އަދާލަތު ޕާޓީ ވުޖޫދަށް ގެންގެވި ގިނަ ދީނީ އިލްމުވެރިން މިހާރު ތިބީ ރައީސް ޔާމީންގެ ފަހަތްފުޅުގައި ކަމަށް ހައުސިންގް މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ހިތަދޫގައި ސަރުކާރުން ކުރިއަށްގެންދެވި ތަރައްޤީގެ މަޝްރޫއުތަކުގެ ކާމިޔާބީ ފާހަގަކުރުމަށް މިހާރު އަައްޑޫ ސިޓީ ހިތަދޫގައި ބާއްވަމުން އަންނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރިން އަދާލަތު ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ހައުސިންގް މިނިސްޓަރ މުއިއްޒު ވިދާޅުވީ އަދާލަތު ޕާޓީ އުފެއްދުނީ ވަރަށް މަތިވެރި ނިޔަތެއްގައި ކަމަށެވެ. އެއިރު އަދާލަތު ޕާޓީ އުފައްދަން އެންމެ ބޮޑަށް މަސައްކަތް ކުރި ދީނީ އިލްމުވެރިން ޕާޓީ ދޫކުރައްވާ މިހާރު ތިބީ ރައީސް ޔާމީންގެ ފަހަތްފުޅުގައި ކަމަށެވެ.

"އަދާލަތު ޕާޓީ ވުޖޫދަށް އައީ ރާއްޖެއިން ލާދީނީ ފިކުރު ފޮހެލުމަށާއި އިސްލާމްދީން ހިމާޔަތް ކުރުމަށް. ނަމަވެސް މިއަދު މިވަނީ އެޕާޓީ ވުޖޫދަށް އައި މަގުސަތު ނެތިގޮސްފައި. ނަތީޖާއަކަށްވީ އަދާލަތު ޕާޓީ އުފައްދަން އެންމެ ބޮޑަށް މަސައްކަތް ކުރި ދީނީ އިލްމުވެރިން ޕާޓީ ދޫކުރައްވާ މިހާރު ރައީސް ޔާމީންގެ ފަހަތްފުޅަށް އައުން. ޝައިހް އިލްޔާސް ފަދަ މަދު އިލްމުވެރިން އަމިއްލަ ފައިދާއަށްޓަކައި މަސައްކަތް ކުރަމުން އެގެންދަނީ" މުއިއްޒު ވިދާޅުވިއެވެ.

އެމްޑީޕީ ޝާމިލްވާ ވެރިކަމަށް ރާއްޖެއަށް އަތުވެއްޖެ ނަމަ ރާއްޖޭގައި އިސްލާމްދީން ގާއިމްވާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އެމްޑީޕީ ޝާމިލްވާ ވެރިކަމެއް ރާއްޖެ އަތުވެއްޖެ ނަމަ ރާއްޖޭގައި އިސްލާމްދީން ގާއިމްވާނެ އެެއްވެސް ގޮތެއް ނޯންނާނެ. އަދި އެމްޑީޕީގެ ސަރުކާރެއް އައިސްފިނަމަ މިގައުމުގައި ދީނީ މިނިވަންކަމަށް ފުރުސަތުދޭނެ" މުއިއްޒު ވިދާޅުވިއެވެ.

ކޯލިޝަންގެ ސިޔާސަތަކީ އިސްލާމްދީނާއި ބީރަށްޓެހި ސިޔާސަތެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގައި ނަސޯރާ ދީން ފަތުރަން މަސައްކަތް ކޮށްގެން ރާއްޖެއިން ޑީޕޯޓްކޮށްލާފައިވާ ބައެއް ފަރާތްތަށް ޖަޒީރާ ރާއްޖޭގެ ޓީޝާޓް ލައިގެން ބޭރުގެ ބައެއް ގައުމުތަކުގައި ކެމްޕޭން ކުރަމުން ގެންދިޔުމަކީ އެކަމުގެ ހެއްކެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ. މިނިސްޓަރ މުއިއްޒު އެއިޝާރާތް ކުރެއްވީ އެމްޑީޕީ އާއި ގާތް ގުޅުމެއް އޮންނަ ޑޭވިޑް ހާޑިންހަމް އަށެވެ. އޭނާ އަކީ ރައީސް މައުމޫންގެ ވެރިކަމުގައި ރާއްޖޭގައި ނަސޯރާ ދީން ފަތުރަން އުޅުމުން ޑީޕޯޓް ކޮށްލި މީހެކެވެ.

"ރާއްޖޭގައި ނަސޯރާ ދީން ފަތުރަށް މަސައްކަތް ކުރި ބައެއް ފަރާތްތަށް ބޭރުގެ ބައެއް ގައުމުތަކުގައި ކޯލިޝަންގެ ކެމްޕޭން ކުރައްވަމުން އެބަގެންދޭ. އެމީހުން ބޭނުންވަނީ އިސްލާމްދީން ނިކަމެތިކޮށްލަން. އަދި މިގައުމުގައި އިސްލާމްދީން ނޫން އެހެން ދީންތަކަށް ފުރުސަތު ދޭން. އަދި އެފަރާތްތަކުގެ ގޮނޑިކޮއްކޮ ސަރުކާރެއް މިގައުމުގައި ގާއިމް ކުރުމަށް އެމީހުން މަސައްކަތް ކުރަމުން އެގެންދަނީ" މުއިއްޒު ވިދާޅުވިއެވެ.

މިނިސްޓަރ މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބު ބޯމަތިވެފައިވާއިރު ރައީސް ޔާމީން ގައުމަށް ކޮށްދެއްވި ހިދުމަތްތަކަށް ވިސްނާލުން މުހިންމު ކަމަށެވެ. އަދި ރައީސް ޔާމީނާއި އެކުގައި މަސައްކަތް ކުރުމަކީ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށް ވިދާޅުވިއެވެ. އެހެން ނޫންކަމަށްވަނީ ނަމަ ގައުމާއި ދީން އަތުން ބީވެގެން ހިނގައިދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ގަބޫލުކުރަން ޖެހޭ ހަޤީގަތަކީ ރައީސް ޔާމީން ރާއްޖޭގައި އިސްލާމީ ހުދޫދުތަށް ގާއިމް ކުރުމަށް މަސައްކަތް ކުރިކަން. އިދިކޮޅު ފަރާތްތަކުން މިގައުމުގައި އިސްލާމްދީން ހިމާޔަތް ކުރަން ކުރި އެއްވެސް ކަމެއް ނޯންނާނެ. ރައީސް ޔާމީނާއި އެކުގައި މަސައްކަތް ކުރުމަކީ ދީނީ އަދި ގައުމީ ވާޖިބެއް. އެހެން ނޫންކަމަށްވަނީ ނަމަ ގައުމާއި ދީން އަތުން ބީވެގެން ހިނގައިދާނެ" މުއިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެއްމެން

    އަދާލަތު ޕާޓީއަކީ ޝޭޚު ހުސައިން ރަޝީދު އުފެއްދި ޕާޓީއެއް. އަމިއްލަ އެދުން މަތިކުރަން ބޭނުން ނުވާމީހަކަށް ވާތީ އަދާލަތު ޕާޓީގެ ފުރަތަމަ ދައުރުގެ ލީޑަރުކަންކޮށް ޕާޓީ ވަރުގަދަ ކުރުމައްފަހު އޭނަ ލީޑަރޝިޕް ޕާޓީގެ ދެންތިބި މީހުންބޭނުންވާ މީހަކަށް ދިނުމުގެ ފުރުސަތު ދީފަ ލީޑަރޝިޕުން ފޭބި. މީ އައްނި އަދި މައުމޫނަށް ވެސް ދަސްނުވި ކަމެއް.