ރާއްޖޭގެ ތައުލީމީ ނިޒާމުގެ ތެރެއަށް "މީމިސް" ޕިލޮސީ އިތުރުވުމުން އެކަމާއި އުފާކުރާކަމަށް ކޮމިއުނިޓީ ސިސްޓަމް ފައުންޑޭޝަން (އޮފް ސީ.އެފް.އެސް)ގެ ރައީސް މިސްޓާ ކްރިސް ބުނެފިއެވެ.

ކްރިސް މިހެން ބުނެފައިވަނީ "މީމިސް" ޕޮލިސީ ލޯންޗްކުރުމަށް ރޭ ބޭއްވުނު ހާއްސަ ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.

ކްރިސްގެ ވާހަކައިގައި އޭނާ ބުނެފައިވަނީ މީގެކުރިން އެޑިއުކޭޝަން މިނިސްޓަރާއިއެކު ޕެރިސްގައި މިކަމާއި ގުޅޭ މީޓިންއެއްވެސް ބޭއްވުނު ކަމަށާއި އެ މީޓިންގައި ދެކެވުނު ވާހަކަތައް އެހެން ގައުމުތަކުންވެސް ބަލައިގަތް ކަމަށެވެ. އަދި ތައުލީމީ ނިޒާމަށް ބޮޑު އިންގިލާބެއް ގެނެވޭނެ ހަމައެކަނި ގޮތަކީ މިއީ ކަމުގައި ދެކޭ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އޭގެ އިތުރުންވެސް ސައުތު އޭޝިއާ ގައުމުތަކުގެ ތެރެއިން "މީމިސް" ޕިލޮސީ އެޕްލައި ކުރާ ލީޑާ ގައުމަކީވެސް ރާއްޖެ ކަމަށާއި އެކަމާވެސް ފަޚުރުވެރިވާކަމަށް ކްރިސް ވަނީ ބުނެފައެވެ.

މީމިސް ޕޮލިސީ ލޯންޗްކުރުން - ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ

"ވަގުތު"އަށް ދިން އިންޓަވިއުއެއްގައި ކްރިސް ބުނެފައިވަނީ ރާއްޖެއާއި އެހެން ގައުމު ތަކާއި ހުރި ތަފާތަކީ، ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓްރީއިން ލީޑާރޝިޕް އަދި ޑެޒިޝަން މޭކިންއަށް ދޭން އަހަންމިއްޔަތުކަން ކަމަށެވެ.

"ދުނިޔޭގެ އެހެން ގައުމުތަކާއި ޚިލާފަށް ރާއްޖޭގައި ޑެޒިޝަން މޭކިންގައި ޑޭޓާގެ ބޭނުން ކުރޭ. މިހާރު ޓެކްނޮލޮޖީގެ އެހީތެރިކަމާއެކު ރާއްޖޭގައިވެސް ކަރިކިއުލަމް އާއި އެނޫން ކަންކަން އެނަލައިޒް ކުރަނީ ޑާޓާގެ އެހީތެރިކަމާއެކު" ކްރިސް ބުނެފައިވެއެވެ.

މީމިސް ޕޮލިސީ ލޯންޗްކުރުން - ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ

ކްރިސް އިތުރަށް ބުނީ، ރާއްޖެއަށް ދެން ކުރިއަށް އޮތީ ޑޭޓާ އެނަލައިޒް ކުރުމުގެ މަރުހަލާ ކަމަށާއި މި މަރުހަލާގައި ސާވޭ ތަކާއި އެފަދަ ކަންކަމުން ކޮންމެ ދަރިވަރެއްގެ ކިޔެވުމުގެ ވައްޓަފާޅި ވަޒަން ކުރެވޭނެ ކަމަށެވެ. އަދި ކިޔެވުމަށް ދަށްވަނީ ކީއްވެގެން ކަމާއި ކިޔެވުމުގައި ދޫކޮށްލަން ޖެހޭ އުސޫލްތަކާއި ސިފަތައްވެސް ޑާޓާ އެނަލައިޒް ކުރުމުން އެނގިގެން ދާނެކަމަށެވެ.

"މީމިސް" ޕޮލިސީގެ ތެރެއިން ދަރިވަރުންގެ ހާޒިރީ އާއި ރިޕޯޓް ކާޑާއި ސިއްހީ މައުލޫމާތާއި އަދި އެނޫންވެސް ދަރިވަރުންނާއި ގުޅުން ހުރި އެކިއެކި މައުލޫމާތު ރައްކާކުރެވޭނެއެވެ.