(ހއ. މޮޅަދޫ) ރާއްޖެއަކީ ކިތަންމެ ކުޑަ އާބާދީއެއް އޮތް ގައުމަކަށް ވީނަމަވެސް ރާއްޖޭގެ މުޖުތަމައުގައި ކުށް ކުރުމާއި ކުށަށް އަރައިގަތުން މަދެއް ނޫނެވެ. ރާއްޖޭގައި ނުރައްކާތެރި އެތަކެއް ކުށްތަކެއް ވަނީ އިތުރުވެފައެވެ. އަދި އެ ކުށްތައް ކުރާ މީހުން މުޖުތަމައުގެ ތެރެއަށް ދޫވެފައި ތިބުމަކީ އާއްމުންނަށް ލިބިގެންދާ އިތުރު ބިރުވެރިކަމެކެވެ.
މި ބިރުވެރިކަމުގެ ތެރޭގައި ތިބޭ މީހުން ވެސް މިއަދު މަދެއް ނޫންކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން ހއ. މޮޅަދޫ ރައްޔިތުންނަށް ވެސް މިހާރު މިވަނީ މި ބިރުވެރިކަން އިހުސާސް ކުރަން ޖެހޭ ހިސާބަތް ގޮސްފައެވެ.
ރަށް ކިތަންމެ ރީތިވި ނަމަވެސް، ރަށުގެ ރީތިކަމާއި ނަން ހިފަހައްޓާނީ ރަށުގެ ރައްޔިތުންކަން އެއީ ދެބަސްވުމެއް ނެތް ހަގީގަތެކެވެ. މިފަދަ ކުށްތައް އިތުރުވާނަމަ، ރަށުގެ ނަން ކިލަނބުވެ، ރަށަށް ދަތުރު ކުރާ މީހުންގެ ހިތްތަކުގައި ވެސް ބިރުވެރިކަން އުފެދޭނެ ކަން އެންމެން ވެސް ދަންނާނެއެވެ.
އާބާދީގައި 400 ވަރަކަށް މީހުން ދިރިއުޅޭ މޮޅަދޫގައި މާރާމާރީއެއް ނުހިނގި ނަމަވެސް، މަސްތުވާތަކެތީގެ މައްސަލަތައް މިހާރު ވަނީ ފެންމަތިވާން ފަށައިފައެވެ.
މާރާމާރީ ނުހިނގާ، ގޭންގުތައް ނުތިބޭ!
ބައެއް ރަށްރަށް ބަލާއިރު، ރަށަށް ގަދަވެގެން އުޅޭ ކުދި ގްރޫޕު ނުވަތަ ބޮޑެތި ގްރޫޕުތައް ތިބެއެވެ. އެގޮތަށް ގްރޫޕު ހަދައިގެން އުޅޭ މީހުންގެ ތެރޭގައި ދެބަސްވެ ގްރޫޕު ދެފަޅިވެ، ހަނގުރާމަ އިއުލާނު ކުރާ ހިސާބަށް ދެއެވެ. އޭގެ ފަހުން ގްރޫޕުތަކަށް މީހުން ވެއްދުމުގެ މަސައްކަތް ވެސް ކުރެއެވެ.
ނަމަވެސް މޮޅަދޫ އަކީ މިފަދަ ބަޔަކު ދިރިނޫޅޭ ކަމަށް އެރަށު ސިއްހީ މަރުކަޒު ހިންގުމަށް ސަރުކާރުން އައްޔަން ކޮށްފައި ހުންނެވި އަހުމަދު އަޝްރަފް (އަންދު) ވަނީ ވިދާޅުވެފައެވެ.
އަންދު ވިދާޅުވި ގޮތުގައި އެރަށުގައި އެއްވެސް ވަރަކަށް މާރާމާރީގެ މައްސަލަތަކެއް ނުހުރެއެވެ. އަދި އެފަދަ މައްސަލަތަކެއް ނެތި ރައްޔިތުންނަށް އުފަލުގައި މަގުމައްޗަށް ނުކުމެ އުޅެވޭތީ އެއީ އުފާ ކުރައްވާ ކަމެއް ކަމަށް ވިދާޅުވިއެވެ.
އަންދު ވިދާޅުވީ، އަބަދު ވެސް މޮޅަދޫ ރައްޔިތުންނަކީ އެއްބައިވަންތަކަމާއެކީ އުޅެމުން އަންނަ ބައެއް ކަމަށެވެ.
"ޖުމްލަކޮށް މާރާމާރީ ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ. އެހެން ރަށްރަށުގައި އޮންނަ ގޮތަށް ގޭންގު ހަދާލާފައި ވަރަށް ނުތިބޭނެ ބަޔަކު" އަންދު ވިދާޅުވިއެވެ.
ވައްކަން މަދު ރަށެއް!
ވައްކަމުގެ މައްސަލަތަކަކީ ވެސް ގިނަ ރަށްރަށުގައި އިތުރުވަމުން އަންނަ މައްސަލައެކެވެ. އެފަދަ ކަންކަމަށް އާއްމު ގޮތެއް އެފަރާތްތަކުން ވަންނަނީ މަސްތުވާތަކެތީގެ ވަބާގައި ޖެހި، ނުވަތަ ކޮންމެ ވެސް އެހެން ކަހަލަ ކަމެއް ދިމާވެގެން ކުރާނެ ކަމެއް ނެތިގެން ކަމަށް ބައެއް މީހުން ގަބޫލު ކުރެއެވެ. އެއީ އެފަދަ ފަރާތްތަކުން މުޖުތަމައު ތެރެއިން ބާކީ ކޮށްލުމުން ދެން ކުރެވެން އޮތް ކަން ކަމަށް ބައެއް ފަރާތްތަކުން ގަބޫލު ކުރެއެވެ.
މޮޅަދޫ އަށް ބަލާއިރު، ހުރިހާ ރައްޔިތުން އެކީ އުޅޭއިރު، ރަށުގައި އެންމެ މީހަކު އެހެން މީހުންނާއި ނުގުޅި ވަކިން ހަރަކާތްތެރިވެއެވެ. އެއީ ވައްކަން ކުރުމުގައި ހަރަކާތްތެރިވާ މީހެއް ކަން ރަށުގެ އެންމެންނަށް ވަނީ އެނގިފައެވެ.
ރަށުގައި ވައްކަން ކުރާ އެންމެ މީހަކު އުޅޭއިރު، އޭނާ އާކަމާއި ބެހޭ އިދާރާތަކުން ފިޔަވަޅު ނާޅާތީ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުން ވެސް އެފަރާތްތަކަށް އާދެއެވެ.
އަންދު ވިދާޅުވީ ދޭތެރެ ދޭތެރެއިން އެމީހާ ހައްޔަރުކުރާ ކަމަށެވެ. ނަމަވެސް ހައްޔަރު ކުރާތާ ފަހު ދުވަހުކަހަލަ ގޮތަކަށް މުޖުތަމައު ތެރެއަށް އަނެއްކާ ވެސް ދޫވެގެން ދާ ކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.
މަސްތުވާތަކެތީގެ މައްސަލަ އިތުރުވެ، ރައްޔިތުން ބިރަކަށް!
ބާރުގަދަ މަސްތުވާތަކެތި ރާއްޖެއަށް ތައާރަފްވިތާ ގާތްގަނޑަކަށް 50 އަހަރު ވާން ދާއިރު އަދިވެސް މަސްތުވާތަކެތީގެ މައްސަލަތައް ހައްލު ކުރަން އެންމެ އެކަށީގެންވާ ސިޔާސަތެއް ދެނެގަނެވިފައި ނެތެވެ. އެކަމުގެ ބިރު މުޅި ރާއްޖެއަށް ވަނީ ކުރިމަތިވެފައެވެ. އަތޮޅު ތެރޭގެ ވެރިކަން ކުރާ ރަށުން ކުދި ކުދި ރަށްރަށަށް ވިޔަފާރި ފުޅާ ވެގެން އައިސް އާއިލާތަކުގެ ކުޑަކުދިން މި ވަބާގެ ތެރެއަށް ވަންނަ ކަން ވަނީ ފާހަގަ ކުރެވިފައެވެ.
މޮޅަދޫ ރައްޔިތުންނަށް ވެސް މިހާރު ވަނީ އެ ބިރުވެރިކަން އުފެދިފައެވެ. އެއީ މަސްތުވާތަކެތި އެރަށުގައި ބޭނުން ކުރާ މިންވަރާއި އެތަކެތީގެ ވިޔަފާރިތައް ފުޅާ ވެގެން ހިނގައިދާނެ ކަމުގެ ބިރެވެ. އެކަން އެގޮތަށް ވެގެން ގޮސްފިނަމަ، މަދު ދުވަސްކޮޅެއްގެ ތެރޭގައި އެރަށުގެ ގިނަ ބަޔަކު އެ ވަބާގައި ޖެހިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން އަންދު ވިދާޅުވީ، އެކަން ކޮންމެ ވެސް ވަރަކަށް ފެންމަތިވަމުން އަންނަ ކަމަށެވެ.
އަދި އެފަދަ ތަކެތި އެރަށަށް އަންނަނީ ހއ. ހޯރަފުށި ނުވަތަ ހއ. އިހަވަންދޫ ކަހަލަ ރަށެއް މެދުވެރިކޮށް ކަމަށް ވެސް އަންދު ވަނީ ފާހަގަ ކޮށްފައެވެ.
"ލޯންޗު، ޑިންގީ ކަހަލަ އެއްޗަކުން މަސްބާނަން އައިސް ރަށުގެ ތުނޑި ސަރަހައްދަށް މި ޑްރޮޕް ކޮށްލަނީ. ދެން މިރަށު މީހުން ގޮސް އެތަކެތި ނަގައިގެން އެކަމާއި މި އުޅެނީ. އެ އުސޫލުން ކަންކަން ދާ ކަމަށް ބެލެވެނީ" އަންދު ވިދާޅުވިއެވެ.
އަންދު ވިދާޅުވީ، އެފަދަ ކަންތައް ކުރާ 4-5 ވަރަކަށް މީހުން ރަށުގައި އުޅޭ ކަމަށާއިނަމަވެސް އެކަމުގެ ތެރެއަށް މީހުން ވަންނަ ވަރު މަދު ކަމަށެވެ. އަންދު ވިދާޅުވީ، އެތަކެތީގެ ވިޔަފާރި ކުރާ މީހުންނާއި ބޭނުން ކުރާ މީހުން އުޅެނީ އެއްކޮށް ކަމަށެވެ.
"ކުރުކޮށް ބުނާނަމަ ދެބައިމީހުން ހިމެނެނީ. ވިޔަފާރި ކުރަނީ ވަކި ބަޔަކު ކަމެއް. ބޭނުން ކުރަނީ ކޮން ބައެއް ކަމެއް ފާހަގައެއް ނުވޭ" އަންދު ވިދާޅުވިއެވެ.
ހއ. އަތޮޅަށް ބަލާއިރު، މޮޅަދޫ ވެގެން ދާނީ ކުށްމަދު ރަށްތަކުގެ ތެރެއިން އެއް ރަށަކަށެވެ. މަދު މަދުން އެފަދަ މައްސަލަތައް ދިމާވާތީ ކައުންސިލުން އަންނަނީ އެކަމަށް ހައްލެއް ހޯދޭތޯ މަސައްކަތް ކުރަމުންނެވެ.
މިފަދަ މައްސަލަތަކުގެ އިތުރުން އަންދު ވިދާޅުވީ، ގެވެށި އަނިޔާ އާއި ޖިންސީ އަނިޔާގެ މައްސަލަތަކަށް މީހުން ހޭލުންތެރިކަން ބޭނުންވާ ކަމަށެވެ.
މަސްތުވާތަކެތީގެ ބިރުވެރިކަމޭ. މަށަކަށް ތިހެންވާހެން ހިއެއް ނުވޭ. ކޮންމެ ދުލަކުން މިގޮވަނީ ބޮޑެތި މުޖުރިމުންނަށް ހައްގޭ ހައްގޭ. ތިޔަ ކިޔާ ހައްގުތައް މަދުކޮށްފައި ޝަރުޢީ ކޯޓުގެ ބިތުގައި އޮންނަ ދުއްރައިން އަދަބުދޭން ގޮވާލައި މުޒާހަރާއަކަށް ނުކުތީ ކާކުތަ! އާއިލާގައި ހުންނަ ނުބައި ނުލަފާ މުޖުރިމު ކަލޭގެ ޖަލަށް ލާއިރަށް އާއިލާގެ އެންމެން އަހަރެމެންގެ އާއިލާގެ ނުބައި ނުލަފާ މުޖުރިމު ކަލޭގެ ޖަލުގައި ހުރެގެން އާއިލާ ހިތްދަތިވެއްޖޭ ގޮވާނެ. ވޯޓު ނުދޭނަމޭ ގޮވާނެ. މީގެ އަސްލަކީ މުޖުރިމު ކަލޭގެ ކައިރީގައި ހުރީމާ އެކަލޭގެ ގެންނަ ބައިވަރުގަނޑު އާއިލާގެ އެންމެންނަށް ލިބޭތީ. އާއިލާގެ އެންމެން ކަމެއް ނުކޮށް ތިބެގެން އެފައިސާގަނޑުގައި ޖެހޭތީ. ނުބައި ނުލަފާ ލުއްޗާ ގާނޫނީ ވަކީލުން އެމީހާގެ ފަހަތުން ދުވާނެ.
ތިޔަ ނުފެތުރޭ ރަށެއް އެބައޮތްތޯ މި ރާއްޖޭގަ؟؟ ދެން ކޮންމެހެން އެހެންމީހުންގެ ބޮލުގަ އަޅުވާނެކަމެއް ނެތެއްނު.. ތިޔަ ބޯ މީހުން ތި ހޯދާނެ އެއްގޮތެއް ނެތިއްޔާ އަނެއްގޮތަކުންވެސް ތަނެއް ފަޅާފަ ނަމަވެސް..
ބޯންވާނެ ބޮވެންވާން ނޮބޮއެ ފަރަކު ނުޖެހޭނެ އެންމެން ހަމައިގަ ތިބޭނެ ކަމެއް ނެތޭ ބުނާ މީހާގެ ބަހަށް ހެއްލި ރަށް ހަލާކުވެފަ
ހައްލަކީ ރަށުގަ މަސްތުވާތަކެތި ބޭނުން ކުރާމީހުން ރަށުން ބޭލުމެވެ. އެހެން ހައްލެއް ނެތެވެ.
ސުރުޚީ ކިޔައިލުމުން ހީވަނީ މުޅި ރަށް ސަލާމަތް ނުވާ ހިސާބަށް ގޮސްފިހެން. ޚަބަރު ކިޔައިލުމުން އެ ޙާލަތެއް ނުފެނުނު.
އަޅުގަނޑު ދެކޭ ގޮތުގައި މަސްތުވާ ތަކެތީގެ ނުރައްކާތެރި ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް އޮތީ މައިގަނޑު ދެ ބޭހެއް. ފުރަތައީ،މައިންބަފައިން އެމީހުންގެ ދަރީން އިސްލާމީ ބިންގަލުގެ މަތީގައި ބަލާ ބޮޑުކޮށް ތަރުބިއްޔަތުކުރުން. ތައުހީދުގެ މައްޗަށް އިމާރާތްކުރުން.
ދެވަނައީ، މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރިކޮށް، އެ ބޭނުންކުރާ މީހުންނަށް މަރުގެ އަދަބު ކަނޑައެޅުން.
މިހާރުގެ މިސާލަކީ ޓީބީ ޖެހިފާ ހުރި މީހަކަށް އަރިދަފުސް ރޯގާގެ ބޭސް ދޭން އުޅޭ ގޮތުގެ މިސާލެއް. އެހެންވެގެން މިދާކަށް ދުވަހު އައި ވެރިއެއް ޖައްސަމުން ޖައްސަމުން ފަރުވާކުރާ ނިޒާމުގެ ބޭސްގަނޑެއް ވެސް އަޅައިދިން. އެއިން އެއްވެސް ބޭސްގަނޑަކުން އަސަރެއް ނުކުރަނީ ކީއްވެތޯ؟ ޖަވާބަކީ ބަލި ފަސޭހަވާނީ އެ ބައްޔެއްގެ ބޭސްގަނޑު އަޅައިގެންނޭ. އޭރުން ﷲ ގެ މިންވަރުފުޅުން އެ ބަލި ފަސޭހަކޮއްދެއްވާފާނެ. އިންޝާﷲ.......
މަސްތުވާތަކެތި އެއީ ދައުލަތުން ކުރުވާކަމެއް. އެހެން ނޫންނަމަ ފުރަތަމަ ރާ އެތެރެ ކުރުން މަނާކުރާނެ.