"އިންޓަނޭޝަނަލް ޔިއަރ އޮފް ރީފް" ނުވަތަ ބައިނަލްއަގުވާމީ ފަރުތަކާއި ބެހޭ އަހަރު ރާއްޖޭގައި ފާހަގަކޮށްފިއެވެ.

އެންވަޔަރަންމެންޓް މިނިސްޓްރީއިން އިސްނަގައިގެން ސާކްގެ ބައެއް ގައުމުތަކާއި ގުޅިގެން ފަރުތަކުގެ އަހަރު ރާއްޖޭގައި ފާހަގަކުރުމަށް މިއަދު އެންވަޔަރަންމެންޓް މިނިސްޓްރީގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި ރާއްޖެ ހިމެނޭގޮތަށް ޖުމްލަ ފަސް ގައުމަކުން ބައިވެރިވެފައިވެއެވެ.

ފަރުތަކާއި ބެހޭ އަހަރު ރާއްޖޭގައި ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެފައިވަނީ އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް އަދި ޕާކިސްތާނާއި ރާއްޖެއެވެ. އަދި ރަސްމިއްޔާތުގައި އެ ގައުމުތަކުގެ މަންދޫބުން ވަނީ އެގައުމުތަކުގައި ތިމާވެށީގެ ކަންކަން އޮތް ގޮތާއި ފަރުތަކަށް ދިމާވެފައިވާ މައްސަލަތަކާއ ބެހޭ ގޮތުން ވާހަކަ ދައްކާފައެވެ. އަދި ފަރުތަކަށް ލިބެމުންދާ ގެއްލުންތަށް ކުޑަކުރުމަށް ކުރެވިދާނެ ކަންކަމާއި ފަރުތަށް ހިމާޔަތްކުރުމުގެ މުހިންމު ކަމުގެ މަށްޗަށް އެފަރާތްތަކުން ވަނީ އަލި އަޅުވާލާފައެވެ.

ފަރުތަކުގެ ތިންވަނަ ބައިނަލްއަގުވާމީ އަހަރު ރާއްޖޭގައި ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަންމެންޓް މިނިސްޓްރީގެ ޕާމަނެންޓް ސެކެރެޓަރީ އަޖުވަދު މުސްތަފާ ވިދާޅުވީ ރާއްޖެއަކީ ފަރުތަށް ގިނަ ގައުމެއް ކަމަށާއި މިގައުމުގެ އިގްތިސާދަށް ފަރުތަކުން ލިބޭ މަންފާ ބޮޑު ކަމަށެވެ.

އަދި ފަރުތަކަކީ ފަތުރުވެރިކަމާއި ގުޅި ލާމެހިފައިވާ ކަމެއްކަމުގައި ފާހަގަކުރަމުން އަޖުވަދު ވިދާޅުވީ ފަރުތަށް ހިމާޔަތް ކުރުމަކީ ފަރުދީ ޒިންމާއެއް ކަމަށާއި ފަރުތަކަށް އަޅާލާނެ ގޮތްތަށް ހޯދަމުން އަންނަ ކަމަށެވެ.

"ރާއްޖެއަކީ ގުދުރަތީގޮތުން ރީތި އަދި ބިޔަ ފަރުތަށް ދެއްވާފައިވާ ގައުމެއް. މިގައުމުގެ ފަރުތަށްވެސް ވަނީ ވަރަށް ނާޒުކު ފައްތަރެއްގައި. އަދި އަޅުގަނޑުމެން މަސައްކަތް މިކުރަނީ ފަރުތަކަށް ލިބިފައިވާ ގެއްލުންތަށް ދެނެގަނެ ފަތުރަކަށް އިތުރަށް އަޅާލެވޭނެ ގޮތްތަށް ހޯދުމަށް. ފަރުތަށް ހިމާޔަތް ކުރުމަކީ އަޅުގަނޑުމެންގެ އިޤްތިސާދާއި ގުޅިފައިވާ ކަމަކަށް ވީ ހިނދު ފަރުތަށް ހިމާޔަތް ކުރުމުގައި ފަރުދީ ޒިންމާ ނަގަން ޖެހޭ" އަޖުވަދު ވިދާޅުވިއެވެ.

ފަރުތަކާއި ބެހޭ އަހަރު ރާއްޖޭގައި ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވަނީ މިއަހަރުގެ ތިމާވެށީގެ ދުވަހާއި ގުޅިގެން ދިވެހި ރައްޔިތުންގެ މެދުގައި ތިމާވެށްޓަށް ހޭލުންތެރިކުރުވުމަށް އެންވަޔަރަން މިނިސްޓްރީއިން ހުޅުވާލި ފޮޓޯ ގްރަފީ މުބާރާތުގެ ނަތީޖާ ފާޅުކޮށްފައެވެ.

"ދެމެހެއްޓެނިވި ތަރައްޤީއަކަށް ދިރޭތަކެތީގެ ނަސްލު" މި މައުޟޫގެ ދަށުން ކުރިއަށް ގެންދިޔަ މި މުބާރާތަކީ ޖުލްމަ ދެ ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މުބާރާތެކެވެ. އެގޮތުން ކެޓެގަރީ އެކެއްގައި ހިމެނޭ "މުރަކައިގެ ފަރުތަކުގެ ދިރުން" މި ތީމްގެ އެއްވަނަ ހާސިލްކޮށްފައިވަނީ އަބްދުލް އަލީމެވެ. އެ ތީމްގެ ދެވަނަ ދެ ފަރާތެއް ހާސިލްކޮށްފައިވެއެވެ. އެއީ މަރިޔަމް އަމާލް އާއި އަބްދުﷲ ނިޔާޒްއެވެ. މި ތީމްގެ ތިންވަނަ ހޯދައިފައިވަނީ އެއްވަނަ ވެސް ހޯދި އަބްދުލް އަލީމްއެވެ.

މުބާރާތުގެ ކެެޓެގަރީ ދޭއްގައި ހިމެނޭ "ތިމާވެއްޓަށް ކުރާ އަސަރު" މި ތީމްގެ އެއްވަނަ އަދި ދެވަނަ ހޯދައިފައިވަނީ އަބްދުލް އަލީމެވެ. އަދި އެ ތީމްގެ ތިންވަނަ ހޯދީ ހުސެއިން ނިޔާޒްއެވެ.

އެންވަޔަރަންމެންޓް މިނިސްޓްރީއިން ކުރިއަށް ގެންދިޔަ ފޮޓޯ މުބާރާތުގެ އެއްވަނައަށް 10،000 ރުފިޔާގެ އަގުހުރި އިނާމް ދީފައިވާއިރު ދެވަނަ ފަރާތަށް 7،500 ރުފިޔާގެ އަގުހުރި އިނާމު ވަނީ ދެވިފައެވެ. އަދި ތިންވަނައަށް 5،000 ރުފިޔާގެ އަގުހުރި އިނާމު ވަނީ ދެވިފައެވެ.