މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) ގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހުގެ 10:00 ގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށެވެ.

ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގައި، ބްރޯޑްކޮމްގެ މެންބަރުކަމަށް އައްޔަންކުރާ މީހުންގެ ކިބައިގައި ހުންނަންވާނެ ސިފަތައް ބަޔާންކޮށްފައިވެއެވެ. ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، ހުށަހަޅަން ޖެހޭ ލިޔުންތަކާއެކު ރައީސް އޮފީހަށް ހުށަހެޅުމަށް އެ އޮފީހުން ވަނީ އިއުލާނުކޮށްފައެވެ.

ބްރޯޑްކޮމްގެ މެންބަރު އަދި އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު އަސްލަމްގެ ދައުރުގެ މުއްދަތު މިމަހު ހަމަވާނެއެވެ. ބްރޯޑްކޮމްގެ މެންބަރަކަށް މުހައްމަދު އަސްލަމް، އައްޔަނުކުރެއްވީ 2013 ވަނަ އަހަރުގެ މާޗު މަހުގެ 13 ވަނަ ދުވަހުއެވެ. އަދި 2016 ވަނަ އަހަރުގެ އެޕްރީލް މަހުގެ ފަސް ވަނަ ދުވަހު ފެށުނު ކޮމިޝަންގެ ދެވަނަ ދައުރުގެ ނައިބު ރައީސަކަށް މުހައްމަދު އަސްލަމު ވަނީ އިންތިހާބުވެވަޑައިގެންފައެވެ.

އެ ކޮމިޝަންގައި ހަތް މެންބަރުން ތިއްބަވައެވެ. އެއީ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު އާއި ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު އަސްލަމް އާއި ކޮމިޝަންގެ މެންބަރު ޒީނާ ޒާހިރު އާއި ހަސަން ނަބާހު އާއި އަަލްއުސްތާޒާ ސަރާހަތު އިއްޒަތު އާއި ފާތިމަތު ޒައިނާ އަދި އިސްމާއިލް ސަފްވާނެވެ.

ކިޔުންތެރިންގެ ހިޔާލު