ސްކޫލުތަކުގެ ދަރިވަރުންނަށް ތިމާވެއްޓާ ބެހޭ ގޮތުން މައުލޫމާތު ދީ، އާންމު ހޭލުންތެރިކަން އިތުރު ކުރުމަށް ތިމާވެށީގެ މަހާސިންތާއެއް ބޭއްވުމަށް ނިންމައިފިއެވެ.

ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މަހާސިންތާ އަކީ މި ފަދަ ދެވަނަ ޤައުމީ މަހާސިންތާއެވެ. ޖުމްލަ 37 ސްކޫލަކުން 148 ކުދިން ބައިވެރިވުމަށް ހަމަ ޖެހިފައިވާ މި ބޮޑު މަހާސިންތާ އޮންނާނީ މި ފެށޭ އޭޕްރީލް މަހުގެ ހަވަނަ ދުވަހުން އަށްވަނަ ދުވަހުގެ ނިޔަލަށެވެ.

"ދަރިވަރުންގެ ތިމާވެށީގެ ޤައުމީ މަހާސިންތާ" ގެ ނަމުގައި ހިންގާ މި ހަރަކާތުގެ މައިގަނޑު ޝިޔާރަކީ "ދަރިވަރުންގެ ވިސްނުން ދެމެހެއްޓެނެވި ކުރިމަގަކަށް ބާރުވެރިކުރުވުން" މިއެވެ. ހަމަ މިފަދައިން މި ކަމުގެ މަޤްސަދަކީ ތިމާވެއްޓަށް ދިމާވާ އެކިއެކި ގޮންޖެހުންތަކާއި މައްސަލަތަކަށް އަމިއްލައަށް ހައްލު ހޯދުމުގެ ޤާބިލުކަން ކިޔަވާ ކުދިންގެ ގައިގައި އަށަގެންނެވުމެވެ. އަދި މި ކަންކަމާބެހޭ މަޢުލޫމާތު ހުރި، ޢިލްމީ ޤާބިލް ދަރިންތަކެއް ބިނާކުރުމެވެ.

މިއީ މިނިސްޓްރީ އޮފް އެންވަޔަރަމެންޓް އެންޑް އެނާރޖީ އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު ހިންގާ މަހާސިންތާއެއް ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެންމެ ފަހުން މި މަހާސިންތާ ބާއްވާފައިވަނީ 2015 އޯގަސްޓް މަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު