ދިވެހިރާއްޖޭގެ ޤާނޫނުތަކާ ޚިލާފަށް ރާއްޖެ ޓީވީން ދިވެހި ރައްޔިތުންގެ އަބުރު ކަތިލަމުންދާނަމަ، ދެންވެސް ސަލާމަތްވާނީ "އަބުރު ފަންޑު" ހުޅުވައިގެން ކަމަށް ޕީޕީއެމްގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު އަޙްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިހާން ވިދާޅުވީ، ޤާނޫނަކީ ވަކި މީހެއް ނުވަތަ ވަކި ތަނެއްގެ މައްޗަށް ހިނގާ އެއްޗެއް ނޫން ކަމަށާއި، އަބުރު ރައްކާތެރި ކުރުމުގެ ޤާނޫނާ ޚިލާފުވާނަމަ ކުރާ ޖޫރިމަނާއަކީ ސަރުކާރުން ކުރާ ޖޫރިމަނާއެއް ނޫން ކަމަށާއި، އެއީ ޤާނޫނުން ކުރާ ޖޫރިމަނައެއް ކަމަށެވެ.

"ޖޫރިމަނާ އެކުރަނީ އަބުރު ރައްކާތެރި ކުރުމުގެ ޤާނޫނުގެ ދަށުން މީހުންގެ އަބުރާ ބެހޭކަމުގައި ވާނަމަ. ހަމަ އަބުރު ފޮށްޓެއް ހުޅުވައިގެން ސަލާމަތް ވާނީ. މަދަމާވެސް އެކަން ވާނީ އެހެން، އަދި އޭގެ ފަހުންވެސް އެކަން ވާނި އެހެން. އެ ޤާނޫނު ހިނގާކަމުގައި ވާނަމަ ޤާނޫނު ހިނގަން ޖެހޭނެ ކޮންމެ ޓީވީއަކަށް ކޮންމެ ބަޔަކަށް ކޮންމެ ދިމާލަކަށްވެސް." ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ، ރާއްޖެ ޓީވީން ކޮންމެ ދުވަހަކު ޕްރޮގްރާމްތައް ގެންނަނީ ރާއްޖޭގައި މީޑިއާގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނެތުމުން ކަމަށް ވިދާޅުވާ ކަމަށެވެ. ނަމަވެސް އެހެން ބުނެ ގެނެސްދޭ ޕްރޮގްރާމްތަކުގައި ކޮންމެ ދުވަހަކުވެސް ސަރުކާރުގެ ނުވަތަ ޕީޕީއެމްގެ މީހެއް ނުވަތަ އެ މީހެއްގެ ގާތް ތިމާގެ މީހުނާއި، އަނބި ދަރިންގެ އަބުރު ކަތިލަމުންދާ ކަމަށް ނިހާން ވިދާޅުވިއެވެ.

"އެ ޕްރޮގްރާމް މި ގެންނަނީ މިނިވަންކަން ނެތިގެން. ގެންނައިރުގައި އެހެން މީހެއްގެ އަބުރާއި، އިއްޒަތާއި ކަރާމާތާއި، ނަފްސުގެ ހުރިހާ އެއްޗެއް ގެއްލުވާލާފައި ހަމަ ނިންމަމުން މިބުނަނީ ވަރަށް އަނިޔާވެރިއޭ، ވަރަށް ބޮޑުތަނުން އަނިޔާކުރަނީއޭ، ވަރަށް ބޮޑު ގޯހެކޭ އަނިޔާއަކީ." ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ ރާއްޖެ ޓީވީއަކީ އިންސާނުގެ އަބުރާއި، އިއްޒަތާއި، ކަރާމާތަށް ފަރުވާލެއްނެތި ހިންގަމުންދާ ޓީވީ ސްޓޭޝަނެއް ކަމަށެވެ.

"ކޮބައިތޯ އަނިޔާއަކީ؟ ކޮން ހިސާބަކުންތޯ އަނިޔާ ފެށިފައި އަނިޔާ ނިމެނީ؟ ކޮން ހިސާބަކުންތޯ މީހެއްގެ ހައްޤު ފެށިފައި އަނެއް މީހާގެ ހައްޤު ނިމެނީ؟ ރާއްޖެ ޓީވީއަކީ މިހެރަ ކަންތައްތަކަށް އަޅާލުމެއްނެތި ގެންދަވާ ޓީވީ ޗެނަލްއެއް" ނިހާން ވިދާޅުވިއެވެ.

ޓީވީތަކުން ހަމަހަމަ ފުރުޞަތު ދިނުމުގެ ވާހަކައަކީ ކޮންމެ ރިޔާސީ އަހަރެއްގައި، ޚާއްޞަކޮށް މީޑިއާގެ މިނިވަންކަމަށް ގޮވާލާ ފަރާތްތަކާއި، އެޔަށް ވަކާލާތު ކުރައްވާ ފަރާތްތަކުން ތަރުތީބުކޮށް ގޮވަމުންދާ ވާހަކައެއް ކަމަށާއި، އެހެންނަމަވެސް މިހާރުވެސް ޤާނޫނީ އިމުގެ ތެރެއިން ޕީޕީއެމަށް އޮންއެއަރ ޓައިމް ވިއްކަން ރާއްޖެ ޓީވީން ދެކޮޅުހަދަމުންދާ ކަމަށް ނިހާން ވިދާޅުވިއެވެ.

"އަދިވެސް އަޅުގަނޑުމެންގެ ރިކުއެސްޓަށް ހަމަ އެއްވެސް ވަރަކަށް ރާއްޖެ ޓީވީއަކުން އަހަންމިއްޔަތުކަމެއް ދެއްވަން ބޭނުންފުޅެއް ނުވި. ބޭނުމަކަށްވީ އަޅުގަނޑުމެންގެ އަޑު، އަޅުގަނޑުމެންގެ ވާހަކަ އެފަރާތްތަކަށް އަޑު އިވިދާނެތީ. މިއީ ރައްޔިތުންގެ ހައްޤުތަކަކަށް ނުސީދާގޮތެއްގައި އަރައިގަތުން." ރާއްޖެ ޓީވީން ޕީޕީއެމަށް އޮންއެއަރ ޓައިމް ނުވިއްކާ މައްސަލައިގައި ނިހާން ވިދާޅުވިއެވެ.

ނިހާން އިތުރަށް ވިދާޅުވީ، ރާއްޖެ ޓީވީން މީގެ ކުރިންވެސް ޕީޕީއެމަށް އޮންއެއަރ ވަގުތު ދީފައިވަނީ ވަރަށް "ކެހިވެރި" ރޭވުންތަކެއްގެ ތެރެއިން ކަމަށެވެ.

"އެބޭފުޅުން އަޅުގަނޑުމެންނަށް ޕްރޮގްރާމްތައް ކުރިންވެސް ދެނީ ވަރަށް ކެހިވެރި ރޭވުމެއްގެ ތެރެއިން. އެބޭފުޅުންގެ އަދަދު ވަރަށް ގިނަ ކޮށްފައި އަޅުގަނޑުމެންގެ އެންމެ މެންބަރެއް ގެންދަވާފައި ދެންހެމަ އާޑަފުރައްސާރަ ކުރެވޭކަހަލަ ކޮންމެސް ނިޒާމެއްގެ ތެރެއިން. މިނިވަން މީޑިއާގެ ނަމުގައި އިންސާފާއި، ހަމަހަމަކަމުގެ ވާހަކަ ހެނދުނުއްސުރެ ފެއްޓިގެން އިރުއަރަންދެން ދައްކާ ޓީވީއަކުން އާއްމުކޮށް ކަންތައްކުރަނީ މިހެން." ނިހާން ވިދާޅުވިއެވެ.

ރާއްޖެ ޓީވީ އެންމެ ފަހުން ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަބުރުފުޅު ކަތިލެއްވުމާ ގުޅިގެންނެވެ. އެ މައްސަލައިގައި ޤާނޫނާ ހިލާފުވެފައިވާތީ ބްރޯޑްކާސްޓިންގ ކޮމިޝަނުން ރާއްޖެ ޓީވީ ކުރި ޖޫރިމަނާ މިއަދު ވަނީ އެ ސްޓޭޝަނުން މީރާއަށް ދައްކާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކަލޭފާން

    ނަމުގަ އަބުރު ފަންޑް. ފަންޑް ފޮށްޓަށް ލިބޭ ލާރިންވެސް ވައްކަން.

  2. ރހހ

    އަދި ސަލާމަތްވާން ކާރިނުވެ. ހަތަރު ކަށިމަތި މާލެ މީހާވެސް ހިމެނޭގޮތައް ވާނެ އަދި މިޔައްވުރެގިނައިން އަތުލަން. ޖމރއައް އެރްޕޯޓުދީފަ ނެގިލާރި ގަންޑު ހިފައިގެން ނުތިބެވޭނެ، ފެލާފަވެސް ހޯދާނަން.

  3. އައިލަމް

    "ޤާނޫނު ހިނގާކަމުގައި ވާނަމަ ޤާނޫނު ހިނގަން ޖެހޭނެ ކޮންމެ ޓީވީއަކަށް ކޮންމެ ބަޔަކަށް ކޮންމެ ދިމާލަކަށްވެސް." އެކަމަކު ޗެނަލް 13 އަކަށް ޓީވީ އެމް އަކަށް މި ޤާނޫނޭއް ނުހިނގާނެ ދެއްތޮ. ވަރަށް އިންސާފުބައެއް ތީ.. ނިހާނު ކިތަންމެ ރުޅިއަޔަސް ރާއްޖެ ޓީވީ ކަންތައްކުރާނެ ގޮތް ކަލެއަކަށް ނޭނގޭނެ... ދެން ލަލަލާ......

  4. ލޯހުޅުވާ

    އަބުރު ކަތިލެވެނީ ހަމައެކަނި ވީ މީޑިއާ އާއި ރާއްޖެޓީއަށްދޯ އެހެން ޗެނެލްތަކުން ކޮށްމެ ވާހަކައެއް ދެއްކިއަސް ހަމަ އޯކޭ ދޯ ތިހަދާގޮތް ނޭންގޭ މީހަކު މިހާރު މިރާއްޖެއަކު ނެތް

  5. ނައޯ

    މި ނިހާނު އަދި ރީތި ބޮނޑިއެއް ބޯނެ. އެދުވަހަކަށް ވަރަށް އިންތިޒާރުކުރަން

  6. ކޮސްމާލި

    ﷲ އިރާދަކުރެއްވިއްޔާ ތިނުބައި ދޫ ނިކަންއަވަހަށްތަޅުލަށްވާނެ .އެދުވަހަކުން ވެސް އިންސާފުން ކަން ކުރާނީ މިކަހަލަ ބޭއިންސާފެއްނޫން އަބަދަކު އޮނާނީ
    ބިފޯ ބަށްލަވާލަށްވާ؟؟!!

  7. އަބުރުފުޅު

    ތި އަބުރުފުޅު ފަންޑު ފޮށިން ރާއްޖެޓީވީ އަށްވަނީ ފައިދާ. ކޮންމެ ފަހަރަކުވެސް އަބުރުފަންޑު ފޮށްޓޭކިޔާފަ ފަންޑުފޮށްޓެއްހުޅުވާނެ. “ހެޔޮއެދޭ” ރައްޔިތުން ކިތައްމެ ވަރަކަށްވެސް ތި ފަންޑުފޮށްޓަށް އެހީވާނެ. ތިހެން ކިތައް ފަންޑުފޮށި ހުޅުވައިފި. ފައިސާ ދައްކަންޖެހޭ ދުވަހަށް ފައިސާވެސް ދައްކާނެ. އެކަމަކު ދުވަހަކުވެސް ރާއްޖެޓީވީން ބުނިތަ ފަންޑުފޮށްޓަށް ލިބުނު ޖުމްލަ އަދަދު. ނުބުނޭ. އެހެންވީމަ އެމީހުންނަށް ހެސްކިޔާފަ ފައިދާވޭ. 2 މިލިއަން ދައްކަން އެންގީމަ 3 ނުވަތަ 4 މިލިއަންވެސް ލިބިފަ ހުރެދާނެ.
    ރާއްޖެޓީވީން އެހެންމީހުންނާ ދިމާއަށް ވަގޭ ވަގޭ ގޮވާއިރު ރާއްޖެޓީވީން ވެސް ތި ކުރަނީ އޮޅުވާލުމާ ވައްކަން. ތެދުވެރި ބައެއްނަމަ ލިބުނު އަދަދުވެސް ހާމަ ކުރަަނެ. އިތުރަށް ލިބިފަ ހުންނައަދަދު ދެން ހުޅުވާ ފަންޑުފޮށްޓަށް ލާނަމޭ ބުނާނަމަ ގިނަ ރައްޔިތުންނަށް ރާއްޖެޓީވީ އަށް އިތުބާރުވެސް ކުރެވޭނެ.
    ލާރިގަނޑެއް ބޭނުންވާއިރަށް މީހެއްގެ އަބުރަށް އަރައިގަނޭ. ދެންހުޅުވާ އަބުރުފުޅު ފަންޑު ފޮށްޓެއް. ރާއްޖެޓީވީ އަށްވެސް ފައިދާ