(ހއ. ބެރިންމަދޫ) އިހަވަންދިއްޕޮޅާއި ބޮޑުތިލަދުންމަތީގައި ހިޖުރައިގެ ތާރީޚު އޮތް ރަށްރަށް ގިނައެވެ.ހއ. ދިއްދޫ އާއި ހއ.ހޯރަފުށި ވެސް މިއީ ހިޖުރައިގެ ތިންވަނަ ނޫނީ ދެވަނަ މަންޒިލެވެ. ބައެއް ރަށްރަށުން މީހުން ފާބައި، އަރައި، ފައިބާފައިވާ ތާރީޚު އިއާދަވެ، އިއާދަވެ ވެސް އެބަ ހުއްޓެވެ. އެކި ސަބަބުތަކާ ހުރެއެވެ. ފަހުގެ ތާރީޚެއްގައި ހިޖުރަ ކުރުން ބޮޑަށް ބިނާވެފައި އޮންނަނީ އޭރެއްގައި އޮންނަ ސަރުކާރެއްގެ އެއްފަސް ކުރުމުގެ ސިޔާސަތަކަށެވެ. އިހަވަންދިއްޕޮޅުގެ ހުޅަނގު ބިތުގައި އޮންނަ ބެރިންމަދޫއަކީ އޭގެ ސަފްހާތައް ގިނަ ރަށެކެވެ.

މި ރަށުގައި 15.4 ހެކްޓަރުގެ ބިމަކާއި ބޮޑު ފަޅަކާއި ރީތި ގޮނޑުދޮށެއް އޮތަސް އެ ރަށުގައި ބަނދަރެއް ނެތެވެ. ގަސްގަހާއި ރުއްތަކުން ފެހިކަން ގަ އެ ރަށަށް ފޭބެން އޮތީ ހަމަ މޫދު ލޮނުކޮޅެއްގައި ކޮންމެ ވެސް ވަރަކަށް ޖެހިގެނެވެ. ތެމިގެން ރަށު ތެރެއަށް އެރުނު އިރު ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ، ހޮޅުއަށްޓެކެވެ. މިއީ މިހާރު ވެސް މީހުން ދިރިއުޅޭ ރަށްރަށުގެ ބަނދަރު ސަރަހައްދާއި ގޮނޑުދޮށް ފަދަ ތަންތަނުގައި މީހުން އިށީނދެ ތިބެވޭ ގޮތަށް ހުންނަ ޒާތަށް ހުރި ހޮޅުއަށްޓެކެވެ. އެކަމަކު މި ހޮޅުއަށީގައި ދިރުމެއް ނެތެވެ. ފުރާޅުގެ ޓިނު ހުރީ ދަބަރަށްވެ ހަލާކުވެފައެވެ. އިށީންނާނެ، ބަލަހައްޓާނެ ބަޔަކު ނެތީއެވެ.

ހއ. ބެރިންމަދޫގައި ވީރާނާވަމުންދާ ބައެއް އިމާރާތްތައް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މި އަހަރުގެ މެދު ތެރޭ "ވަގުތު ހޭރިޔާ" އިން މި ރަށަށް ޒިޔާރަތް ކުރީ މި ތާރީޚީ ސަފްހާތައް ޚާއްސަ ރަށަކަށް ވެގެންނެވެ. ނޫސްވެރިންގެ ހައިސިއްޔަތުން ރަށުގެ ހާލަތު އޮތް ގޮތެއް "ލޮލުން" ފެނި "ވަޒަންކުރަން" ބޭނުން ވެގެންނެވެ.

ހއ. ބެރިންމަދޫ މަތިން ނަގާފައިވާ ފޮޓޯއެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އިހަވަންދިއްޕޮޅުގައި މީހުން އާބާދުވި އިރުން ފެށިގެން މީހުން ދިރިއުޅޭ ރަށްރަށުގެ ތެރޭ މި ރަށް ހިމެނެއެވެ. އެކަމަކު ރަށުގެ އާބާދީ ނިކަން ކުޑައެވެ. އަލްއަމީރު މުހައްމަދު ފަރީދު ދީދީގެ ރަސްކަމުގައި އަދި ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ބޮޑުވަޒީރު ކަމުގައި އެއްފަސް ކުރުމުގެ ގާނޫނެއް ފާސްކުރެވުނެވެ. އެ ގާނޫނު ތަންފީޒު ކުރި އެއް ރަށަކީ މި ބެރިންމަދޫއެވެ. އޮގަސްޓް 1، 1968 ގައި ބެރިމަންދޫއިން މީހުން ބޭލުމަށް ފަހު ހއ. އަތޮޅު ވެރިކަން ކުރާ ރަށް، ދިއްދުއަށް ބަދަލު ކުރެވުނެވެ. އެކަމަކު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި މި ގާނޫނު އުވާލެވުނެވެ. އެއާއެކު ބެރިންމަދޫއަށް އަލުން ބަދަލުވާން ދިން ފުރުސަތުގައި އެ ރަށުގެ ރައްޔިތުން އަލުން ބެރިންމަދޫއަށް ބަދަލުވިއެވެ. އެ ތާރީޚަކީ ޖުލައި 9، 1975 އެވެ.

ހއ. ބެރިންމަދޫ ގޮނޑުދޮށުގައި "ވަގުތު ހޭރިޔާ" ނޫސްވެރިން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެހެން ވިޔަސް ތާރީޚު އަލުން އިއާދަ ވެގެން އައެވެ. ބެރިންމަދޫގައި މީހުން ދެން ދިރިއުޅުނީ 31 އަހަރެއްހާ ދުވަހުގެ މުއްދަތަކަށެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ވެސް އެއް ފަސް ކުރުމުގެ ސިޔާސަތުގެ ތެރެއިން، ބެރިންމަދޫގެ ރައްޔިތުން އަނެއްކާ ވެސް އެހެން ރަށަކަށް ދިރިއުޅުން ބަދަލު ކުރަން އެއްބަސްވީއެވެ. މި ފަހަރު އެ ރަށާ 11 ކިލޯމީޓަރުގެ ދުރުމިން އޮތް، ހަމަ އިހަވަންދިއްޕޮޅު އަތޮޅުގައި އޮތް ހއ. ހޯރަފުއްޓަށެވެ. ހޯރަފުށީގެ ރަށްވެހިކަމުގައި އެ ރަށުގެ ރައްޔިތުން ދިރިއުޅެމުންދާތާ 15 އަހަރެއްހާ ދުވަސްވީއެވެ.

ހއ. ބެރިންމަދޫ މަތިން ނަގާފައިވާ ފޮޓޯއެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ހޯރަފުށި ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު "ވަގުތު ހޭރިޔާ" އަށް ވިދާޅުވި ގޮތުގައި، ބެރިންމަދޫގެ ރައްޔިތުން ފުރަތަމަ ހޯރަފުށީގައި އާބާދުވިއިރު ސަރުކާރުން ގޯތިތައް ދޫކުރި ގޮތުން ދިރިއުޅުނީ ވެސް ހޯރަފުށީގެ އެހެން ގެތަކާ ކޮންމެ ވެސް ދުރު ހިސާބެއްގައި އެކަހެރި ގޮތަކަށް ކަމުގައެވެ. އެކަމަކު ހޯރަފުށި ރައްޔިތުން ބެރިންމަދޫގެ ރައްޔިތުން ބަލައިގަތް ކަމުންނާއި، ބެރިންމަދޫގެ ރައްޔިތުން ވެސް ހޯރަފުށި ރައްޔިތުން ބަލައިގަތް މިންވަރަކީ މިއަދު އެއީ ހަމަ ހޯރަފުށީގެ ރައްޔިތުން ކަމުގައިވިއެވެ. އެ އެންމެން ދިރިއުޅެނީ ވެސް ހޯރަފުށި ރައްޔިތުންގެ ގޯތިތަކާއި ވެސް ދާދި އެއް ކައިރީގައި، އެއް އާއިލާއެއް ގޮތުގައެވެ.

ބެރިންމަދޫގެ ރިސޯޓެއް ތަރައްގީ ކުރަން ކުންފުންޏަކާ މީގެ ނުވަ ވަރަކަށް އަހަރު ކުރިން އޮތީ ހަވާލުކޮށްފައެވެ. ރާއްޖޭގެ ރަށްރަށުގެ މައުލޫމާތު އެއްކޮށްފައި އޮންނަ ސަރުކާރުގެ ވެބްސައިޓް "އައިސްލްސް" ގައި އޮތް ގޮތުން އެ މަސައްކަތް ހަވާލުކޮށްފައި ވަނީ މިސްޓަރ ފްރެންޗިން ގްސިޕް ނަމަކަށް ކިޔާ ކުންފުންޏަކަށެވެ. އެއީ 2012 ވަނަ އަހަރުގެ ތެރޭގައެވެ. ހަވާލުކުރީ 50 އަހަރުގެ މުއްދަތަކަށެވެ. އެއީ ރިސޯޓް ހުޅުވުމަށް ފަހު، ހިންގުމުގެ މުއްދަތާ ވެސް އެކުގައެވެ. ރިސޯޓް ފަތުރުވެރިކަމަށް ބޭނުންވާ ޒާތުގެ، ރީތި ދޮންވެލީގެ ގޮނޑުދޮށަކާއި ތުނޑިއަކާއި، ވިލު ފެހި ފަޅަކާއި، ފެހިކަން ގަދަ ގަސްގަހާގެހީގެ ރަށެކެވެ.

ހއ. ބެރިންމަދޫ މަތިން ނަގާފައިވާ ފޮޓޯއެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"ވަގުތު ހޭރިޔާ" ގެ ނޫސްވެރިން ބެރިންމަދޫގެ މަގުތަކުގައި ހިނގަމުން ދިޔައިރު، ރިސޯޓަށް ބޭނުންވާ ކޮޓަރިތައް ވެސް ފެނުނެވެ. ތަނަށް ބަލާލިއަސް އެ މަސައްކަތް ހުއްޓި އޮންނަތާ އެތައް މަހެއް ވެފައިވާ ކަން އެނގެއެވެ. އެޅި ގަލުން ކޮންމެ ވެސް ވަރަކަށް ރޭނުމަށް ފަހު، އޮތީ ކުރިއަށް ނުގޮހެވެ. ވީރާނާވާން ކައިރި ވެފައި ހުރި އެ ތަންތަން ކައިރީ ސިމެންތި ބަސްތާތައް ވެސް ޖަހާފައި ހުއްޓެވެ. ހިޔާ ކުރެވިފައި އޮތް ތަނެއްގައި ހުރުމުން، ސިމެންތި ބަސްތާތަކަށް މާ ބޮޑު ގެއްލުމެއް ލިބިފައެއް ނެތެވެ.

ހއ. ބެރިންމަދޫގައި ވީރާނާވަމުންދާ ބައެއް އިމާރާތްތައް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ނުނިމި ހުރި އިމާރާތްތަކެއް ކައިރިން ދިއުމަށް ފަހު، ކޮންމެ ވެސް ވަރަކަށް ނިމިފައި ހުރި އިމާރާތެއް ވެސް ހުއްޓެވެ. ތަށިމުށި ވެސް ޖަހައި ތަޅުން ހެދިފައި އޮތް އެ ގޭތެރެ އޮތީ ހިރަފުހުން ފުރިފައެވެ. ކޮންމެ ކޮޓަރިއެއް ތެރޭ އެ ވަރަށް ހިރަފުހާއި ފަތެވެ. ބައެއް ކޮޓަރިތަކުގައި އެނދެއް ބާއްވާފައި އޮވެއެވެ. އެ ވެސް އޮތީ ގިނަ ދުވަސްވެ ހަލާކުވެފައެވެ. ފާރުގައި އިނގިރޭސި ލަފުޒުތަކަކުން މީހުންގެ ނަންތައް ލިޔެފައި ހުއްޓެވެ. ބެލެވޭ ގޮތުގައި އެހެން ރަށަށް އަރާ ބަޔަކު ފޫހިވެގެން ކޮށްފައި ހުރި ކަމެކެވެ.

ހއ. ބެރިންމަދޫގައި ވީރާނާވަމުންދާ ބައެއް އިމާރާތްތައް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް
ހއ. ބެރިންމަދޫގައި ވީރާނާވަމުންދާ ބައެއް އިމާރާތްތައް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ބެރިންމަދޫއަށް އުފަން، މިހާރު ހޯރަފުށީގައި ދިރިއުޅެމުންދާ އުމުރުން 44 އަހަރުގެ ފިރިހެނަކު "ވަގުތު ހޭރިޔާ" އަށް ކިޔައިދިން ގޮތުގައި، އަތޮޅުގެ އެކި ރަށްރަށު މީހުނާއި، ހޯރަފުށީގައި ދިރިއުޅޭ ބެރިންމަދޫ މީހުން ވެސް އެހެން އުޅެމުން އެ ރަށަށް ގޮސް ހަދައެވެ. ބައެއް ފަހަރު ދަތުރު ގޮސްލުމަށާއި، އުފަން ރަށް ބަލައިލާ ހިތް ވެގެން ވެސް އެ ރަށަށް ދާ ބަޔަކު ދެއެވެ. އޭނާ ވެސް 2021 ވަނަ އަހަރު މެދުތެރޭ އެ ރަށަށް ދިޔައިރު ފެނުނީ، "ވަގުތު ހޭރިޔާ" ނޫސްވެރިން ވެސް އަހަރު މެދު ތެރެއިން ފެނުނު "ވީރާނާ ގޯތިތަކެއްގެ" ސަހަރެކެވެ.

ހއ. ބެރިންމަދޫގައި ވީރާނާވަމުންދާ ބައެއް އިމާރާތްތައް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ރިސޯޓް ގޯތިތައް ވީރާނާވާން ދޫކޮށްލެވިފައި އޮތް މަންޒަރު ފެންނައިރު، ރިސޯޓްގެ ބޭނުމަށް ޓަކައި، ކުރިން މީހުން ދިރިއުޅުނު ބައެއް ގެތައް މިހާރު ތަޅާލާފައިވާކަން ބެރިމަންދޫއަށް އުފަން އެހެން މީހަކު ކިޔައިދިނެވެ. އުމުރުން 30 އަހަރެއްހާ ދުވަސްވީ އެ އަންހެން މީހާ "ވަގުތު ހޭރިޔާ" އަށް ކިޔައިދިން ގޮތުން ނަމަ، ރިސޯޓްގެ ބައެއް އިމާރާތްތައް ވެސް ހަދާފައި އެ ހުރީ ކުރިން މީހުން ދިރިއުޅުނު ބައެއް ގެތައް ހުރި ސަރަހައްދުތަކުގައެވެ. މިދިޔަ އަހަރުގެ ކުރީކޮޅު އެ ރަށަށް ދަތުރު ކުރި އެ މީހާ ވެސް އެ ރަށް ސިފަކުރީ ވަރަށް ބޮޑަށް ވީރާނާވެ ފަޅުވެ ފެހިކަން ވެސް ކުޑަވެފައި އޮތް ރަށެއްގެ ގޮތުގައެވެ. ހަލާކުވެފައި ހުރި ގެތަކުން ނަޖިސް ވެފައި އޮތް ސްވިމިން ޕޫލްތަކާ ވެސް އެކުއެވެ.

ހއ. ބެރިންމަދޫގައި ވީރާނާވަމުންދާ ބައެއް އިމާރާތްތައް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ބެރިންމަދޫގައި މީހުން ދިރިއުޅުނު އިރު ހުރި ހަތަރު ގެއެއް ވަރު މިހާރު ވެސް އެ ރަށުގައި ހުރެއެވެ. މިއީ އެ ޒަމާނުގައި އާންމު ގޮތެއްގައި ދިވެހިން ގެ އަޅާ އުޅުނު ގޮތަށް ހުރި ގެތަކެކެވެ. އެއީ ތެޅި ގަލުން ރާނާފައިވާ ގެތަކެކެވެ. މި ހެން ހުރި ބައެއް ގެތަކުގެ ދޮރެއް މިހާރަކު ނެތެެވެ. ފުރާޅެއް ވެސް ނެތެވެ. ބައެއް ގޭގެ ތަޅާލަން ފަށާފައި ފަހުން ކުރިއަށް ނުގޮސް ހުރި ކަހަލަ ގޮތަކަށް ފެނެއެވެ. ގޭތެރޭގައި ވަރަށް ބޮޑަށް ގަސް ހެދި، ބޯދާ ދިވެހިން ކިޔައި ގޮތުން "ވައި ހެދިފައި" ހުއްޓެވެ.

ހއ. ބެރިންމަދޫގައި ވީރާނާވަމުންދާ ބައެއް އިމާރާތްތައް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ރަށުގެ މީހުން އޭރު ބޭނުން ކުރި ދެ ފެން ވަޅެއް ވެސް ފެނުނެވެ. އެއް ވަޅުގައި ފެނެއް ވެސް ނެތެވެ. ފަތާއި ވެލި އަޅައި އޮތީ ފުރައިފައެވެ. މިހެން ރަށަށް އަރައި ބަޔަކު ކުރި ކަމެއް ކަމެއް ނޫނީ ރަށުން ފޭބިއިރު ރަށު މީހުން ކުރި ކަމެއް ކަމެއް އެނގޭކަށް ނެތެވެ. ސުވާލު ކުރުމުން ބައެއް މީހުން ބުނީ ވެސް ހަނދާން ނެތް ކަމުގައެވެ. ނޫނީ ނޭނގޭ ކަމުގައެވެ. ދެން ހުރި ފެން ވަޅުގައި ވަރަށް އަޑީގައި ކޮންމެ ވެސް ވަރަކަށް ފެން ހުއްޓެވެ. އެ ވަޅު އެތެރޭ ވެސް ގަސްގަހުގެ ފަތްތައް ވެރިފައި ހުއްޓެވެ.

ހއ. ބެރިންމަދޫގައި ވީރާނާވަމުންދާ ބައެއް އިމާރާތްތައް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް
ހއ. ބެރިންމަދޫގައި ވީރާނާވަމުންދާ ބައެއް އިމާރާތްތައް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"ވަގުތު ހޭރިޔާ" އާ ވާހަކަ ދެއްކި ބެރިންމަދޫގެ ބައެއް މީހުންގެ ޝުއޫރުތަކުން އެނގުނު ގޮތުގައި، ހޯރަފުށީގައި މިއަދު އެ ރައްޔިތުން އުޅެނީ އުފާވެރި ދިރިއުޅުމެވެ. އެކަމަކު އުފަން ފަސްގަނޑު މަތިން ހަނދާން ނުފިލައެވެ.

ހޯރަފުށީގައި ވެސް ޒިންމާދާރު މަގާމެއްގައި ހުރި ބެރިންމަދޫ މީހަކު އޭނާގެ އިހްސާސްތައް ޚިއްސާކޮށްދިނެވެ. އެ ރަށުގައި ރިސޯޓެއް ތަރައްގީ ކުރިއަސް، އެ ރަށަކީ ކޮންމެ ވެސް ދުވަސްވަރެއްގައި ދިވެހިންގެ ބަޔަކު ދިރިއުޅުނު ރަށެއްގެ ރަމްޒު، ގެއްލިގެން ނުދާނެ ގޮތަކަށް އެ ކަން ގެންދާން، ލަފާ ދިން ކަމުގައި ބުންޏެވެ. ބެރިންމަދޫއިން އެންމެ ފަހުން މީހުން ފޭބިއިރުން ފެށިގެން އަތޮޅުވެރިން ކައިރީ، އަދި ފަހުން އަތޮޅު ކައުންސިލްގައި ވެސް އެހެން އެދެވިފައި އޮންނަ ކަމެވެ. އެކަމަކު ކައުންސިލްތަކުގެ މާ ބޮޑު ބާރެއް އެ ކަމުގައި ނެތް އިރު، ސަރުކާރުތަކުން އެ ކަމަށް މާ ބޮޑު އަހަންމިއްޔަތު ކަމެއް ނުދޭ ކަމުގައި އޭނާ ބުނެއެވެ.

ހއ. ބެރިންމަދޫގައި ވީރާނާވަމުންދާ ބައެއް އިމާރާތްތައް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ބެރިންމަދޫއަކީ މީގެ އެންމެ މިސާލެކެވެ. ހއ. އަތޮޅާއި ހދ. އަތޮޅުން ފެށިގެން އުތުރާއި ދެކުނުގައި ވެސް މިހެން ކުރިން މީހުން ދިރިއުޅެ ފަހުން ފައިބައިގެން ގޮސް ރަށް ވީރާނާވާން ދޫކޮށްލެވިފައި ހުރި ރަށްރަށް އެބަ ހުއްޓެވެ. އެ ރަށްރަށުގައި ފަތުރުވެރިކަމުގެ ވިޔަފާރިއާއި ދަނޑުވެރި ކަމުގެ ވިޔަފާރި ފަދަ އިގްތިސާދީ ހަރަކާތްތައް ހިންގަން ދޫކޮށްލަން ރަނގަޅެވެ. އެކަމަކު އެ ގޮތަށް ދެވޭއިރު ވެސް ތާރީޚަށް ޓަކައި، އެ ރަށުގައި ދިވެހިން ދިރިއުނު ރަމްޒުތައް ހިމާޔަތް ކުރުން މުހިންމެވެ. ދުރު މުސްތަގުބަލުގައި ސަގާފީ އަދި ދިރާސާގެ ފަތުރުވެރިކަން ރާއްޖޭގައި ގެންދެވޭނީ ވެސް މިފަދަ ރަމްޒުތައް ހިމާޔަތް ކުރެވިގެނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޙަސަނު

    މ.މަޑިފުށި ގެ ޚަބަރެއް ލިބިދާނެތޯ އެ އީ 2004 ގެ ބޮޑުރާޅުގަ ހަލާކުވެ ފަޅުވި ރަށެއް ރިސޯޓް ހަދާނުނިމުނު ރަށެއް

    10
  2. ސަލް

    ކޮބާތަ ތި ރަށް ކޮންޑުގަ އަޅުވައިގެން އުޅޭ ގައްދޫ މުހަންމަދު ރަޝީދު. ރިސޯޓު ތަރައްގީކޮއް ނުނިމެނީތަ އަދިވެސް.

    8
    2
  3. ހަވާސާ އިބޫ

    ދެމަފިންގެ ދެމެދުގައި ދޮންމީހުން ނިންދެވުމަށްރުރެން މިތަންތާންގައި ގެސްޓުން އައިސް ތިބެވޭގޮތް ހަދަންވީނުން

    14
  4. Anonymous

    މިލިޔުން ކިޔާލުމުން މަށަށް އެނގުނީ މައުމޫނު އުނބަށްޖެހިކަން.

    9
    2
  5. ސަމްސިއްޔާ

    ފާރުގައި އިނގިރޭސި ލަފުޒުތަކަކުން މީހުންގެ ނަންތައް ލިޔެފައި ހުއްޓެވެ. ބެލެވޭ ގޮތުގައި އެހެން ރަށަށް އަރާ ބަޔަކު ފޫހިވެގެން ކޮށްފައި ހުރި ކަމެކެވެ.. ފޫހިވީމާ ކުރާނެ ކަމެއްނޭންގުނީތަ؟؟ ކީއްވެތަ ނޫސްވެރިން މިކަހަލަ ނާތަހުޒީބު ކަންކަން މާ މައިޓްކޮށް ނަގަނީ؟؟

    15
  6. ނުރަބޯ

    ޅ.ހުދުފުށި ބަލާލާފަ ރިޕޯޓެއް ލިޔެދީބަލަ. ރިސޯޓު ހަދަން ކިތައްފަހަރަށް ޢިމާރާތްތައް އަޅާފަ ތަޅާލާފިތޯ. ގޫގުލް މެޕްސްއަށްވެސް ނުދައްކާނެ. ބްލޮކްކޮށްލާފަ އިންނާނީ ވިއު ކުރީގެ ފޮޓޯއެއް ރިޕްލޭސްކޮށްފަ.