(ހއ. މޮޅަދޫ) ތިލަދުންމަތީ އުތުރުބުރީ މޮޅަދޫއަކީ މުޅި ހއ. އަތޮޅަށް ނަޒަރު ހިންގާލާއިރު ވެސް އެންމެ ތަފާތު، އެންމެ ޗާލު އެއް ރަށެވެ. ގުދުރަތީގޮތުން މުއްސަނދި ބިން ބޮޑު، ނަމަވެސް ނިސްބަތުން އެންމެ އާބާދީ ކުޑަ އެއް ރަށެވެ. މަސައްކަތްތެރިކަމާއި އެކުވެރިކަމާއި އެއްބައިވަންތަ ރައްޔިތަކު ސާދާ ދިރިއުޅުމެއް ވޭތުކުރަމުން އަންނަ، މީގެ ކުރިން ގިނަ ބަޔަކު ދިރިއުޅުނު، މުއްސަނދި ދިގު ތާރީޚެއް އޮތް ރަށެކެވެ. ރަށުގެ ވަށައިގެން ފެންނަ ނަލަކަމާއެކު، ހެދިފައި ހުރި ބޮޑެތި ބިޔަ ގަސްތަކާއި ރުއްތައް ފަހަނައަޅައި މީހުން ދިރިއުޅޭ ހިސާބަށްދާއިރު އަދިވެސް ފެންނަ ހިތްގައިމު ކަމަކީ ދިވެހީންގެ އެވޭލާ ޒަމާނުގެ ސިފަތައް މުޅީން އެކީ މިރަށުން ގެއްލި ނުގޮސް ހުރި ހުރުމެވެ.

ސަތޭކަ އަށާރަ ހެކްޓަރުގެ ބިން އޮންނަ މޮޅަދޫގައި މިހާރު މީހުން ދިރިއުޅެނީ ބިމުގެ ނިސްބަތަށް ބަލާއިރު ވަރަށް ކުޑަ ސަރަޙައްދެއްގައެވެ. ކުރީ ޒަމާނުގައި މިރަށުގައި ގިނަ ބަޔަކު ދިރިއުޅެފައިވާކަން ތާރީޚު ހެކި ދިން ނަމަވެސް މިއަދު ރަށުތެރެއިން ފެންނާން ހުރީ އެކަމުގެ މަދު ނިޝާނެކެވެ. އޭގެތެރެއިން ކުރީ ޒަމާނުއްސުރެ ރަށުގައި ކަނޑާފައި ހުރި މަގުތަކުގެ ވާހަކަ ފާހަގަކޮށްލެވެއެވެ. އޭރުއްސުރެ މަގުތަކުގެ އަސްލާއި، ދީފައި ހުރި ނަންތަކަށް މޮޅަދޫ ރައްޔިތުން މިއަދާ ހަމައަށް ފަރިތަވުމަކީ މިރަށުގެ ދިގު ތާރީޚު މުޅީން އެކީ ގެއްލިނުގޮސް އޮތް އެއް ސަބަބެވެ.

ހއ. މޮޅަދޫ ބޯފެންވަޅު މަގު -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މޮޅަދޫ ބިމުގެ ބޮޑުކަމާއެކު ވެސް މިރަށުގައި މަގުތައް މަދެވެ. މިރަށުގައި މައިގަނޑު ގޮތެއްގައި ބޭނުންކޮށް އުޅެނީ ދިހަ ވަރަކަށް މަގެވެ. މީގެ ތެރެއިން ގިނަ މަގުތަކަކީ ހޭޅިފަށަށް ނިކުމެވޭ ގޮތަށް އެންމެ ކުރީއްސުރެ ކަނޑާފައި ހުރި މަގުތަކެވެ.

ތާރީޚަށް ބަލާއިރު މޮޅަދޫގައި ކުރިން މަގެއްގެ ގޮތުގައި ރަސްމީކޮށް ހެދި ފުރަތަމަ މައިމަގަކީ މިރަށުގެ އަމީނީ މަގެވެ. މި މަގަކީ ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ވެރިކަން ކުރެއްވި ރައީސް މުޙައްމަދު އަމީން ދީދީގެ ވެރިކަމުގައި ހަދާފައި އޮތް މަގެކެވެ. އެޒަމާނުގައި މަގުތަކަށް ހެދުމަށް ރާނާ މަގުފާރު، ނޫނީ އޭރުގެ ނަމުން ނަމަ ރަށްވެހިކަމުގެ ފާރު މޮޅަދޫގައި ރޭނީ އަމީނީ މަގުގައެވެ. މި މަގަކީ މިރަށުގެ އެއްބިތުން އަނެއް ބިތަށް ނިކުމެވޭހެން މިއަދުވެސް ބޭނުންކުރާ އެންމެ ދިގު އަދި އެންމެ މައި މަގެވެ.

މޮޅަދޫ އަމީނީ މަގުގެ އިތުރުން މިރަށުގައި މައިގަނޑު ގޮތެއްގައި ބޭނުންކުރާ އަށް މަގެއް އޮވެއެވެ. ފެންނަ ފެނުމަށް މާބޮޑު ތަފާތެއް ފެންނާން ނެތަސް މި މަގުތައް މާ ތަފާތު ވެގެން އުޅެނީ މަގުތަކަށް ދީފައި ހުރި ނަން ނަމުގެ ސަބަބުންނެވެ.

ހއ. މޮޅަދޫ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ކޮށިމަގާއި، ގަބުޅިބޭ މަގާއި، ބިސްކޮންނަ މަގާއި، ބޯފެންވަޅު މަގާއި ނެރުގަނޑު މަގާއި، ކަތްދަ މަގާއި، ކާސިމްބެ މަގާއި ދަށްކިބާ މަގާއި ކަނޑޫފާ މަގު އަދި އަލަށް ކޮށި މަގާއި ތުނޑި މަގަކީ މިރަށު މީހުންނަށް އާ ނަންނަމެއް ނޫނެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިފައި އޮންނަނީ، ގަބުޅިބޭ މަގާއި ކަތްދަމަގާއި ބިސްކޮންނަ މަގަށެވެ.

މޮޅަދޫ މީހުން ބުނާގޮތުން އެރަށުގެ މަގުތަކަށް މިހާރުވެސް މީހުން ބޭނުންކުރަނީ މި ނަންތަކެވެ. އެއީ މަގުތައް ކެނޑީއްސުރެވެސް މި މަގުތަކަށް ދީފައި ހުރި ނަން ނަމެވެ. މިރަށުގެ ރައްޔިތުން ރަށުގެ މަގުތަކަށް މާކުރީ ޒަމާނުގައި ދެވުނު ނަންތައް އަދިވެސް ބޭނުންކުރަނީ ތާރީޚު ދެމެހެއްޓުމަށް ކުރާ މަސައްކަތެއް ކަމަށް ދެކިގެންނެވެ.

މޮޅަދޫ ތާރީޚު ދިރާސާކުރާ ފަރާތެއް ކަމަށްވާ މުޙައްމަދު މޫސާ (މުހައްމަދުބެ) "ވަގުތު" އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، މިހާރު މި މަގުތައް ފުޅާކޮށް ބޮޑުކޮށް ފެންނާން އޮތަސް އޭރު އެއީ ވަލުތެރެއިން މީހުން ހިނގާބިނގާވެ އުޅެއުޅެ "ރޮނގުތަކެއް" ހެން ހެދިފައި ހުރި މަގުތަކެއް ކަމަށެވެ. އަދި މަގުތަކަށް އޭރު ނަންދެވިފައި ހުރީވެސް އެމަގެއްގައި ހިނގި ކަމެއް، ނުވަތަ އެމަގެއް ފުރަތަމަ ބޭނުންކުރި މީހެއް ނުވަތަ މަގުކޮށި މީހެއްގެ ނަމާ ގުޅުވައިގެން ކަމަށް އޭނާ ބުންޏެވެ.

މޮޅަދޫ މުހައްމަދުބެ ވަގުތަށް މަޢުލޫމާތު ދެނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"ބައެއް މީހުންނަށް މި ނަންތައް ވަނީ ހެއްވާ ކަމަކަށް. ނަމަވެސް މި ނަންތައް ހެދުނު ގޮތަށް ބަލާއިރު މިއީ ރާއްޖޭގެ އެހެން ގިނަ ރަށްރަށުގައި ކަން ވެފައި އޮންނާނެ ގޮތް. ގިނަ ރަށްރަށުގައި އޭރު ބޭނުންކޮށް އުޅުނު ނަންތައް ބަދަލުވެ، އުވިގެން ދިޔަގޮތަށް މިރަށުގައި ބަދަލުނުވެ ބޭނުންކުރެވެމުން މި އައީ،" މުހައްމަދުބެ ކިޔައިދިނެވެ.

މޮޅަދޫ ބައެއް މަގުތަކަށް ވަކިވަކީން ނަޒަރު ހިންގާލާއިރު ވެސް ފެންނާން އޮތް ހަގީގަތަކީ މިއީއެވެ. މިގޮތުން މިރަށުގައި "ކަތްދަ މަގު" ގެ ނަމުން ނަންދީފައި އޮންނަ މަގަކީ ވަރަށް ކުރީ ޒަމާނެއްގައި ރަށުގައި ދިރިއުޅުނު މީހަކު އަމިއްލައަށް ކޮށައިގެން ހެދި މަގެކެވެ. އެ މަގު ކޮށި މީހާއަކީ ކަތްދަ ކިޔާ މީހެކެވެ. ކަތްދަ ކޮށި މަގަކަށް ވާތީ މަގަށް ދެވުނީ "ކަތްދަ މަގު" ގެ ނަމެވެ. ހަމަ އެގޮތަށް "ކާސިމްބެ މަގު" ގެ ގޮތުގައި ނަން ދީފައި އޮންނަ މަގަކީ ކާސިމްބެ ނަމަކަށް ކިޔާ މީހަކު ކޮށާފައި އޮތް މަގެކެވެ.

ހއ. މޮޅަދޫ ދަށްކިބާ މަގު -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މޮޅަދޫ "ދަތްކިބާ" މަގަށް ނަން ދެވުނީ އޭރު އެމަގަކީ ރަށުގެ އެންމެ ދަށްބިތުގައި އޮތް މަގަކީ އެމަގަށް ވާތީއެވެ. އަދި މިރަށު "ބޮފެންވަޅު" މަގަށް ނަންދީފައިވަނީ ރަށުގައި މީގެ ކުރިން މީހުން ފެންބޮއެ އުޅުމަށާއި ކެއްކުމާއި އެނޫންވެސް ބޭނުންތަކަށް ބޭނުންކުރި ވަޅެއް، މަގުގައި ހުންނަ ހުރުމަށް ނިސްބަތްކޮށެވެ.

މިރަށުގެ ކަނޑޫފާ މަގަކީ ކަނޑޫފަލަށްދާން ޚާއްސަކޮށްގެން ޒަމާނުއްސުރެ ބޭނުންކުރާ މަގެވެ. "ކަނޑޫފާ މަގު" ގެ ނަމުން އެމަގަށް ނަންދެވުނީ އެހެންވެގެންނެވެ. ހަމަ އެފަދައިން ތުނޑި މަގަށް ނަންދެވުނީ، އެ މަގަކީ ރަށުގައި މީހުން ދިރިއުޅޭ ހިސާބާއި ދުރުގައި އޮންނަ ބޮޑު ތުނޑިއަށް ނިކުންނަށް އޭރު އޮންނަ ހަމައެކަނި މަގަކީ އެމަގަށް ވާތީއެވެ. އަދި އަލަށް ކޮށި މަގަކީ މީގެ ކުރިން ބެދިފައި އޮތް، ނަމަވެސް ފަހުން ހޭޅިފަށަށް ނިކުމެވޭނެހެން ކޮށި މަގެކެވެ. މި މަގަކީ ކުރިން އޮތް ގޮތަށް ވަކި ހިސާބަކަށް އޮއްވައި އަލަށް ކޮށައިގެން ހެދި މަގަކަށް ވާތީ މި މަގަށް ކީ ނަމަކީ "އަލަށްކޮށި މަގު" އެވެ.

މީގެ އިތުރުން މިރަށުގައި "ގަބުޅިބޭ މަގު" ގެ ނަމުން މަޝްހޫރު މަގުގެ ވާހަކައަކީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭ ވާހަކައެކެވެ. މި މަގަކީ ވަރަށް ކުރީގައި ރަށަށް އީޓު ހިފައިގެން ދިޔަ ދިއްދޫ ދަންނަކަލޭފާނު، ބައްތެއްޔެއްގައި އީޓު ބާލައިގެން ފަސޭހައިން މީހުން އުޅޭ ހިސާބަށް އެތަކެތި ގެންދިޔުމަށް ކެނޑި މަގެކެވެ.

މި މަގަށް "ގަބުޅިބޭ މަގު" ގެ ނަމުން ނަންދެވުނީ ކުޑަ ކުއްޖަކަށް އެމަގުން ގަބުޅި އިހަލެއް ޖަހައިގެން ދިޔަ މީހަކު ފެނިގެން ބިރުން ގެޔަށްގޮސް ދެއްކި ވާހަކަތަކަށްފަހު ކަމަށް ބުނެވެއެވެ. މިރަށު މީހުން ދެކޭގޮތުގައި އެމަގަށް ތަފާތު ގޮތަކަށް ނަންދޭން ދިމާވި ހާދިސާ އަކީ އެއީއެވެ.

ހއ. މޮޅަދޫ މަތިން ނަގާފައިވާ ފޮޓޯއެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"އެކުއްޖާއަށް ފެނުނީ ގަބުޅި އިހަލެއް ޖަހައިގެން މި މަގުން ދިޔަ މީހެއް. ފެނިގެން ބިރުން ގެޔަށް ގޮސް މި ބުނަނީ ގަބުޅިބެ އެބަ އާދެއޭ މި މަގުން. އެހާ ހިސާބުން މަގަށް ގަބުޅިބޭ މަގުގެ ނަމުން ނަންދެވިއްޖެ. އެކަމެއް ހިނގީ 1940 ގެ އަހަރުތަކުގައި ކަމަށް ބުނެވެނީ،"

މޮޅަދޫ ބިސްކޮންނަ މަގުގެ މާގިނަ ވާހަކަތަކެއް ނީވެއެވެ. ނަމަވެސް މިރަށް އޮންނަ ސަރަޙައްދަކީ ކުރީ ޒަމާނުގައި ގިނަ ޢަދަދަކަށް ވެލާ އުޅުނު ސަރަޙައްދެއް ކަން އެނގެއެވެ. އަދި މިރަށަކީ އޭރު ވަރަށް ގިނައިން، އަދި މިހާރުވެސް ޢާންމުކޮށް ވެލާ އަރާ ރަށެކެވެ. މިރަށު ބިސްކޮންނަ މަގަށް މި ނަން ދެވުނީ ވެލާ ބިސް ކޮންނަންދާން އެންމެ ޢާންމުކޮށް ކުރީގައި މީހުން ހޭޅިފަށަށް ނިކުމެ އުޅުނު މަގަކީ މި މަގުކަމަށް ވާތީ ކަމަށް ރަށުގެ ބައެއް މީހުން ބުނެއެވެ.

ހއ. މޮޅަދޫ މަތިން ނަގާފައިވާ ފޮޓޯއެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިއަދުގެ ތަހުޒީބު މުޖުތަމަޢަށް، މޮޅަދޫ މަގުތަކަށް ކިޔައި އުޅުނު ނަންތައް ފަހަރުގައި "ޖޯކަކަށް" ވީނަމަވެސް، މިރަށުގެ ރައްޔިތުންނަށް މިއީ ވަރަށް "ސީރިއަސް" ނަން ނަމެވެ. މަގުތަކުގެ އަސްލު ނަންތައް މިއަދުގެ މުޖުތަމަޢަށް އިވުނީ، ޔަގީނުންވެސް ދުރު މާޒީ ގެއްލުވާނުލުމަށް މިރަށު މީހުން ކުރި ހިތްވަރުންނެވެ.

މީގެކުރިން ރާއްޖެއަށް ޒިޔާރަތްކުރި ބޭރުގެ މޮޅެތި ސައްޔާހުންގެ ލިއުންތަކުން ވެސް ފެންނަ ގޮތުގައި ދިވެހިންނަކީ ދިވެހި ސަގާފަތަށް ނިކަން އިސްކަންދޭ ބައެކެވެ. ކާބަފައިންގެ ޒަމާނުއްސުރެ އައި މި ރަނގަޅު އާދަ އަދިވެސް މޮޅަދޫގައި އިހުއޮތްހެން އެބައޮތެވެ. މީހުން ދިރިއުޅޭ ތަންތަނާ، މީހުން އާންމުކޮށް ނުދާ ސަރަހައްދުތަކަށް ބަލާލި ކަމުގައި ވިޔަސް މިކަމުގެ ފުރިހަމަ ހެކި މިރަށުން ފެންނާން އެބަހުއްޓެވެ.