(ހއ. އިހަވަންދޫ) "މިހާރު މަސް ދޯންޏެކޭ، ރަށެއްގެ ގެއެކޭ އެއް ގޮތް ވާނެ، ކައްކަން ހުންނާނެ، އޭސީ ކޮޓަރިތައް ހުންނާނެ، ފްރިޖް ހުންނާނެ، ދޮންނަ މެޝިން ވެސް ބައެއް ދޯނިތަކުގައި ހުރޭ، ޖީޕީއެސް، ފިޝް ފައިންޑަރު، މިހެން ކިޔާނެ ކަމެއް ނެތް، މަސްވެރިން ވަރަށް ސްޕީޑްގައި އަމިއްލަ ސިނާއަތް ކުރިއަރުވާލިއިރު، ސަރުކާރުގެ ސްޕީޑް އެއާ ގާތް ވެސް ނުކުރެވޭ،"

ރާއްޖޭގެ އެންމެ އުތުރުގައި މަސްވެރިކަމުގެ ފޯރި އޮންނަ ހއ. އަތޮޅު އިހަވަންދޫއަށް "ވަގުތު ހޭރިޔާ" ނޫސްވެރިން ކުރި ޒިޔާރަތުގައި، ބައްދަލުވި މަސްވެރިއެއް އޭނާގެ ޝުއޫރުތައް ފެށީ މި ޖުމުލަތަކުންނެވެ. މަސްވެރިންގެ ސިނާއަތް ކުރިއަށް ޖައްސާލަން މަސްވެރިން އަމިއްލައަށް ކުރި މަސައްކަތްތައް ވަރަށް ގިނައެވެ. އޮޑިދޯނި ވެރިންނާއި، އޭގެ ކައްޕިންނާއި ކެޔޮޅުންނާއި ފަޅުވެރިން އެންމެން މަސައްކަތް ކޮށްގެން، ދައްކަނީ މުޅި ދުނިޔެއަށް ވެސް މިސާލެކެވެ. ތިމާވެއްޓާ ރަށްޓެހި އަދި ދެމެހެއްޓެނެވި ގޮތެއްގައި މަހުގެ ފައިދާ ލިބޭނެ މަސްވެރިކަމެކެވެ.

އެކަމަކު އެއާ ގާތަށް ވެސް ދިވެހި ސަރުކާރުން ސިނާއަތް ތަރައްގީ ކުރަން ކުރެވުނު ކަމެއް ނެތެވެ. ކޮންމެ ސިޔާސީ ޕާޓީއަކަށް ވެސް މަސްވެރިންގެ ވޯޓު މުހިންމެވެ. ކޮންމެ އިންތިޚާބެއްގައި މަސްވެރިންނަށް ޚާއްސަ ވައުދުތަކެއް ވާނެއެވެ. "ބެޔަސް ނުބެޔަސް" ފައިސާ ދޭނެ ވައުދުތަކެވެ. ކަނޑުމަތީ "މަޖާކޮށްލެވޭނެ ޖަގަހަތަކެއް" ގެ ވައުދުތަކެވެ. މިހާ ބޮޑު ވައުދުތައް ވެގެން ސަރުކާރު ގާއިމް ވިޔަސް، މަސްވެރިންގެ އާންމު ޝަކުވާތަކަށް ވެސް ސަރުކާރުތަކަށް އެކަށޭނަ ހައްލުތަކެއް ދެއްކިފައެއް ނެތެވެ.

ކިރާ މަހަށް ހަމަ އަގެއް ނުލިބުމާއި، މަސް ނުކިރި އެތައް އިރަކު ކިއޫއެއްގައި ތިބެން ޖެހުމާއި، ކިރާ މަސްކޮޅަށް ވަގުތުން ފައިސާ ނުލިބި އެތައް ދުވަހެއް ލިބުމާއި، ބޭނުންވާ މިންވަރަށް އައިސް ނުލިބުމާއި، އައިސް ނުލިބި ބާނާ މަސްކޮޅު އުކާލަން ޖެހުމާއި، އުތުރުގައި މަސް ރައްކާ ކުރާނެ ކާރުޚާނާއެއް ނެތުމުން އުތުރުގައި މަސްވެރިކަން ރަނގަޅު ދުވަސްވަރެއްގައި ތެލަށް އެތައް ޚަރަދެއް ކުރަން ޖެހުމާއި، އެ ދުވަސްވަރު އައިސް ނުލިބިއްޖެނަމަ ބާނާ ގިނަ މަސް ނުވިކި ބޭކާރު ވެގެން ދިއުން ފަދަ އެތައް ޝަކުވާއެކެވެ.

ހއ. އިހަވަންދޫ ބަނދަރު މަތިން ނަގާފައިވާ ފޮޓޯއެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އިހަވަންދޫގެ މަސްވެރިންގެ ފަރާތުން ވެސް އިވުނީ ހަމަ މި ޝަކުވާތަކެވެ. މަސްވެރިންނަށް މާ ބޮޑެތި ވައުދުތައް ސަރުކާރުތަކުން ވަމުންދާއިރު، އެއިން ކަމެއް ނުކޮށްދިނަސް މަސްވެރިންނަށް ވަރިހަމައެވެ. މަސްވެރިންގެ އޮތީ ހަމަ ކުޑަކުޑަ އެދުމެކެވެ. އެ ބޮޑު ވައުދުތައް ބާއްވާފައިވާ މަސްވެރިންނަށް ދިމާވެފައިވާ މި ދަތިތައް ހައްލުކޮށްދެނިކޮށް އެންމެ ރަނގަޅެވެ. ފުރަތަމަ އެ ކަންކަން ކޮށްދޭށެވެ. އެކަމަކު ބޮޑު ވައުދުތައް ނުފުއްދި ތިއްބައި، މި މައްސަލަތަކަށް ވެސް ހައްލެއް ލިބިގެން ނުދާތީ މި ރަށުގެ މަސްވެރިން ދެކެނީ ސަރުކާރުން "އަނިޔާ" ދެނީ ކަމުގައެވެ.

އިހަވަންދޫގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކުގެ ވާހަކަ އަހާލުމުން މަސްވެރިންގެ ޖަވާބު އަންނަނީ މިފަދަ ގޮތަކަށެވެ. އެ މަސްވެރިން ފާހަގަކުރާ ގޮތުގައި އެ މައްސަލަތައް ހައްލު ނުވެ އޮތް ހާލުގައި، ސަރުކާރުން ރަށުގައި ހިންގާ މަޝްރޫއުތަކާ ހުރެ ވެސް މަސްވެރިންނާއި އޮޑިދޯނި ފަހަރުތަކަށް ދިމާވަނީ އިތުރު ތުރާތަކެވެ. އިތުރު ދަތިތަކަކާއެވެ. އެންމެ ބޮޑު ޝަކުވާއެއް ފާހަގަކުރަނީ އިހަވަންދޫ ފަޅު އޮތް ގޮތަށެވެ. މަސްވެރި އުޅަނދުފަހަރުތައް ކޮންމެ ކޮންމެ ތަނެއްގައި ބޭއްވެން ނެތިގެން ހުރިހާ އުޅަނދެއް އޮންނަނީ ބޭއްވެން އޮތް އެއް ދިމާއެއްގައި ތޮއްޖެހިގެންނެވެ.

ހއ. އިހަވަންދޫ ފަޅު ކޮންނަމުންދާ ގޮތުން އުޅަނދުތައް ބަނދަރު ކުރަންޖެހިފައިވާ ގޮތް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ހއ. އިހަވަންދޫ މާވެހި ދޯނީގައި މަސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ މުހައްމަދު ސައީދު ބުނި ގޮތުގައި އިހަވަންދޫ މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއަކަށް އޮތީ މިހާރު ފަޅު ކޮނެމުންދާ ގޮތެވެ. ފަޅު ކޮންނަމުންދާ ގޮތުގެ ސަބަބުން ދޯނިތައް ބެހެއްޓެނީ ވަކި ހިސާބުތަކެއްގައެވެ. އެތައް މަސްވެރި ދޯންޏަކާއި މުދާ އުފުލާ ދޯންޏެއް އޮތް އިހަވަންދޫ ފަޅު އެ ގޮތަށް އޮތުމުން ދޯނިތައް ފަޅުގައި އޮންނަން ޖެހެނީ ބަރިބަރިއަށެވެ.

"ފަޅު ކޮނެފައި އޮތް ގޮތުން އަޅުގަނޑުމެން އެބަ އުޅެން ޖެހޭ ދޯނި ނޭޅިގެން ގަޑިއިރު ދެގަޑިއިރު. ދޯނި އަޅާނެ ތަންކޮޅެއް ނުލިބިގެން. ވަށައިގެން ބެދެވިގެންދާ ގޮތަކަށް މި ކޮނެވެނީ. މި އޮންނަނީ އަބަދުވެސް ކިލަނބު ވެފަ. އެން ކޮޅެއް އަޅައިގެން އައިސް ޕްލާންޓްއާ ހަމައަށް އަންނަން ޖެހޭ ބައެއް އަޅުގަނޑުމެންނަކީ." މުހައްމަދު ސައީދު ބުންޏެވެ.

ސައީދު ބުނި ގޮތުގައި، ދެ އަހަރު ދުވަހު ތެރޭގައި މި ފަޅު ނިންމާނެ ކަމަށް ސަރުކާރުން އޮތީ ބުނެފައެވެ. އެކަމަކު ފަޅު ކޮންނަމުންދާ ގޮތާ މެދު ވެސް އިހަވަންދޫގެ ގިނަ މަސްވެރިންގެ ހުރި ޝަކުވާތައް ފާހަގަކޮށް ސަރުކާރާއި ކައުންސިލާ ވެސް ޚިއްސާ ކުރެއެވެ. ފަޅު ކޮނެވޭ ގޮތުގެ މައުލޫމާތެއް ވެސް މަސްވެރިންނަށް އެކަށޭނަ ގޮތަކަށް ލިބިފައެއް ނެތެވެ. އެނގޭހާ ވެސް ކަމަކީ ކޮންނަމުންދާ ގޮތުން އިތުރު ތަކްލީފްތައް ޖެހި، ދީފައިވާ ތާރީޚްތަކަށް މަސައްކަތް ނިމެމުން ނުދާތީ މަސްވެރިން ތިބީ ކަންބޮޑުވުމެއްގެ ތެރޭގައި ކަމެވެ.

ހއ. އިހަވަންދޫ ބަނދަރު މަތިން ނަގާފައިވާ ފޮޓޯއެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"އެއްކަލަ މާލޭ ފަޅުގައި އޮޑިފަހަރުން ފައުސާ އުސޫލުން ފާބަން މި ޖެހެނީ. މަހެއް ބާލަން ޖެހުނަސް އެއް އޮޑިން އަނެއް އޮޑިއަށް ލޭ އެޅޭ ކަހަލަ ގޮތަކަށް. ގިނަ ފަހަރަށް އައިސްފަ އޮޑި ގާތްކޮށްލާނެ ދިމާއެއް ނެތިފަ. ފަޅު ނުކޮންނަ ރަށަކަށް ވުރެ މި ފަޅު ކޮންނަ ރަށުގައި ފަޅުގެ ދަތިކަން މާ ބޮޑު އަސްލު." އޭނާ ބުންޏެވެ.

މީގެ ސަބަބުން ޚަރަދުތައް ބޮޑުވާ ކަމަށް ސައީދު ބުންޏެވެ. ދޯނި ފަހަރު އަޅަން ޖެހޭ ގޮތުން ފަޅުގައި އެތައް ވަލެއް ދަމަން ޖެހެއެވެ. އެހެންވެ ދޯންޏެއް ފަޅަށް ވަންނަ އިރަށް އެ ދޯނީގެ ބުރަފަތީގައި ވާ އެޅުން ފަދަ ކަންކަން ދިމާވާލެއް ގިނަ ކަމުގައި އޭނާ ފާހަގަކުރެއެވެ.

"އެހާ ވެސް އުނދަގޫ ފަޅެއް މިއީ. އެ ވަރަށް ވާވެލާވެލި އޮތް ފަޅަކަށް އެހެން އޮޑިއެއް ވަނީމަ އެ އޮޑީގެ ބުރަފައްޗަށް އެ ވަލެއް އޮޅި މި ކަހަލަ އެތައް ދައްޗެއް ކުރިމަތިވޭ. މިހެންވާތީ ބައެއް މަސްމަހު 25، 30 އާ ވާ ގަންނަން ޖެހޭ. މިއީ ހަމަ މާލީ ގޮތުން ވެސް އަންނަ ގެއްލުންތަކެއް ދޯ." ސައީދު ބުންޏެވެ.

ހއ. އިހަވަންދޫ ބަނދަރު މަތިން ނަގާފައިވާ ފޮޓޯއެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އުމުރުން 15 އަހަރުން ފެށިގެން މަސްވެރިކަން ކުރަމުންދާ މުހައްމަދު ހަނީމް ވެސް އެންމެ ބޮޑު ކަމަކަށް ފާހަގަކުރަނީ ފަޅު ކޮނެމުންދާ ގޮތުގެ ސަބަބުން އަންނަ ދަތިތަކެވެ. ދޯނިތައް އަޅާފައި އޮންނަ ގޮތުން، ދޯނީގެ ރައްކާތެރިކަމަށް ޓަކައި އަބަދުވެސް ދޯނީގައި މީހަކު ހުންނަން ޖެހޭ ހާލަތުގައި ތިބި ކަމަށް އޭނާ ބުނެއެވެ.

"ފަޅު މި އޮންނަ ގޮތުން ގިނައިން މި އަޅަން ޖެހޭ ގޮތަކީ ދޯނި ކައިރީ ދޯނި ބާއްވާ ގޮތަށް. އެއްވެސް ވަރަކަށް ދޯނި ދޫކޮށްލާފައި ދެވޭ ގޮތެއް ވެސް ނޯވޭ މި އޮތް ގޮތަކުން. ވަރަށް ބޮޑަށް ބޮޑު ރާޅު އެއްލާ ސަރަހައްދެއްގައި ދޯނި ފަހަރު އަޅައިގެން މި އޮންނަން ޖެހެނީ ވެސް." މިހާރު އުމުރުން 44 އަހަރުގެ އެ މަސްވެރިޔާ ބުންޏެވެ.

މަސްވެރިކަން ކުރާތާ 15 އަހަރު ވެފައިވާ ހއ. އިހަވަންދޫ ފައިރަލް ދޯނީގެ ކައްޕި އަބްދުލް ރަޝީދު ބުނީ އިހަވަންދޫ މަސްވެރިން އެހާ ތުރާތަކާއި ތަކްލީފްތަކަށް ހައްލެއް ނެތް އިރު އޭނާގެ ކަންބޮޑުވުން އަންނަނީ ބޮޑެތި ޝަކުވާތަކަށް ކަމަށެވެ. އައިސް ޕްލާންޓްގައި އައިސް ލިބޭލެއް މަދެވެ. މަސް ކިރަން މާ ދުރަށް ދާން ޖެހޭ އިރު އިހަވަންދިއްޕޮޅު ސަރަހައްދަކީ މަސްވެރިކަމަށް ރަނގަޅު އެއް ސަރަހައްދެވެ.

"މި ހިސާބުގައި ކިތަންމެ މަސްވެރިކަން ރަނގަޅު ވެގެން ދިޔަ ކަމުގައި ވިޔަސް މަސް ކިރޭނެ އެއްވެސް ކަހަލަ ނިޒާމެއް ސަރުކާރުން ހަމަޖައްސާފައި ނެތް. ލިބޭ މަސްކޮޅު ހަލާކުވާހާ ދުވަސް ވިޔަސް މާލެއާ ހަމައަށް ނޫނީ ޅ. އާ ހަމައަށް އެބަ ދަތުރު ކުރަން ޖެހޭ. އެހެންވެ އެއް ހަފުތާ ދެ ހަފުތާ ގެއްލެން ޖެހޭ. ބޮޑެތި ޚަރަދުތައް ވެސް އެބަދޭ. ތިން ހަތަރު ފީފާ ތެލުން ހަމަޖައްސާލަން ޖެހޭ." އޭނާ ބުންޏެވެ.

ހއ. އިހަވަންދޫ މަސްވެރިން މަހަށް ނުކުމެ އުޅެނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އިހަވަންދޫގެ އާ ކައުންސިލްގެ ޕްލޭންގެ މައިގަނޑު އެއް ދާއިރާއަކީ ވެސް ބަނދަރުގެ ޚިދުމަތްތަކެވެ. ކައުންސިލްގެ ރައީސް އަހްމަދު ސަބާހް ވިދާޅުވީ، ފަޅުގެ މަސައްކަތް އެއްކޮށް ނިމުމުން ދިމާވެފައިވާ ދަތިތަކުގެ މައްސަލަ ހައްލުވާނެ ކަމަށެވެ. ސަރުކާރާ ކުރެވުނު މަޝްވަރާތަކުން އެކަން ޔަގީން ކޮށްފައިވާ ކަމަށާއި ފަޅުގެ މަސައްކަތް ނިމޭނެ ކަމަށް ސަރުކާރުން މިހާރު ދީފައިވާ ތާރީޚަކީ ސެޕްޓެމްބަރު މަސް ކަމަށް އޭނާ ވިދާޅުވިއެވެ.

ޕީޕީއެމްގެ ކައުންސިލަރު ސަބާހް ވިދާޅުވި ގޮތުގައި، ފަޅު ނިމުމުން ކައުންސިލްގެ ފަރާތުން ފަޅު ތަރުތީބު ކުރުމުގެ މަސައްކަތެއް ހިނގާނެއެވެ. މި ގޮތުން ފެރީ އުޅަނދުފަހަރުތަކަށް ޚާއްސަ ސަރަހައްދަކާއި މަސްވެރި އުޅަނދު ފަހަރާއި މުދާ އުފުލާ އުޅަނދުފަހަރަށް ސަރަހައްދުތައް ވަކި ކުރެވޭނެއެވެ. އޭރުން މަސްވެރިންނަށް އަރާ ފާބާ މަސް ނަގައިގެން ދިއުމުގެ ކަންކަން ކުރަން ފަސޭހަ ވެގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު ވެސް މަސައްކަތް މި ކުރަނީ ބަނދަރުން ލިބެން ޖެހޭ ޚިދުމަތްތައް ވެސް ދިނުމަށް، ބޭނުންވާ ކަރަންޓާއި ފެނުގެ ޚިދުމަތް ދެވޭނެ، ބިލު ކުރެވޭނެ އުސޫލަކުން މި ޚިދުމަތްތައް ދޭނީ، އަދި އައިސް ބޭނުންވާ ދޯނި ފަހަރު ކައިރިކޮށް ފަސޭހައިން ނެގޭ ގޮތަށް ރަނގަޅު ފެންވަރުގެ ސިޑިބަރިތަކެއް ވެސް އަޅުގަނޑުމެން ހަދާނެ،" ސަބާހް ވިދާޅުވިއެވެ.

ހއ. އިހަވަންދޫ ކައުންސިލްގެ ރައީސް ސަބާހް؛ ވަގުތު އިމޭޖަސް- އަހްމަދު މަމްދޫހް-

އިހަވަންދޫ މަސްވެރިން ވެސް އުއްމީދެއް ދުލެއް ނުކުރެއެވެ. "އަނިޔާއާއި ތުރާއާއި ތަކްލީފް" ނިމިގެން "ލުޔާއި ހިތްހަމަޖެހުން" ލިބޭނެ ދުވަހަކަށް އެ މަސްވެރިން ތިބީ އިންތިޒާރުގައެވެ. އަޑު އުފުލަން މަސްވެރިން ފަސް ނުޖެހޭނެ ކަން މާޒީން ވެސް އޮތީ ދައްކުވައިދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކާފަ

    ތިއީ އިއްޔެ މިއަދުވީކަމެއްނޫން ކޮއްކޯ..ތިއީ ޔާމީން ސަރުކާރުގައިވެސްހަމަ ​ މަސްވެރިން އުޅުނުހާލު.. މަސްވެރިންކުރިއެރީފިޝަރީޒްމިނިސްޓރީއާއިސަރުކާރުތައްފެއިލްވީ..

    5
    15
  2. ޕސޓ

    އައި ހެވަން ކޮބާ

  3. އެދުރުބެ

    މަސްވެރިކަން ކުރާކަށް ނުޖެހޭ. ރައިށް ޔާމީންގެ އައިހެވަންއާއަދި ރަން 05 އަހަރާއި އެކު އިހަވަންދޫ ވަނީ ތަރައްޤީވެ ބޮއްސުންލާފައި.