(ހއ. މުރައިދޫ) މި ރަށުގެ ފަސްގަނޑު ރަނގަޅުވުމުގެ ނަތީޖާއެއްގެ ގޮތުން އެންމެ ގިނަ އިން ހެއްދޭ އެއްޗަކަށް ކެޔޮ ގަސް ވާނެއެވެ. ކެޔޮގަނޑު ވިއްކައިގެން މަހެއްގެ މައްޗަށް އެތައް ހާސް ރުފިޔާއެއް މި ރަށުގެ ރައްޔިތުން ހޯދައެވެ. ބައެއް މީހުންނަށް މަހަކު 5،000ރ. އަދި އެހެން ބައެއް މީހުން 10،000ރ. ރުފިޔާ ހޯދަނީ ވެސް މަދެއްކޮށެއް ނޫނެވެ. ރަށުގެ ރައްޔިތުން މިކަން ކުރާތާ އެތައް އަހަރެއްވެއްޖެއެވެ.

މިރަށު މީހުންނަށް މި މަސައްކަތުން އާއްމުދަނީ ހޯދުމަށް އެންމެ ބޮޑު އެހީއެއް ވެދެނީ ހއ. މުރައިދު އަށް އުފަން އެ ރަށު ކޫލް ގްރާސްގޭ އަބްދުއް ރައްޒާގް 48، އެވެ. އޭނާއަކީ މި ރަށު ރައްޔިތުން ހައްދާ ކެޔޮގަސް ދަނޑުތަކުން ކެޔޮކަނޑައިދީ އެ މީހުންނަށް ނަފާ ހޯދުމުގައި އެހީތެރިވެ އުޅޭ މީހާއެވެ.

ހއ. މުރައިދޫގައި ހައްދާފައިވާ ކެޔޮ ގަހަކުން ކެޔޮގަނޑެއް ފެންނަ ފޮޓޯއެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ރައްޒާގް މި މަސައްކަތް ފެށީ އެ އަތޮޅު ބާރަށު މީހެއްގެ އެދުމުގެ މަތިން ކެޔޮގަނޑެއް ކަނޑައިގެން ގެންދިޔަ ހިސާބުންނެވެ. ފުރަތަމަ ރައްޒާގް ކެޔޮގަނޑު ކަނޑައިގެން ގެންދިޔައީ އެ ބާރަށު މީހާއަށް ވިއްކަމުންނެވެ.

"އޭނާ ބުނާ ވަރަކަށް ކިލޯ ހޯދައިގެން މިރަށުން ނެރެފައި އޭނާ ބޭނުންވާ ވަރަކަށް ކިލޯ އޭނާއަށް ދީފައި، އޭނާގެ އަތުން ފައިސާ ނަގާފައި ކޭލުގެ ވެރިންނަށް ހަމަ ބަހާނީ، އެ ހިސާބާއި އެއްޗެހިވެސް ބުނާނެ، ކިތައް ކިލޯއޭ ކިޔާފައި". ރައްޒާގް ކިޔައި ދިނެވެ.

ހއ. މުރައިދޫގައި ހައްދާފާއިވާ ކެޔޮ ނިރު ފީންޏެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ރައްޒާގް މިކަން ކުރަމުން ދަނީ ރައްޔިތުންނަށް އެއްވެސް ކަމެއް ފޮރުވުމެއް ނެތިއެވެ. މިރަށު ބައެއް ރައްޔިތުންގެ ދަނޑުތައް އޮންނާނީ އޭނާއާ ހަވާލުކޮށްފައެވެ. އޭނާގެ ބެލުމުގެ ދަށުން ދަނޑުތަކުން ކެޔޮކަނޑައިގެން ގޮސް ވިއްކައިގެން ރައްޔިތު މީހާ އަށް އެ ފައިސާ ހިފައިގެން ގޮސް ދެނީ ރައްޒާގެވެ. ރައްޔިތުން އެ ޒިންމާ ރައްޒާގްއާ ހަވާލު ކުރާނީ ވަރަށް ބޮޑަށް އިތުބާރުކޮށްފައި ކަން ޔަގީނެވެ.

"އަޅުގަނޑަށް ހީވަނީ އަޅުގަނޑު އެއްވެސް ފޮރުވުމެއް ނެތި އެކަން ކުރާތީހެން. ރައްޔިތުންގެ ތެރެއިން ބަލަން ބޭނުންވާ މީހަކު ބަލާ ގޮތަށް ބޭރުގައި ބަނދަރުގައި އޭތި ކިރާނީ. އެ ބަލަން ބޭނުންވާ އެންމެންނަށްވެސް އެ ފުރުސަތު އޮންނާނެ. އެންމެން ކުރިމަތީގައި އެ ކިރަމުންދާނީ، ދެން ކިރާ ނިމުނީމަ ހޮޓަލަށް ގޮސް ހިސާބު ހަދާނީ.އެ ހިސާބު ހަދާފައި އަންނަވަރު އޭނާގެ އަތުން އަޅުގަނޑަށް ލިބޭނީ. ދެ މީހުންވެސް ހިސާބު ހަދާ ގެރެންޓީވުމުން، އޭނާ ދޭ ފައިސާ އަޅުގަނޑު މާރުކުރާނީ، އެ މާރުކޮށްގެންތާ ބެހޭނީ، އެ ފައިސާ ބަހާ ނިންމައި، ގެއަށް އައިސް، އެ މީހެއްގެ ގަނޑަށް ވާވަރަށް ފައިސާ ހިފައިގެން ގޭގެއަށް ދާނީ". އެ މަސައްކަތުގައި އަންހެނުން މަރިޔަމްވެސް ޝާމިލްވާކަން ފާހަގަކުރަމުން ރައްޒާގް ބުންޏެވެ.

މުރައިދު އަށް އުފަން ރައްޒާގް. ރަށުގެ ގިނަ ރައްޔިތުން އޭނާ އަށް އިތުބާރު ކުރޭ. -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ރައްޒާގް ބުނީ، ކެޔޮގަނޑުގެ ބަރުދަނާއި، އެ ބަރުދަނަށް ވާ ފައިސާ އާއި، ކިލޯއަކަށް ޖެހޭ ވަރާއި އެއްޗެހިވެސް ރައްޔިތުންނަށް އޭނާ އަންގާނެ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ބުނީ ރައްޔިތުންނަށް ހިސާބު ހެދުމުގެ ފުރުސަތު ދިނުމަށެވެ.

"އެހެން ހެދީމަ އެ މީހުންނަށް ގޯހެއް ދެއްކިފައެއް އަދި ނެތް، އެހެންވީމަ އެގޮތަށް ގޮސްފައި އެ އިތުބާރު އެ އޮންނަނީ". ރައްޒާގް ކިޔައި ދިނެވެ.

މީގެކުރިން ރައްޒާގް މިކަމުގައި ތިން އަހަރެއްހާ ދުވަހު އެކަނި މަސައްކަތް ކުރިއެވެ. އެކަމަކު، އެ މަސައްކަތުގައި މިހާރު ތިން ވަރަކަށް މީހުން އުޅެއެވެ.

ރައްޒާގް ކުރިން ރަށުގެ ރައްޔިތުންގެ ހުރިހާ ދަނޑެއް ކަހަލަ ގޮތަކަށް ބަލަހައްޓަމުން، އެ ތަންތަނުން ކެޔޮ ކަނޑަމުންދިޔަ އިރު، އެ ރަށުގެ ބައެއް މީހުން އަމިއްލައަށް ކެޔޮކަނޑައިގެން ވިއްކާވެސް އުޅެއެވެ. ކުރިން މީހަކާއި ގުޅިގެން ކެޔޮގަނޑު ވިއްކަމުންދިޔަ ރައްޒާގް މިހާރު އަމިއްލައަށް މި މަސައްކަތުގައި ބޮޑަށް އުޅޭއިރު، މާލޭގެ ބާޒާރުގައި ދޮންކެޔޮ ވިއްކާ އެއްޗެހި ބަލައިގެން އޭނާ އަގު ހަދަމުން ދެއެވެ.

"މިހާރު މާލެ ކޮޅުގެ މީހަކާއި ގުޅިގެން މި މަސައްކަތް މިހާރު މި ދަނީ ކުރިއަށް". ރައްޒާގް ބުންޏެވެ.

ރައްޒާގު "ވަގުތު" އާ ވާހަކަ ދައްކަނީ. އޭނާގެ މަސައްކަތް ވަރަށް ތަފާތު. -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިރަށުގެ ގާތްގަނޑަކަށް ހުރިހާ ގެއެއްގެ މީހުންގެ އަތުގައި ކެޔޮގަސް ދަނޑު އޮވެއެވެ. އެ ދަނޑުތަކުގެ ތެރެއިން ގިނަ ދަނޑުތައް އޭނާ ބަލަހައްޓަމުންދާއިރު، އޭނާ މި މަސައްކަތުގައި އުޅޭތާ މިހާރު ހަތަރު އަހަރުވެއްޖެއެވެ.

"އޭގެ ކުރިން ވަރަށް ގިނައިން ވާލު ކައި، ދޮންވެ އެހެން އުޅުނީ، އޭރު ވަރަށް އުނދަގުލުން ވިއްކަމުން ދިޔައީ. އަޅުގަނޑަށް ހީވަނީ މިހާރު ރައްޔިތު މީހާ ތިބިތާ ހުރެފައި ރައްޔިތު މީހާއަށް ފައިސާހެން މި ދެވެނީ. މިހާރު ގަހުގައި ކެޔޮގަނޑު އޮވެފައި ދޮންވިޔަސް އަޅުގަނޑު ޒިންމާ ވާނީ. އޭގެ މިސާލަކަށް އޭތި ހަރުކުރަން ގަހުގައި ބާއްވާފައި އޮއްވާ ވަކެއް ދޮންވެގެން ވާލު ކާލިޔަސް އެ ވަކަށް ދެ ރުފިޔާ ދޭނެ އަޅުގަނޑު، އެހެންވީމަ ރައްޔިތު މީހާއަށް އެއްވެސް ގެއްލުމެއް ނުވާނެތާ، އެ ދެ ރުފިޔާވެސް ރައްޔިތު މީހާއަށް ލިބޭނެ". ރައްޒާގް ބުންޏެވެ.

ރައްޒާގް ބަލަހައްޓަމުން އަންނަ 12 ވަރަކަށް ދަނޑު ރަށުގައި ހުރި އިރު، އޭނާގެ އެއް ޒިންމާއަކީ އެ ދަނޑުތައް ސާފު ވެސް ކުރުމެވެ.

ރައްޒާގް ބުނީ، އޭނާ އަމިއްލައަށް ކޮންމެ ހަފްތާއަކުވެސް 60-70 ކިލޯގެ ކެޔޮ ގަނޑުތައް ކަނޑައިގެން ގޮސް ވިއްކާ ހަދާ ކަމަށެވެ. އަދި މީގެން ކޮންމެ ކިލޯއަކުން އޭނާއަށް ދެ ރުފިޔާ ލިބޭކަމަށްވެސް އޭނާ ބުންޏެވެ.

ހއ. މުރައިދޫގައި ހައްދާފައިވާ ކެޔޮ ނިރު ފީންޏެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިރަށުގެ ކެޔޮ ދަނޑުތަކުން ކޮންމެ ރައްޔިތު މީހެއްގެ ޖީބަށް ހަފްތާއަކު ހާހެއްހާ ރުފިޔާ ވަންނާނެއެވެ. އަދި މަހެއްގެ މައްޗަށް 4،000ރ. ނުވަންނަ ގެއެއް ނޫޅޭނެ ކަމަށް ރައްޒާގް ބުންޏެވެ.

މިއީ އޭނާ ރައްޔިތުންގެ ލޯތްބާއި އިތުބާރު ލިބިގެން ކުރާ މަސައްކަތަކަށް ވުމުން އޭނާ މި މަސައްކަތުގައި އުޅެނީ ވަރަށް ހިތްހަމަޖެހިގެންނެވެ. އެ މަސައްކަތުން އޭނާއަށް ރަނގަޅު އާއްމުދަނީއެއް ލިބެއެވެ. އެއްވެސް ގެއްލުމަކާއި ގޮންޖެހުމަކާ ވެސް ކުރިމަތިލާން ނުޖެހެއެވެ.

"އަޅުގަނޑާއި ހަވާލުކޮށްފައި އޮންނަ ފަރާތްތަކުން އަޅުގަނޑަށް ކުރާ އިތުބާރެއްގެ ސަބަބުން މިކަން މިހެން ވަނީ، އެ މީހުންނަށް ވަރަށް ގެރެންޓީ އޮވޭ އަޅުގަނޑަށް". ރައްޒާގް ހަމަޖެހިލާފައި ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސސ

    ޔާ ﷲ އަޅަމެންގެ މި އަބުދުއް ރައްޒާޤު ބޭބެ އަށް ފުރިހަމަ ސިއްހަތު ދެއްވައި، ޢޭނާގެ މަސައްކަތުގައި ބަރަކާތް ލައްވައި މުރައިދޫ ގެ ގެތަކުގައި އާއި ދަޑުބިން ތަކުގައި ބަރަކާތް ލައްވައި އުފަލުން ދިރިއުޅޭ ބަޔެއްކަމުގައި ލައްވާށި ! ޢާމީން

    41
    2