ފޮތެއްގޮތަށް ނުވަތަ ދެރަ އަދި މޮޅު ކަރުދާހުގައި ޗާޕުކޮށްފައި އަތްޕުޅަށް ނުދެއްވިޔަސް ވެރިކަންކުރާ ޕީޕީއެމްގެ މެނިފެސްޓޯއެއް ފެންނާން އެބައޮތް ކަމަށާއި، މެނިފެސްޓޯއެއް ޗާޕުކުރެވިގެން ނެތްވާހަގައާއި އަދި ފެންނަން ނެތްވާހަކަ ދައްކަވާ އިދިކޮޅު ބޭފުޅުން އެ އުޅުއްވަނީ ވަރަށް ކުރީ ޒަމާނުގައި ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކެވި ވާހަކަފުޅުގައި ނިހާން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުންނާއި އެބޭފުޅުންގެ ސަޕޯޓަރުން، ޕީޕީއެމްގެ މެނިފެސްޓޯއެއް ފެންނާން ނެތްވާހަކަ މީސް މީޑިއާގައި ދައްކަމުންދާ ކަމަށެވެ. އެހެން ނަމަވެސް ޕީޕީއެމްގެ މެނިފެސްޓޯ އެ ޕާޓީގެ ރަސްމީ ވެބްސައިޓު (ޕީޕީއެމް.އެމްވީ) އިން ފެންނާން ހުންނާނެ ކަމަށާއި، އެ ވެބްސައިޓުގައި ރައީސް ޔާމީން 2018 އިން 2023 އަށް ވެވަޑައިގަންނަވަމުންދާ މުޙިންމު މަޢުދުތައް ފެނިވަޑައިގަންނަވާނެ ކަމަށެވެ.

"ދެން ފޮތެއް ގޮތުގަ ޗާޕުކޮށް ދެން ނޫނީ ދެރަ ނުވަތަ މޮޅު ކަރުދާހުގަ ޗާޕުކޮށް އެބޭފުޅުންގެ އަތްޕުޅަށް ނުދެއްވާ ކަން. މިއަދުގެ ޒަމާނަކީ އިންޓަނެޓުގެ ޒަމާނެއް. އެއްޗެއް ތަނެއްގަ ޗާޕުކުރެވިފަ ނެތްކަމަށް ބުނާ ބޭފުޅުން އެ އުޅެނީ ހަމަ ވަރަށް ކުރީ ޒަމާނެއްގަ. ވަރަށް އިހުޒަމާނުގެ ވާހަކައެއް އެއީ،" ނިހާން ވިދާޅުވިއެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން ވާހަކަ ދައްކަވަނީ - ވަގުތު އިމޭޖަސް

ނިހާން ވިދާޅުވީ، އިންޓަނެޓްގެ މި މުހިންމު ޒަމާނުގަ އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ މި ހަރުފަތުގަ އަދި ދުނިޔެ މިއަދު މި ހާސިލްކޮށްފައިވާ މުވާސަލާތީ ޚިދުމަތުގެ އެންމެ ރަން ޒަމާނުގަ ކަރުދާހެއްގަ އެއްޗެއް ޗާޕުކޮށްފަ އޮއްވާ ނުފެނިގެން އެއީ މައްސަލައަކަށް ވާކަމުގަ ވާނަމަ އެއީ ބޮޑު މައްސަލައެއް ކަމަށެވެ.

ރިޔާސީ އިންތިޚާބަށް މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް، މެނިފެސްޓޯގެ މައްސަލައިގައި އިދިކޮޅު ކޯލިޝަންގައި ވަރަށް ގިނަ މައްސަލަތަކެއް އުފެދި ބައިބައިވުންތައް އުފެދިފައިވާކަން ހާމަކުރައްވަމުން ނިހާން ވިދާޅުވީ، އަދާލަތު ޕާޓީން އެދޭ ވާހަކަތަކަކާ ބައެއް ކަންތައްތަކެއް އިދިކޮޅު މައިގަނޑު މެނިފެސްޓޯގަ ހިމަނައިދިނުން ޝަރުތުކޮށްފައިވާ ކަމަށާއި، ނަމަވެސް މި ޝަރުތަކާއި އެއްގޮތަށް އެއްބަސްވުމަކަށް ނާދެވި ކޯޅުންގަނޑެއް ފެށިފައިވާކަމުގެ މަޢުލޫމާތުވެސް ލިބޭކަމަށެވެ.

ނިހާން ވިދާޅުވީ، ދީނުގެ އުސޫލުތަކާއި އަސްލުތައް މިޤައުމުގައި ދެމެހެެއްޓުމަށްޓަކައި ލާދީނީ ފިކުރިއްޔާތާ އަދި އިލްމާނީ ފިކުރިއްޔާތާ ދެކޮޅަށް މަސައްލަތްކުރެއްވުމަށް އުފެދިގެންދިޔަ ސިޔާސީ ޕާޓީއެއްކަމަށް އެބޭފުޅުންގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި ހިމެނޭ އަދާލަތު ޕާޓީ އާއި ކޯލިޝަނާއި ދެމެދު އޮތް އެ މައްސަލަތަކުގެ ހަޤީޤަތް ހޯއްދަވަން ރައްޔިތުން ބޭނުންވާ ކަމަށާއި، އެހެންކަމުން އެ ޕާޓީން އެކަމަށް މިއަދުވެސް ޖަވާބުދެއްވުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ.

"އެމްޑީޕީގެ އޭރުގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުވެސް އަދާކުރެއްވި މުޙައްމަދު ނަޝީދަކީ އިސްލާމް ދީނުގެ ހަމަތަކާއި އުސޫލުތަކަށް ތަބާވެވަޑައިނުގަންނަވާ އެއާއި ބީރައްޓެހި ބޭފުޅެކޭ ހަމަ ތަފާތު ބޮޑުކޮށް ރައްޔިތުންނަށް އިވޭނޭފަދަ ގޮތަކަށް މިދެންނެވި އިލްމުވެރިން ވިދާޅުވި އަޑު ދިވެހި ރައްޔިތުން ވާނީ އަޑުއައްސަވާފަ. އެބޭފުޅުން ދެއްވާފަ ހުރި ބަޔާންތަކާއި ޓީވީ ޕްރޮގްރާމުތަކާއި ސްޓޭޖްތަކުގަ އެބޭފުޅުން ދައްކަވާފަ ހުރި ވާހަކަތެއް އެހެރީ ހަމަ ރެކޯޑުތަކުން ފެންނަން،" ނިހާން ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން އެދޭ ކަންކަން މެނިފެސްޓޯގައި ނުހިމެނި މައްސަލަ އުފެދިފައިވާކަމުގެ ވާހަކަތައް ދެކެވެމުންދާ މި ދަނޑިވަޅުގައި ޕީޕީއެމްގެ މެނިފެސްޓޯ ވީތަނެއް ނުހޯއްދަވައި، މީގެ ކުރިންވެސް ޕީޕީއެމްގެ މެނިފެސްޓޯގައި ހިމެނުނު ކަންކަމުގެ 99 އިންސައްތަ 2013 އިން މިހާތަނަށް ފުރިހަމަވެފައިވާ މަންޒަރު ބެލުމަށް ނިހާން ވަނީ އިދިކޮޅު ފަރާތްތަކަށް ގޮވާލައްވާފައެވެ.

"އެއީ ބުރިޖު ވިޔަސް ހުޅުމާލެ ހިއްކުން ވިޔަސް އަދި މިނޫންވެސް އެކަހަލަ އެތައް ކަމެއް އަޅުގަނޑުމެން އެވަނީ ޢަމަލާ ބަހުން ދައްކާ ނިންމާފަ. އިތުރަކަށް ދެން އެކަމަށް ހުއްޖަތެއް ބޭނުން ނުވާ މިންވަރަށް ދައްކާފަ. އަދި އިތުރު ފަސް އަހަރުގެ ދައުރަކަށް ރައީސް ޔާމީން މި އެދިވަޑައިގަންނަވަނީ ކަންކޮށް ދައްކާފަ އެ ތަޖުރިބާގެ އަލީގަ އިންޖީނިއަރިންގް ހަދާފަ އެއަށް ފައިސާ ހޯދާނެގޮތް ހޯދާފަ އެކަން ކުރެވޭނެ ގޮތް ދައްކާފަ،" ނިހާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ހުސެން

  ނިހާނު އެކަނިވީތަ؟

 2. ހަސަން

  އިލްމާނީގެ މާނައަކީ ކޮބާ

 3. އހ

  ނިހާނު ވިޔަސް ތިޔަ ވިދާޅުވީ ރަނގަޅުވާހަކައެއްނޫން. ޗާޕް ކޮއްފަ ދިންނަމަ ދުވަސްވީ މީހުންނަށްވެސް ފެންނަން އޮންނާނެ..
  މި އޮއް މަދު ދުވަސް ކޮޅުތެރޭ އަވަހަށް ރައްރަށަށް މެނިފެސްޓޯ އަޅާލާ..
  މަށާއި މަގޭ އާއިލާ ވޯޓް ޔާމީނަށް ޔަގީން..