް ކުރާ ތިބީ ދެ ތިން މީހުންނެވެ.

އެ މީހުންނާ ވާހަކަދެއްކުމުން އެނގުނު ކަމަކީ އޮޑި ދޯނިފަހަރު ބަންނަ މީހުންނަށް ދިމާވާ އެންމެ ބޮޑު ތަކުލީފަކީ ޖާގައިގެ ދަތިކަން ކަމެވެ. އެގޮތުން ފާއިތުވި އަހަރުތަކުގައި ބިމުގެ ދަތިކަމުގެ މައްސަލަ މިރަށުގައި އިންތިހާ އަށް ދިމާވެފައިވާއިރު، އެކަމުގެ ސަބަބުން އޮޑިދޯނި ފަހަރުގެ މަސައްކަތް ކުރާ މީހުންނަށް ވަނީ ވަރަށް ގިނަ ތަކުލީފުތަކާއި ކުރިމަތިލާން ޖެހިފައެވެ. އަދި މުޅި ދުނިޔެ އަށް ދިމާވެފައިވާ ކޮވިޑް19 ގެ ބަލިމަޑުކަމާއެކު ބައެއް ތަކެތި ހޯދަން ދަތިވާކަން އެ މަސައްކަގތް ކުރާ މީހުން ފާހަގަކުރެއެވެ.

ހއ. އިހަވަންދޫގައި ފައިބަރު ދޯންޏެއް ބަނުމުގެ މަސައްކަތް ކުރިއަށް ދަނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

" މި މަސައްކަތަށް ކަނޑައެޅޭ ސަރަހައްދެއް އޮތުން މުހިންމު ކަމަށް ގަބޫލުކުރަނީ. ތަކެތި ލިބުމުގައި ބައެއް ފަހަރު ދަތިވޭ. ދެން އަނެއްކާ މިއީ ހަޑި މަސައްކަތެއް ކަމަށް ހީކޮށް ދަސްކުރަން ބެނުން ނުވޭ ޒުވާނުން. އެވެސް ދެރަވާ ކަމެއް. މުސްތަގްބަލްގައި މި ރަށުގެ މި މަސައްކަތް ދިރުވޭނީ ދަސްކޮށްގެން." އެ މަސައްކަތް ކުރާ މީހަކު ކިޔާދިނެވެ.

މަދުން ނަމަވެސް މި މަސައްކަތުގައި އުޅޭ އިރު ފައިސާގެ ދަތިކަމާ ވެސް ދިމާވާކަން މި މަސައްކަތް ކުރާ މީހުން ފާހަގަކުރެއެވެ. އެގޮތުން އޮޑިބަނުމަށް ފައިސާ ހޯދުމާއި، އޮޑީގެ މަސައްކަތް އެއްކޮށް ނިންމާލުމަށް ފައިސާގެ ދަތިކަމާއި ކުރިމަތިލާން ޖެހޭ ފަހަރު އަންނަކަން އެ މީހުން ފާހަގަކުރެއެވެ.

"އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތުގައި ދޯނިފަހަރުގެ ވެރިންނަށް ދިމާވާ ކަންތައްތައް ވެސް އެބަހުރި. އަޅުގަނޑަށް އެނގިގެންވެސް އެބަ ހުރި އިންޖީނު ނޭޅިފައި. އެއީ އޮޑިވެރިޔާ އަތުގައި ފައިސާ ނެތީމަ. އިންޖީނު ނެގުމަށް މަސައްކަތް ކުރަނީ ލޯނުގެ އެހީގައި އެކަންކަން ހަމަނުޖެހޭ" އޭނާ ބުންޏެވެ.

ހއ. އިހަވަންދޫގައި ފައިބަރު ދޯންޏެއް ބަނުމުގެ މަސައްކަތް ކުރިއަށް ދަނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ދޯންޏެއް ބަނުމަށްޓަކައި 24 މަހާއި 30 މަހާ ދެމެދުގެ ވަގުތެއް ހޭދަކުރާ އިރު މިހާރު އެ މަސައްކަތް ކުރާ ހަރުގެ ތަކަކީ މަސައްކަތްތެރިން އަމިއްލަ އަށް ތައްޔާރުކޮށްފައިވާ ތަންތަނެވެ. ރަށުގެ ވަށައިގެން މިފަދަ ތަންތަން ހުރި އިރު އެ ތަންތަން ހުރީ އާއްމުން ދިރިއުޅޭ ސަރަހައްދުތަކާއި ވަރަށް ކައިރީގައެވެ. އެހެންކަމުން އޮޑިދޯނިފަހަރު ބަންނަ ތަންތަނުގައި ފައިބަރު ގިނަ އަދަދަކަށް ބޭނުން ކުރުމާއި، އަޑު ގަދަވުން ފަދަ އުނދަގޫތައް އާއްމުންނާއި ކުރިމަތިވެއެވެ.

" ވަރަށް އުނދަގޫވޭ އަސްލު. އެތައް ފަހަރަކު ޝަކުވާވެސް ކުރެވޭ. އެކަމަކު ނެތް ކުރެވޭނެ ކަމެއް. މީހުންނަށް ފައިބަރުގެ ސަބަބުން ނުރަނގަޅު އަސަރު އެބަ ކުރޭ. އެންމެންނަށް ވެސް އެނގޭ ސިއްހަތަށް ބެލިޔަސް ރަނގަޅު ނޫންކަން މިހާ ކައިރީގައި މިކަން ކުރަން." އާއްމު މީހަކު ބުންޏެވެ.

އިހަވަންދޫ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު އާސިފް "ވަގުތު" އަށް ވިދާޅުވީ ބިމުގެ ދަތިކަން ހައްލުވެގެންދާއިރު އޮޑިދޯނިފަހަރު ބަންނަ މީހުންގެ ޝަކުވާތަކަށް ހައްލެއް ލިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެ މައްސަލަ އަށް ހައްލު ހޯދުމަށް އިހަވަންދޫ ކައިރީގައި އޮތް ހުވަހަންދޫ ދިނުމަށް ކައުންސިލުން އެދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

" މި ރަށަކު ބިމެއް ނެތް. އެހެންވީމަ އެހެން ޚާއްސަ ރަށެއް އެ މަސައްކަތްތަކަށް ކަނޑައެޅުން އެއީ ރަނގަޅު ހައްލެއް. އަދި ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން ވެސް ސިނާއީ މަސައްކަތަށް ސަރަހައްދެއް. ނަމަވެސް އެވެސް ވާނީ ރަށު ތެރެއަށް. ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދަށް. އެހެންވީމަ އެންމެ ރަނގަޅު ހައްލަކީ އެހެން ރަށެއް ހަމަޖެހުން." އޭނާ ވިދާޅުވިއެވެ.

ހއ. އިހަވަންދޫގައި ފައިބަރު ދޯންޏެއް ބަނުމުގެ މަސައްކަތް ކުރިއަށް ދަނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އޮޑިދޯނި ފަހަރު ބަންނަ ތަންތަނާ މެދު އާއްމުންގެ ވެސް ޝަކުވާތައް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

" އާއްމުންގެ ޝަކުވާ އަކީ ހަރުގެތައް ހަވާލުކުރާ މިންގަނޑަށް ނަހަދާ މަސައްކަތް ކުރާތީ. ކުނޑި ބުރުމާ ވަސްދުވުމާ ވަރަށް ޝަކުވާ އާދޭ. އޮވޭ މިންގަނޑުތަކެއް. އެ މިންގަނޑަށް ހަދައިފިއްޔާ އުނދަގުލެއް ނުވާނެ ހަގީގަތުގައި." އޭނާ ވިދާޅުވިއެވެ.

ބިންވެރިކަމުގެ ބާރު ކައުންސިލަށް މިހާރު ލިބުމާއެކު އެ މައްސަލަ ހައްލުކުރަން އިތުރަށް ބާރު ލިބިފައިވާ ކަމަށާއި ޕްލޭނިން މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީގެ ބޭނުމަށް ރަށްތައް ނެގުމަށް ފަހު އެހެން ރަށްތަކާއި މެދު ގޮތެއް ނިންމާ އިރު އެ މައްސަލަ އަށް ހައްލު ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އޮޑިދޯނި ފަހަރު

    ކުޑަހުވަދޫ ގައި ދޯންޏެއް ބަނުމަށް ނަގަނީ 12-18 މަސް ދުވަހުގެ މުއްދަތެއް!!!

    • ތެދެއް

      ފައްޅި ވަރައް ގަދަވާނެ ދޯނި ބަންނަން… ފައްޅިއައްވުރެ މޮޅުމީހަކު ނުހުންނާނެ…

  2. ސަމާ ( ސްޓެފިނީ) މައި ނިކްނޭމް..

    ޥަރުގަދަ އިހަވަންދޯއެެއް ތިޔޮތީ… ނިކަން އަހަރުމެންގެ ދަގްރޭޓާ މާލޭގެ (ށާހީ މާލެ) ގެވާހަކަ ދައްކާލަބަލަ… ދަ ސްމާރޓް ސިޓީ މާލެ… ހުރިހާމީހުންވެސް އަންނަހިތުން އުޅޭ މާލެ…