(ހއ. ކެލާ) ގުދުރަތީ ރީތި ކަމުން ފުރިގެންވާ ކެލާއަކީ ދިވެހިންގެ އިތުރުން ފަތުރުވެރިންގެ މެދުގައި ވެސް ވަރަށް ބޮޑަށް ވިދާލާފައިވާ ރަށެކެވެ. ފަތުރުވެރިންގެ މެދުގައި މި ރަށް އެންމެ ބޮޑަށް މަގުބޫލުވީ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2017 ގައި ގެސްޓް ހައުސް އެޑިޝަންގެ "ލީޑިން ބީޗް އައިލެންޑް އެވޯޑު" ހާސިލްކޮށްފައި އޮތުމުންނެވެ. މީގެ އިތުރުން ރަށުގައި ހުރި އިހުގެ އިނގިރޭސީންގެ ހަނދާން ތަކަކަކީ ވެސް ދިވެހިންނާއި ފަތުރުވެރިން އެ ރަށަށް ޒިޔާރަތް ކުރާ އެއް ސަބަބެވެ.

ކެލާގެ ހުކުރު މިސްކިތް ނެގުމަށް ފަހު، އިހު ޒަމާނުގެ ގިނަ ބައެއްގެ ލޯ އަމާޒުވެފައިވާ އެއްތަނަކަށް ވެފައި އޮންނަނީ ރަށުގެ ނަމުން ނަމަ "ލިލީ ހައުސް" އަށެވެ. ނަމަވެސް މިހާރު އެތަނަކީ ކޮން ތަނެއްކަން ދަންނަ މީހުން ވަރަށް ވެސް މަދެވެ.

ކެލާ ލިލީ ހައުސް-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އިހުގެ ތާރީހުތަކަށް ބަލާ އިރު، ކެލާ ލިލީ ހައުސްއަކީ ޒަމާނުއްސުރު އެ ރަށުގައި މައުލޫދު ގެއެއްގެ ގޮތުގައި އާއި މަދުރަސާއެއްގެ ގޮތުގައި ބޭނުން ކުރަމުން އައި އިމާރާތެކެވެ. ލިލީ ހައުސްގައި މަދުރަސާ ހިންގާފައިވަނީ ޝައިން އިބްރާހިމް ސްކޫލާއި ލިލީ ޕްރީ ސްކޫލުގެ ނަމުގައެވެ.

އިމާރާތަކީ 82 އަހަރު ވެފައިވާ އިމާރާތެއް!

މިފަދަ އިމާރާތްތަކަކީ ރާނަން ގިނަ ދުވަސްތަކެއް ނަގާނެ ތަންތަންކަން ތާރީހީ ލިޔުންތަކުން އެނގެއެވެ. ލިލީ ހައުސް އަށް ބަލާއިރު، 1700 އަކަފޫޓު ހުންނަ އެތަނަކީ 1940 ވަނަ އަހަރު އިމާރާތް ކުރަން ފެށި ގެއެކެވެ. އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމާލެވިފައިވަނީ 1950 ވަނަ އަހަރުގެ ކުރީކޮޅެވެ. މިއީ ރާއްޖޭގައި ހުރި މިފަދަ އާސާރީ އިމާރާތްތަކުގެ ތެރެއިން ފަރުމާގެ ގޮތުން ފާހަގަ ކޮށްލެވޭ ދިވެހިންގެ މަސައްކަތް ފެނިގެންދާ ދިވެހި އުވަ ބޭނުން ކޮށްގެން ނިންމާލާފައިވާ އިމާރާތެކެވެ.

ވަގުތު ހޭރިޔާ ޓީމުން ކެލާއަށް ކުރި ދަތުރުގައި ލިލީ ހައުސް އަކީ ކޮބައި ކަމާއި އެތަން ކުރި ހުރި ގޮތާއި މިހާރު އެތަނުގެ ހާލަތަކީ ކޮބައި ކަމާއި އެފަދަ އާސާރީ ތަނަކާއި މެދު ސަރުކާރުގެ ވިސްނުން ހުރި ގޮތް ވަނީ ހޯދާފައެވެ.

ކެލާ ލިލީ ހައުސް-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެތަނަށް ނަޒަރެއް ހިންގާލާއިރު، ފެނިގެން ގޮސްފައިވަނީ ބަޔަކު މީހުން އެތަނާ މެދު އިހުމާލު ވެފައިވާ މަންޒަރެވެ. ރަށުގެ ރައްޔިތުންނަށް ކޮންމެ ފަހަރަކު އެތަން މަރާމާތު ނުކުރެވިދާނެއެވެ. އެހެންވެ އިދާރާތަކުން އެތަން ބަލަހައްޓަން ޖެހޭކަން ކޮންމެ މީހަކު ވެސް ގަބޫލު ކުރެއެވެ.

ތަނުގެ ފާރުތައް ވަރުގަދަކޮށް ކޮޅަށް ހުއްޓަސް ބޭރުން ހުރީ ހަލާކުވެފައެވެ. މި އިމާރާތް ބަލަހައްޓާނަމަ، އަލިފާނުގެ ހާދިސާއެއްގައި އަނދާފައިވާ ތަނެއްގެ ގޮތަށް ސިފައެއް ނުކުރެވޭނެއެވެ. މިއީ އޭރު އެތަން ފެނިގެން ދިޔަ ގޮތެވެ. ފެހި ޖަހައި އެކި ދިމަދިމާލުން ވަކަރުތައް ފީވެފައި މަންޒަރެވެ.

އިމާރާތް ނެތިގެން ދިޔައީ ކީއްވެ؟

ރާއްޖޭގެ ކޮންމެ ރަށެއްގައި އާސާރީ ނުވަތަ ތާރީހީ ތަންތަން ހުންނާނެއެވެ. އެފަދަ ތަންތަން ބަލަހައްޓަން ޖެހޭވަރަށް ނުބެލޭ ނަމަ، ވީރާނާވެގެން ދާނެއެވެ. ލިލީ ހައުސް އަށް ބަލާއިރު، މައުލޫދު ކިޔަމުން އައި އެތަން ހުއްޓުމަކަށް އައީ އިމާރާތުގެ ސްކޫލެއް ހަދައި އެހެން އިމާރާތަކަށް އެސްކޫލު ބަދަލު ކުރުމުން ކަމަށް ރަށުގެ މީހުން ކިޔައިދެއެވެ. އަދި މިކަން ލިޔެކިޔުންތަކުން ވެސް އެނގިގެން ދެއެވެ.

ކެލާ ލިލީ ހައުސް-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ކެލާ ކައުންސިލް އިދާރާގެ އެސިސްޓެންޓް ކައުންސިލް އޮފިސަރު މުހައްމަދު ވަހީދު ވިދާޅުވީ، އެތަނަކީ އެއީ އިހު ޒަމާނުގައި ގިނަ ބަޔަކު ދަންނަ މައުލޫދު ކިޔުމަށްދާ ތަނެއް ކަމަށާއި ނަމަވެސް އެތަނުގައި ފަހުން ސްކޫލެއް ހަދައި އެސްކޫލު ވެސް އެހެން ތަނަކަށް ބަދަލު ކުރުމުން އިމާރާތުގެ ބޭނުން ނުހިފުމުގެ ސަބަބުން ވަރަށް ބޮޑަށް ވީރާނާ ވެގެން ދިޔަ ކަމަށެވެ.

އާބާތުރަ ފިލުވުމަށް މާ ބޮޑު ހަރަދެއް ކުރާކަށް ނުޖެހޭ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އެއީ ރާއްޖޭގެ އެހެން ރަށްތަކުގައި ހުންނަ މިފަދަ ތަންތަނުގައި ވެސް ސަރުކާރުން އާބާތުރަ ފިލުވައި މަސައްކަތް ކުރަމުން އަންނާތީއެވެ. މިފަދަ ދުވަސްވީ އިމާރާތެއް ރަނގަޅަށް ބަލަހައްޓަން ބޭނުންވާ ނަމަ އާބާތުރަ ފިލުވަން ޖެހެއެވެ.

ކެލާ ލިލީ ހައުސް-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިއުޒިއަމަކަށް ތަރައްގީ ކުރާ ތަނެއް!

ކެލާގައި ސަގާފީ ފަތުރުވެރިކަން ތަރައްގީކުރުމަށްޓަކައި ލިލީ ހައުސް މަރާމާތުކުރުމަށްފަހު އިމާރާތުގައި މިއުޒިއަމް/ގެލެރީ އެއް ގާއިމް ވެގެން ދިޔުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ދެކެއެވެ. އެކަމުގެ މަސައްކަތް އެއިދާރާއިން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ފަށާފައިވާއިރު، މިކަމަށް ޖުމްލަ 447،933 ދިވެހި ރުފިޔާ ހަރަދުވެގެން ދެއެވެ.

އެތަން އެގޮތަށް ތަރައްގީ ކުރެވުމުން ރަށުގެ ރައްޔިތުންނަށް ހިތްހަމަޖެހުން ވެސް ލިބިގެންދާނެއެވެ.

އެތަން މިއުޒިއަމަކަށް ހަދައިފި ނަމަ ރަށުގައި އިހުޒަމާނު މީހުން ކޮށްފައިވާ މަސައްކަތް އެތަނުގައި ދައްކާލެވޭނެއެވެ. އަދި އެކަން އެގޮތަށްވުމުން ރަށަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ވެސް އެހެންތަންތަނުން ލިބިގެންދާ ވަރަށް މައުލޫމާތު އެތަނާއި ބެހޭ ގޮތުން ވެސް ލިބިގެން ދާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބޮންޑް

    ހުނަރު ފެންނާނެ ގެތައް ވީރާނާވީމާ

    11
  2. އަލިބެ

    ރާއްޖޭގެ ރަށްރަށުގައި ތިކަހަލަ ޢިމާރާތްތަކާއި އަސާރީތަކެތި އެބަހުއްޓެވެ. ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނިފައިވާ މިސްކިތްތައްވެސް އެބަހުއްޓެވެ. އެކަމަކު އެއިންތާކަށް ހެރިޓޭޗް މިނިސްޓްރީން އަޅާނުލާތާނގައި ކައުންސިލްތަކުން އެކަން ކުރާކަށް ބަޖެޓެއްވެސް ދީފައެއް ނޯވެއެވެ. ހައްތާވެސް މިނސްޓްރީން ބުނެލާ ބަހަކީ ތިތަންތަނަށް ބަދަލު ގެނެސްގެންނުވާނެ މިހެންނެވެ. އެއްވެސް ސަރުކާރަކުން މިފަދަ ތަންތަން ގިނަދުވަހަށް ދަމަހައްޓައި ހިމާޔަތް ކުރާކަށް މާބޮޑު މަސައްކަތެއް ކުރާތީއެއް ނުފެނެއެވެ. މޮޅު ވާހަކަދެއްކުން ފިޔަވައި އެހެންކަމެއް ނުވެއެވެ.

    13
    3
  3. ހުވަދޫ އަލިބެއްޔާ

    ވާތު ސަންގަކީ މިލިއަން ރުފިޔާ.. ވަރަށް ވާހަކަ..

    11
  4. ޔާނު

    ކުރިޔައް މީހުންގެޢުމުރު ބެޅީ މިހާރު ގޭތަކުގެ ޢުމްރު ބަލަންފެށީދޯ ބޭކާރުޚަބަރު ބޯހަލާކު

  5. ޗޮކުންބެ

    ތިދެން ކޯޗެއް…

  6. ދުމައިން

    ރަންސަންޑި އޭ ކިޔާއަޑު އެހީމުތޯ؟ ހެރިޓޭޖު މިނިސްޓަރީ ހިންގަން ހުރީ ކާކުތޯ؟ ދިއުޅިއެއްނުވާ ސިޔަސީ ކަމަރު ފިސާރި ބާރަށްބަނދެ ޖަޒުބާތާ އެކު ވަކި ކަމެއް ޙާސިލުކުރަން ނޭނގި އަނގަތަޅާ އޭގެ ރަން ކޮޅެއް. ދެން ވާނެހައެތި ވާނެ.

  7. Anonymous

    މިފަދަ ތާރީޚީ ރީތި ބިނާތައް ވީރާނާވެގެން ދިޔަނުދީ ފުހެވެވި ނުދާނޭގޮތުން ބެލެހެއްޓުމަކީ ރަށުގެ ރައްޔިތުން ކުރަންޖެހޭނެ ކަމެއް. ދިވެހިންގެ ދިވެހިވަންތަކަން ޅަކުދިންނަށްވެސް ފެންނާނޭހެން މިފަދަ ބިނާތައް ބެހެއްޓުމަކީ މުހިންމު ކަމެއް. އެއީ ދިވެހިވަންތަކަމުގެ ލޯތްބާއި ޤަދަރު ކިރިޔާވެސް ހުރި ދިވެއްސެއްވިއްޔާ އެދޭނެ ކަމެއް.