(ހއ. ކެލާ) ރާއްޖޭގެ އެންމެ އުތުރުން، ގުދުރަތީ ރަށްތަކެއް ހިމެނޭ ހއ. އަތޮޅުގެ ކެލާއަކީ ފާހަގަކޮށްލެވޭ ރީތި އެއް ރަށެވެ. ފަތުރުވެރިންނާއި ދިވެހީންގެ މެދުގައި ވެސް މަގުބޫލު މަންޒިލެއްގެ ގޮތުގައި ވެފައި އޮންނަ ކެލައަކީ ބޮޑު ފަޅަކާއި ރީތި ގޮނޑުދޮށެއް އޮންނަ ރަށެކެވެ. މިއީ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2017 ގައި ގެސްޓް ހައުސް އެޑިޝަންގެ "ލީޑިން ބީޗް އައިލެންޑް އެވޯޑު" ވެސް ހާސިލްކޮށްފައިވާ ހިތްގައިމު ރަށެވެ.

ގުދުރަތީ ރީތި ކަން އެކަންޏެއް ނޫނެވެ. ތާރީޚީ ގޮތުން ވެސް ޚާއްސަ ރަށެކެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސިން މި ރަށުގައި ދިރިއުޅުނެވެ. އޭގެ ނިޝާންތައް އަދިވެސް ފެންނަން އެބަ ހުއްޓެވެ. އޭގެ ތެރޭގައި ބައެއް ތަންތަނާއި، ތަކެތި ހިމެނެއެވެ. އެ ރަށުގެ ގޮނޑުދޮށާއި ވަރަށް ކައިރިން ފަޅު ތެރޭގައި އިނގިރޭސިން ބޭނުން ކުރި ބޯޓެއް ވެސް އޮތެވެ. އެ ބޯޓު އުރިފައި އޮންނަނީ ފެމުނު އަރާ ކަމަށް ބުނާ ފެންގަނޑު ހިމެނޭ ސަރަހައްދަށެވެ.

ފެމުނު އަރާ ފެންގަނޑޭ ކިޔަނީ ކީއްވެ؟

"ފެމުނު އަރާ ކަމަށް ބުނާ ފެންގަނޑޭ ކިޔަނީ އަސްލު އެތަނަށް ފެމުނު އަރާތީތަ؟" މިއީ އެތަނުގެ ނަން ބުނެފިނަމަ، އެންމެން ވެސް ހިތަށް އަރާނެ އެއް ސުވާލެވެ. ހެރިޓޭޖް މިނިސްޓްރީގެ ތާރީޚީ ތަންތަނުގެ ލިސްޓުގައި ވެސް މި ނަން އެ ގޮތަށް ފެނުމުން "ވަގުތު ހޭރިޔާ" ގެ ނޫސްވެރިން ވެސް އެންމެ އެނގެން ބޭނުންވީ މިކަމެވެ.

މި ސުވާލުގެ ޖަވާބު ހަގީގަތުގައި ވަރަށް ފަސޭހައެވެ. އަދި ވަރަށް ވެސް ކުރެވެ. އެއީ އެ ތަނަށް އެ ނަން ކިޔާފައިވަނީ ހަމަ ފެމުނު އަރާތީއެވެ. ހެރިޓޭޖް މިނިސްޓްރީގެ ތާރީޚީ ތަންތަނުގެ ލިސްޓުގައި މި ތަނުގެ ނަން "ފެމުނު އަރާ ފެންގަނޑު" ކަމަށް އޮތަސް، ކެލާ މީހުން މި ތަނަށް ކިޔަނީ "ފެމުނު އަރާ ފުންގަނޑު" އެވެ. "ފުންގަނޑު" އެ ކިޔަނީ އެ ސަރަހައްދު ކަނޑާއި އެއް ވަރަށް އެ ޒަމާނުގައި ފުންކޮށް އޮންނާތީ ކަމުގައި ކެލާ މީހުން "ވަގުތު ހޭރިޔާ" ނޫސްވެރިންނަށް ކިޔައިދީފައިވެއެވެ.

އެ ރަށުގެ ދިރިއުޅެމުން އަންނަ އިހުގެ މީހުން އަބަދު ވެސް އެތަނުގެ ވާހަކަ ދައްކައެވެ. އެއީ އެސަރަހައްދަކީ އޭރު އެރުން "ހެޔޮވާ" ވަރުގެ ތަނެއް ނޫން ކަމަށް އެ ފަރާތްތަކުން ބުނެއެވެ. ސަބަބަކީ އެތަން ފުންވެފައި ފެމުނު "ބޯކޮށް" ތިބޭތީއެވެ. ފެމުނު ނުވަތަ ޓައިގާ ޝާކްއަކީ އޭގެ ޒާތުގައި އިންސާނުންނަށް ނުރައްކާތެރި މިޔަރުގެ ވައްތަރެކެވެ.

ކެލާ ކައުންސިލްގެ ކުރީގެ ރައީސް އާދަމް ޤުފްރާން މި ތަނާއި ބެހޭ ގޮތުން "ވަގުތު ހޭރިޔާ" އަށް ވިދާޅުވެފައި ވަނީ އެއީ އިހު ޒަމާނުގައި އިނގިރޭސިންގެ ބައެއް ބޯޓުތައް ކައިރި ކުރާ ސަރަހައްދެއް ކަމަށާއި ނަމަވެސް ސީދާ ބޯޓުތައް ކައިރި ކުރަނީ މި ތަނަކަށް ނޫން ކަމަށެވެ. އަދި މި ތަނަކީ އެއީ ފުން ތަނެއް ކަމުން ރަށުގެ ރައްޔިތުން އެ ސަރަހައްދަށް އާންމުކޮށް އޭރު ގޮސް ނުހަދާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ޓައިގާ ޝާކް ނުވަތަ ފެމުނު

ޤުފްރާން ވިދާޅުވީ، ފެމުނު އަރާ ފުންގަނޑޭ ބުނުމުން ބައެއް ފަރާތްތަކަށް އަސްލު އެއީ ކޮންތަނެއްކަން ނޭނގޭނެ ކަމަށާއި ހާއްސަކޮށް އެނަން ބުނެގެން މީހުންނަށް އެތަނަކީ ކޮންތަނެއްކަން ނޭނގެނީ ފެމުނަކީ ކޯއްޗެއްކަން ނޭނގޭތީ ކަމަށެވެ.

"އެ ފެންގަނޑަކީ ޒަމާނުއްސުރެ ފެމުނު އަރާ ކަމަށް ބުނާ ފެންގަނޑެއް. އެތަނަށް ފެންގަނޑޭ ނުކިޔާ ފުންގަނޑޭ އެ ކިޔަނީ ފުންވީމަ" ޤުފްރާން ކިޔައިދެއްވިއެވެ.

ބެލެވޭ ގޮތުގައި، ޖީލުން ޖީލަށް މާ ބޮޑު ބަދަލެއް ނެތި މި ވާހަކަ ކެލާގައި ދަނީ ފޯރުކޮށްދެވެމުންނެވެ.

މިހާރު ފުނެއް ނޫން، ކަކުލާ ހަމައަށް ފެންގަނޑު އޮވޭ!

ފެމުނު އަރާ ކަމަށް ބުނާ ފެންގަނޑު މިހާރު އޮތް ގޮތެއް ބަލައިލުމުގެ ޝައުގުވެރިކަން "ވަގުތު ހޭރިޔާ" ގެ ނޫސްވެރިންގެ މެދުގައި އުފެދުނެވެ. އާންމު ގޮތެއްގައި ވެސް ކެލާއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި ދިވެހިންނަށް މި ސަރަހައްދު ދައްކައި ވެސް ހަދައެވެ. އެއީ އެ ތަނާއި ގުޅޭ ގޮތުން ގިނަ ވާހަކަތަކެއް ދެކެވޭތީއެވެ. އެހެން ދިވެހިންގެ އުފެދުނު އެ ޝައުގުވެރިކަން "ވަގުތު ހޭރިޔާ" ނޫސްވެރިންގެ މެދުގައި ވެސް އުފެދުމުން އެ ސަރައްހަދު ބަލައިލަން ކެލާގެ ބައެއް ދޮށީ މީހުނާއެކު ގޮސްލީމެވެ.

ކެލާގެ އުމުރުން ދުވަސްވީ މީހަކު "ވަގުތު ހޭރިޔާ" އަށް ބުނީ، މިހާރު އެ ތަން ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށެވެ. އޭނާ ބުނި ގޮތުގައި ކުރިން އެތަނަކީ އެއީ ރައްޔިތުން "ބިރު" ގަންނަ ތަނެކެވެ. ކަނޑަށް އިޝާރާތްކޮށް އޭނާ ބުނަނީ އެހާ މިނަށް މި ފެންގަނޑު ފުން ވާނެ ކަމުގައެވެ. އެކަމަކު ޒަމާން ބަދަލު ވަމުން އައިސް މިހާރު އެ ތަން އެހާ ފުނެއް ނޫނެވެ.

ހއ. ކެލާގައި ފެމުނު އަރާ ކަމަށް ބުނާ ފެންގަނޑު -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"އޭރު އެ ފުންގަނޑު އަޅުގަނޑުމެންގެ ހަޔާތުގައި ފެންނަން އޮތް ގޮތަކަށް ނޫން މިހާރު ފެންނަން އޮތީ، އެ ތަން މާ ބޮޑަށް ތިލަވެފައި އޮންނަނީ، ކުރިން އޮންނަނީ އެރެން ކެރޭ ވަރަށް ވުރެ ފުންކޮށް، މި ކަނޑު ހުންނަ ވަރަށް ފުންކޮށް އެތަން ހުންނަނީ، މިހާރު އެކަމަކު ވަރަށް ތިލަވެފައި އޮންނަނީ،" އެމީހާ ކިޔައި ދިނެވެ.

"ވަގުތު ހޭރިޔާ" ނޫސްވެރިން އެ ސަރަހައްދަށް ޒިޔާރަތް ކުރިއިރު، ރަށުގެ ގިނަ ބަޔަކު ސިފަ ކުރި ގޮތަށް އެ ސަރަހައްދަކީ ވަރަށް ވެސް ތިލަ ފެންގަނޑެއް މިހާރު އޮތް ސަރަހައްދެއް ކަން އެނގުނެވެ. ފެންގަނޑުގެ އެންމެ ފުން މިނެއް ބަލަން އެ ފެންގަނޑު ތެރޭގައި ނޫސްވެރިން ހަރަކާތްތެރިވިއެވެ. އެންމެނަށް ވެސް ފާހަގަވީ އެންމެ ފުން ހިސާބަށް ދެވޭ އިރު ވެސް ފެންގަނޑު ހުންނަނީ ކިރިޔާ ކަކުލާ ހަމައަށް ކަމެވެ. އެ ތަނުން ކުދި ކުދި މިޔަރުތަކާއި މަޑިތައް ވެސް ފެނުނެވެ. އެހެންކަމުން މިހާރު އެ ތަން ސިފަވަނީ މަޑިއާއި ކުދި މިޔަރުތައް އާލާވާ އެ ސޮރުމެން ވިހާ އާލާވާ ސަރަހައްދަކަށެވެ.

ހއ. ކެލާ ހިތްގައިމު ގޮނޑުދޮށް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެ ސަރަހައްދަށް އެ އަންނަ ބަދަލުގެ ސަބަބާއި ގުޅޭ ގޮތުން ވެސް ދެ ނަޒަރިއްޔާތެއްވެއެވެ. އެ ވިސްނުމަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެ ތަނަށް އައި ބަދަލުތަކެކެވެ. އަނެއް ބަޔެއްގެ ނަޒަރުގައި އެއީ އެ ސަރަހައްދު ބޭނުން ނުކޮށް ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން އެ ތަން ތިލަވީއެވެ. އެ ތަނުގެ ބޮޑު ބައެއް މިހާރު ތިލަވެފައިވާއިރު، ވަކި ހިސާބަކަށް ދޮންވެލި ގަނޑަކާއި، އަކިރި ގަނޑެއް ވެސް އަރާފައި ހުރެއެވެ.

ފަތުރުވެރިކަމުގެ ޒޯނަކަށް އެތަން ތައްޔާރު ކުރަނީ!

އެ ސަރަހައްދުން ފެނުނު އެންމެ ލޮލުގަ އަޅައިގަންނަ އެ މަންޒަރަކީ ރީތި ގޮނޑު ދޮށާއި އަޑިއަށް ގޮސްފައިވާ ބޯޓެއްގައި އެއްބައެވެ. މިއީ ފަތުރުވެރިކަމަށް އަމާޒުކޮށް ރަށަށް ފައިދާ ކުރާނެ ހަރަކާތެއް ހިންގިދާނެ ކަމެއް ކަމުގައި ރަށުގެ ގިނަ ބަޔަކު ވެސް ދެކެއެވެ. އެ ތަނުގައި އޮންނަ އެ ބޯޓަކީ މީގެ ކުރިން އެ ތަނަށް ގާތް ކުރާ ބޯޓުތަކުގެ ތެރެއިން އަޑިއަށް ގޮސްފައިވާ ބޯޓެއްގެ ބައެކެވެ.

އިނގިރޭސިންގެ ދުވަސްވަރު ކެލާ ގޮނޑުދޮށަށް ފެތިފައިވާ އުޅަނދެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ކެލާ ކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އޮފިސަރ މުހައްމަދު ވަހީދު "ވަގުތު ހޭރިޔާ" އަށް ވިދާޅުވީ، އެ ސަރަހައްދަށް މިހާރު ގިނަ ބަޔަކު ދަތުރު ގޮސްލަން ނޫނީ ޕިކްނިކްއަށް ގޮސް އުޅޭ ކަމަށާއި އެ ތަން މި ވަގުތު ފަތުރުވެރިކަމުގެ ޒޯނަކަށް ހަދަން ރަށުގެ މީހަކަށް ހަވާލުކޮށްފައިވާ ކަމަށެވެ. އޭނާ އެ ތަން ފަތުރުވެރިކަމުގެ ޒޯނަކަށް ހަދަން ބިޑު ކާމިޔާބު ކޮށްފައިވަނީ އިންޓަނޭޝަނަލް ބިޑަށް ކުރިމަތިލައިގެން ކަމަށް ވެސް މުހައްމަދު ވަހީދު ވިދާޅުވިއެވެ.

"އެންމެ ފަހުން މައުލޫމާތު ލިބުނު ގޮތުގައި މި މަހުގެ ތެރޭގައި ހަމަ ތަކެއްޗާއި އެއްކޮށް މަސައްކަތް ފަށާނެ ކަމަށް ވަނީ، ދެން ވަރަށް ގިނަ އާއިލާތަކުގެ މީހުން ދޭ ޕިކްނިކް ހަދަން އެ ސަރަހައްދަށް، ފަތުރުވެރިކަމުގެ ޒޯނަކަށް އެ ތަން ހެދޭނެ ކަމުގެ އުއްމީދެއް ވެސް އޮންނަނީ އެހެންވެ،" މުހައްމަދު ވަހީދު ވިދާޅުވިއެވެ.

މުހައްމަދު ވަހީދު ވިދާޅުވީ، އެތަނަކީ އެއީ ރަށުގެ ގިނަ ބަޔަކު ދަންނަ ސަރަހައްދެއް ކަމުން ކުރިއާ ބަލާއިރު އެތަން ތިލަވެފައި އޮތުމުން ރަށުގެ އާންމު ރައްޔިތުންނާއި ބޭރުން އަންނަ ފަރާތްތަކަށް އެތަނަށް ދިއުމަށް އެއްވެސް ކަހަލަ ހުރަހެއް ނޯންނާނެ ކަމަށެވެ.

ކެލާގެ އާންމު ރައްޔިތު މީހާއަށް މި ފެންގަނޑުން އިގްތިސޯދީ ފައިދާއެއް ނެގިދާނެއެވެ. ތާރީޚީ ވާހަކަތައް ހިމެނޭ ބޯޑުތައް އެ ސަރަހައްދުގައި ބެހެއްޓިދާނެއެވެ. މި ވާހަކަތައް އަންނަން އޮތް ޖީލުތަކާއި ހަމައަށް ފޯރުކޮށްދޭވެނެ ގޮތަށް ފަތުރުވެރިކަމުގެ ޒޯނެއްގެ ގޮތުގައި އެ ސަރަހައްދު ތަރައްގީ ކުރުން މުހިންމެވެ. މިހާރަށް ވުރެ ވެސް ބޮޑަށް ދިވެހިންގެ ތެރޭގައި ކެލާގެ މަގުބޫލުކަން އިތުރު ކުރަން މިއީ ދައްކަން މުހިންމު ވާހަކައެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ގ

    ދިވެހިންނަށް ތަނެއް ބާއްވާނޭ ކަމެއް ނެތް! އަވަހަށް ގެސްޓް ބީޗް ހަދާ!!!! މުއްސަދިން ހުރިހާ ރަށަކާ ފަޅަކާ ދީގެން މުއްސަދިވަނީ، ރައްޔިތުންނަށް އެއްކައްޗެއް ވެސް ނޯންނާނެ... ހޯމް ސްޓޭއިން ވެސް ނަފާ ލިބޭނީ މުއްސަދިންނަށް، ހީވޭތަ ފަގީރަކަށް ހޯމް ސްޓޭ ފެންވަރަށް ގެގަނޑު ހެދޭނެހެން..

    26
    1
  2. ޙައްޖަ

    ފޮނިކެނޑިޔަސް ބޮޑުވަރު

    14
    4
  3. އެހެންދީ

    އެތަންއެއްވެސް ޒަމާނެއްގަ ކަނޑެއް ވަރަށް ފުނެއްނުވާނެ….ފުން ވިލެއް ގޮތަށް އޮތީ ކުރީޒަމާނު….ދިވެހިން ތާރީހީ ކަންތަކު ވަރަށް ދޮގު ހަދާނެ…

    22
    2
  4. ނުރަބޯ

    ކަނޑެއްހާ ފުންތަނެއް ކިހިނެއް ހިކުނީ. ވިލެއް ނަމަ ވެލިއަރައިގެން ހިކިދާނެ ތިވަރަށް.

    13
    1
  5. އަހަންމަދު

    ކީކޭ!
    އެހެންއަތޮޅުތަކުގަ ގުދުރަތީ ރަށްރަށް
    ނުހިމެނީތަ؟
    ނޫނީ ހއއަތޮޅުގަ
    މާގިނަ އާޓިފިޝިއަލް ރަށްތައް
    ހިމެނެނީތަ؟

    4
    1
  6. ޑޯގް ޝާކް

    ޓައިގަރ ޝާކް - ފެމުނު
    ޥޭލް ޝާކް - ؟

    5
    1
    • އެހެންދީ

      ވޭލް ސާކް - ފެހުރިހި