ސަރުކާރުން ލ. ގަމުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ލ. ގަމުން ދޫކުރުމަށް ހަމަޖެހިފައިވާ 400 ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.

ހައުސިން މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވީ ގޯއްޗަށް އެދި ހުށަހަޅާ ފޯމު މިއަދުން ފެށިގެން ލ. ގަމުގައި ޤާއިމްވެފައިވާ ޕަބްލިކް ވޯކްސް ސަރވިސަސް އިންނާއި އެ މިނިސްޓްރީގެ ކައުންޓަރުތަކުގެ އިތުރުން ހައުސިން މިނިސްޓްރީގެ ވެބްސައިޓުން (http://www.housing.gov.mv) ލިބެން ހުންނާނެ ކަމަށެވެ.

ގޯއްޗަށް އެދި ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތައް ވެސް ހައުސިން މިނިސްޓްރީން ބަޔާންކޮށްފައިވެއެވެ. އެގޮތުން އެމީހަކީ ދިވެހި ރައްޔިތަކަށް ވުމާއި، އުމުރުން 18 އަހަރު ވެފައިވާ މީހަކަށްވުމާއި، ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް، ނުވަތަ އަމިއްލަ ގޯއްޗެއް، އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައިނެތުމާއި، އެއްވެސް ރަށަކުން އަމިއްލަ ނުވަތަ، ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑު ބައެއް ލިބިފައި ނެތް މީހަކަށް ވާންޖެހެއެވެ.

އިސްވެ ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކުން، 600 އަކަފޫޓަށްވުރެ ކުޑަ ނުވަތަ ބޮޑުބައެއް ލިބިފައިވާނަމަ "ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާބެހޭ ޤަވާއިދު" އާއި އެއްގޮތް ވާގޮތުގެމަތިން އެބިން ދޫކޮށްލަން އެއްބަސްވާންޖެހޭނެ ކަމަށް އެ އިއުލާނުގައި ވިދާޅުވެފައިވެއެވެ. އަދި އެފަދައިން ބިން ދޫކޮށްލަން އެއްބަސްވާ ކަމުގެ ލިޔުމެއް ފޯމާއެކު ހުށަހަޅަންވާނެ ކަމަށާއި އެފަދަ ލިޔުމެއް ހުށަނާޅާނަމަ، ފޯމު ބާތިލުވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހަދާފައިވާ ޢިމާރާތެއްގެ ފްލެޓެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން، ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި ރަޖިސްޓަރީކޮށްފައި ވީނަމަވެސް އެތަނެއް ދޫކޮށްލިތާ ނުވަތަ އެހެންފަރާކަށް ދޫކޮށްލިތާ ނުވަތަ އެހެން ފަރާތަކަށް ދީ ނުވަތަ ވިއްކާފައިވާތާ 2 އަހަރަށްވުރެ ގިނަދުވަސް ވެފައިވާ މީހަކަށް ވެސް ވާންޖެހެއެވެ.

އަދި ފާއިތުވި 2 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ވާރުތަ މުދަލުގެ ގޮތުގައި ލިބިފައިވާ 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ޝަރުޢީ މަރުހަލާގެ ތެރެއިން ދޫކޮށްލާފައިވާ ފަރާތަކަށް ނުވުމާއި، ރާއްޖޭގެ އެއްވެސް ރަށަކުން މީގެކުރިން ލިބިފައިވާ ގޯއްޗެއް ނުވަތަ ގޯއްޗަކުން ލިބިފައިވާ 600 އަކަފޫޓަށްވުރެ ބޮޑުބައެއް ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި މީހަކަށްދީ ނުވަތަ ވިއްކާފައި ނުވާ މީހަކަށްވެސް ވާންޖެހޭނެ ކަމަށް އެ އިއުލާނުގައި ވިދާޅުވެފައިވެއެވެެ.

މިޝަރުތުތައް ހަމަނުވާ ފަރާތްތަކުގެ ފޯމް އިވެލުއޭޝަން މަރުހަލާގައި ބާތިލުވާނެ ކަމަށާއި އަދި އެ ފޯމްތައް ބާޠިލްވެފައިވާކަން ސަބަބާއެކު، ފޯމް ހުށަހެޅި ފަރާތަށް ލިޔުމުން އަންގާނެ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވިއެވެ.

ލ.ގަމުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ 2 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ އުމުރުން 18 އަހަރާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް ޚާއްސަ ކެޓަގަރީ އަދި ހުރިހާ ފަރާތްތަކަށް ޚާއްސަ ކެޓަގަރީއެވެ.

ގޯތިލިބެންޖެހޭ ފަރާތްތައް ހޮވާނީ ޕޮއިންޓް ލިބިފައިވާ ތަރުތީބުން ގިނަޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެން ކަމަށާއި އެގޮތުން އެފަހަރަކު ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އެންމެފަހު ގޯއްޗަށް ވާދަކުރަން އެއްވަރަކަށް ޕޮއިންޓްލިބިފައިވާ ގިނަ ފަރާތްތައް ތިބިނަމަ އެ ގޯތި ލިބޭމީހާ ކަނޑައަޅާނީ ގުރުއަތުލައިގެން ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވިއެވެ. މީގެ އިތުރުން ރަށުގެ ޙާލަތަށް ރައްޔިތުންގެ ދިރުއުޅުމުގެ ހާލަތައް ބަލައި، ޕޮއިންޓްދިނުމުގެ އުޞޫލަށް ބަދަލު ގެނައުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ގޯއްޗަށް އެދި ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން "ލ. ގަމުން ގޯއްޗަށް އެދި ހުށަހެޅުމަށް އެދޭ ފޯމު" ފުރިހަމަކޮށް، އެފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީއާއި، ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އެހެނިހެން ލިޔެކިއުންތައް 14 އޮކްޓޫބަރ 2018 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީއަށް ނުވަތަ ލ. ގަމުގައި ޤާއިމްވެފައިވާ ޕަބްލިކްވަރކްސް ސަރވިސަސް އަށް ހުށަހެޅުއްވުން ހައުސިން މިނިސްޓްރީން އެދެއެވެ.