ދިވެހިރާއްޖޭގެ މިނިވަންކަމަށް 53 އަހަރު ފުރުނު ނަމަވެސް، ދިވެހިރާއްޖޭގެ އެންމެ ދެކުނުގައި އޮތް އައްޑޫ ސިޓީއަށް ހަޤީގީ މިނިވަންކަން ގެނެސްދެއްވީ މިއަދުގެ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.

ފޭދޫ ބިން ހިއްކުމާއި، ފޭދޫ، މަރަދޫ ފޭދޫ އަދި މަރަދޫގައި ސަރުކާރުން ޤާއިމުކުރި ސާފު ބޯފެނުގެ ނިޒާމްގެ ނިމުން ފާހަގަކުރުމަށް މިއަދު ހެނދުނު ފޭދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އައިބީ ވިދާޅުވީ، ވޭތުވެދިޔަ ހުރިހާ ސަރުކާރެއްގައިވެސް ފޭދޫ ރައްޔިތުން އެދެމުންދިޔައީ ފޭދޫގެ ތަރައްޤީއާއި، ކުރިމަގަށްޓަކައި އަދި ފޭދޫގެ ޒުވާނުންގެ މުސްތަޤްބަލަށްޓަކައި ބިން ހިއްކަވައިދެއްވުމަށް ކަމަށާއި، އެހެންނަމަވެސް މިކަމުގެ ފިކުރެއް، ވިސްނުމެއް، ވޭތުވެދިޔަ ތާރީޚްތަކުގެ އެއްވެސް ރައީސަކަށް ފެނިވަޑައިނުގެންނެވި ކަމަށެވެ.

"ދިވެހިރާއްޖޭގެ މިނިވަންކަމަށް 53 އަހަރު ފުރިގެންދާއިރު އައްޑޫސިޓީގެ ރައްޔިތުންނަށް ހަޤީގީ މިނިވަންކަން ގެނެސްދެއްވީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިއަދަކީ އެދުވަސް،" އައިބީ ވިދާޅުވިއެވެ.

އައިބީ ވިދާޅުވީ، މިއަދާ ޖެހެންދެން ތަޣައްޔަރުވެފައިވާ ފެނުން ފެންވެރިއިރު، ރަށުގައި ނަރުދަމާގެ ނިޒާމެއް ނެތް ކަމަށެވެ. އަދި އެ ޚިދުމަތްތައް ނެތުމުގެ ސަބަބުން ގަޟާހާޖާތް ކޮށްފައި ނަޖިސް ގޮސް ފެންވަރާ ވަޅަށް އެޅުނަސް، އެފެނުން ފެންވަރާތާ އެތައް ޒަމާނެއް ވެފައިވާ ކަމަށެވެ. ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ މި ހައްޤުތައް ކަށަވަރު ކޮށްދެއްވީ ރައީސް ޔާމީން ކަމަށް އައިބީ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދައްކަނީ ސާފު ބޯފެނުގެ ވާހަކަ، ނަރުދަމާގެ ވާހަކަ. މީ ޤާނޫނު އަސާސީގެ 23 ވަނަ މާއްދާއިން ހުރިހާ ރައްޔިތުންނަށް ދައުލަތަށް ކެރި ކުޅަދާނަކަން ލިބިގެންވާ މިންވަރަކުން ހުރިހާ ޒަމާނެއްގައިވެސް ފުއްދައިދޭންޖެހޭ ކަންތައްތައް. އެހެންނަމަވެސް އެ ކެރިކުޅަދާނަކަން ލިބިގެންވާ މިންވަރު ޤާއިމު ކުރެވޭވަރުގެ، ކެރޭ ކުޅަދާނަ، ޤާބިލު ވެރިޔަކު ނެތުމުގެ ސަބަބުން އެ ކުޅަދާނަކަން މި ޤައުމަށް ނައިސްވަނީ." އައިބީ ވިދާޅުވިއެވެ.

ފެނާއި، ނަރުދަމާ އަދި ބިން ހިއްކުމާއި، އައްޑޫ އެއާޕޯޓް ދުނިޔެއަށް ހުޅުވާލަދެއްވީ ހަމައެކަނި ރައީސް ޔާމީންކަން ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވަމުން އައިބީ ވިދާޅުވީ، މިއަދު ފޭދޫން ރައީސް ޔާމީނަށް ކީ ހޫނު މަރުޚަބާއަކީ، ކެރި ކުޅަދާނަ ވެރިޔަކު ރަށަށް ވަޑައިގަތުމުން ކިޔާ މަރުޚަބާ ކަމަށާއި، މިއީ ރައީސް ޔާމީނަށް އައްޑޫއިން ދޭ ހިތްވަރު ކަމަށެވެ.

"އަޅުގަނޑުމެން މިނިވަންކަމުގެ 53 އަހަރު ފުރިގެން އެ އުފާ ހާސިލުކުރިއިރު އަޅުގަނޑުމެނަށް ކޮން މިނިވަންކަމެއްތޯއޭ މީގެ ކުރިން އޮތީ؟ އަޅުގަނޑުމެންނަކަށް ސާފު ފެނެއް ނުލިބޭ! އަޅުގަނޑުމެންނަކަށް ނަރުދަމާއެއް ނެތް! އަޅުގަނޑުމެން ގެދޮރު ބިނާކުރުމަށްޓަކައި ބިމެއް ނެތް! ބޯހިޔާވަހިކަމެއް ނެތް! އަޅުގަނޑުމެންނަށް ވަޒީފާގެ ފުރުޞަތެއް ނެތް! މަތީ ތަޢުލީމު ހާޞިލުކުރުމުގެ ފުރުޞަތެއް ނެތް! އަޅގަނޑުމެންގެ ތުއްތު ކުދިންގެ ތަޢުލީމީ ނިޒާމް ފުރިހަމަ ވެފައެއް ނެތް! އަޅުގަނޑުމެންގެ ޞިއްޚީ ނިޒާމުގައި ހުރި ލޯވަޅުތަކުގެ ވާހަކަ ހުރިހާ ސަރުކާރުތަކެއްގައިވެސް ދައްކަމުން ދިޔައީ!" އައިބީ ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން އައިބީ ވިދާޅުވީ، މިއަދާ ޖެހެންދެން އައްޑޫގެ ރައްޔިތުންނަށް ހަޤީޤީ މިނިވަންކަން ލިބިފައި ނުވާއިރު، އައްޑޫގެ ރައްޔިތުންގެ ބޭނުންތައް ފުއްދަވައިދެއްވައި، ޞިއްޚީ ނިޒާމް ހަރުދަނާކޮށް، އެ ނިޒާމްގައި ހުރި ލޯވަޅުތައް ބައްދަން އެނގޭ އެއްވެސް ވެރިޔަކު، ރައީސް ޔާމީން ފިޔަވައި އައްޑޫގެ ރައްޔިތުންގެ މައްޗަށް ވެރިކަން ކޮށްފައި ނުވާކަމަށެވެ.

އައިބީ މިހެން ވިދާޅުވިއިރު، މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި އައްޑޫގެ ތަރައްޤީއަށް 1.4 ބިލިއަން ރުފިޔާ ޚަރަދު ކުރައްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަސިރު

    އަށްޑޫގެ ރައްޔިތުން އެބަޖެހޭ ވިސްނާ ފިކުރުކުރަން ރާއްޖޭގަ އޮތް އެންމެ ބޮޑް އެންމެ މުއްސަދިންގިނަ ތައުލީމީ މީހުންތިބި އަތޮޅަކީ އައްޑު އަތޮޅު ދެކޮޅުވެރިކާ ބައިބާވުންނށްތާލާ އަފިރިންގެ އަތޮޅު އެކޫ.އެކަށްޗަކަށް ގުޅާލެވެން އެބައޮތް ބުރިޖަކުން މީ ކުރީގެ އެއްވެސްވެރިއަކު ވިސްނިކަމެއްވެސްނޫން އަދި އެހެން މީހަކަށް ކޮއްދެވޭނެ ވަރުގެ ކަމެއް ނޫން ރ ޔާމިން އިއްޔެ އެވިދާޅުވީ އަފިރިންގެ އަތޮޅެ އެއްފަސްގަނޑަކަށް ހަދާށުމެ އަފިރިންބަލަންވީ ވެރިޔަކަށްހުންނަމީހާނޫން ކަމަށްގާބިލް ތއުލީމީ ކަންތަށް ކޮއްދެވޭނެ ވަރުގެ މީހަކަށް އަފިރިންބޭނުން މިއަތޮޅެ މިބުރިޖް އެޅިގެންދާތަން ދެކެން އަތޮޅުގެ އެއްރަށުން އަނެއްރަށަށް ކާރުގަ ސައިކަލްގަ ދާން އަފިެިންގެ ވޯޓް މިފަހަރުލާނީ ގާބިލް މީހަކަށް

  2. ޕީޕީއެމުގެ ރޫޙާނީ މެންބަރު

    އަމިއްލަ ރަށުގައި ތިޔަކަންތައް ނިމި، ސާފުފެނުން ފެންވެރުމުގެ ފުރުޞަތު ލިބުމާ ގުޅިގެން އެހެން މީހުންގެ މަތިން ހަނދާން ނައްތާލައި، އެހެން ރަށްރަށުގައި ނަޖިސް ފެން ބޭނުން ކުރަމުންދާ މީހުންގެ ވާހަކަނުދައްކައި މިރާއްޖޭގެ މިނިވަންކަމަކީ، ނަރުދަމާގެ ޚިދުމަތް ރަށްރަށަށް ފޯރުކޮށްދިނުމުގައި ދޭތެރެ ދޭތެރެއިން ފަހަރަކު ރަށެއްގައި ރުހޭމީހާއަށް އަވަސް ޚިދުމަތް ނުރުހޭ މީހާއަށް ލަހުންދޭ ޚިދުމަތް ދިނުން ކަމަށް މިރާއްޖޭގެ ރައްޔިތުން ހިތުން ރުހުމުން ޤަބޫލެއް ނުކުރާނެއެވެ. އެހެނީ، އޭރުން އެބުނެވެނީ ނަޖިސް ފެނުން ފެންވަރައިގެން ބްރިޖް މަތީ ހިނގާލުމަކީ، ތަރައްޤީ ކަމުގައެވެ.