ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހުސައިން ޝަމީމް ތިން މަހަށް ސަސްޕެންޑްކޮށްފިއެވެ.

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނެރުނު އިއުލާނެއްގައި ވިދާޅުވީ ޝަމީމް ސަސްޕެންޑް ކޮށްފައިވަނީ މި މަހުގެ އެއްވަނަ ދުވަހު ޖުޑިޝަރީއާ ގުޅޭގޮތުން ޝަމީމް ކޮށްފައިވާ ޓްވީޓަކާ ގުޅިގެން ކަމަށެވެ.

ޝަމީމްގެ މި އަމަލަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ގާނޫނީ ވަކީލުންނާއި ބެހޭ ގަވާއިދުގެ 3.2 ގެ (ހ) އާ ހިލާފު އަމަލަކަށްވާތީ އެ ގަވާއިދުގެ 6 ވަނަ މާއްދާގެ (ނ) ގެ ދަށުން ޝަމީމް އަށް ރާއްޖޭގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތު ކުރުން މިއަދުން ފެށިގެން ތިން މަސް ދުވަހަށް މުއްދަތަށް މަނާކުރަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ނިންމަވާފައިވާ ކަމަށެވެ.

މިއީ ޝަމީމް ސަސްޕެންޑް ކުރި ތިން ވަނަ ފަހަރެވެ. އޭނާ އެންމެ ފުރަތަމަ އޭނާ ސަސްޕެންޑްކުރީ 2015 ވަނަ އަހަރުއެވެ.

އޭރު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވަމުންދަނިކޮށް ޑީޖޭއޭ އިން ޝަމީމް ސަސްޕެންޑްކޮށްފައި ވަނީ "ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ގާނުނީ ވަކީލުންނާ ބެހޭ ގަވައިދު"އާ ހިލާފުވެފައިވާ ކަމަށް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާއޭއެޗް

    ވރަގަޅު

  2. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ ދަނބުފަށުވިގެ

    އަޅުގަނޑުގެ ނަޒަރުގައި ދެރަކަމެއް! އެކަމަކު މީޑިއާގެ ނަޒަރުގައި މޮޅުކަމެއް! ތިޔަކަމަކީ، އާދެ! ޤާނޫނީ ވަކީލަކު ސަސްޕެންޝަންގައި ހުންނެވުމަކީ! އެހެނީ، އޮއިވާލީގައި މަސްއެޅުމަށް ވަގުތު ނަގާގޮތަށް ޝަމީމުގެ ޤާނޫނީ ކެރިފޯރުން ތެރިކަން ވަޒަންކުރުމަށް މިޑިއާގައި ފުރުޞަތު ލިބެމުންދާތީ، މިކަންކަމުގެ ސަބަބުން ޝަމީމް ޝަމީމަކަށް ވެގެންދާނެއެވެ.