ކުލަގަދަ ރަސްމިއްޔާތަކާއެކު، މުޙްޔިއްދިން ސްކޫލްގެ ފާއިތުވެދިޔަ އަހަރުގެ ސްކޫލްގެ އަހަރީ އިނާމް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. ފާއިތުވި އަހަރު ހުރިހާ ގޮތަކުންވެސް އެންމެ މޮޅު ދަރިވަރަކަށް ހޮވި، ސްކޫލްގެ "ބެސްޓް އޯލް ރައުންޑް" ގެ މަގާމަށް ހޮވިފައިވަނީ 10S ގެ ދަރިވަރު އާއިޝަތު ނަފްހާ އަބްދުﷲއެވެ.

ރޭ މުޙްޔިއްދިން ސްކޫލްގެ އަލީ ނާޒިމް މާލަމްގައި ކުރިއަށް ދިޔަ މި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވާފައިވަނީ މިނިސްޓާރ އޮފް ސްޓޭޓް ފޯ އެޑިއުކޭޝަން އަހްމަދު ޝަފީއުއެވެ.

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ ޕްރިންސިޕަލް ސައީދު އަހްމަދާއި މިނިސްޓާރ އޮފް އެޑިއުކޭޝަންގެ ސީނިއާރ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް އިސްމާއިލްއާއި މިނިސްޓާރ އޮފް އެޑިއުކޭޝަންގެ ޑިރެކްޓަރ ޔޫސުފް އަހްމަދާއި ވިލިޖޯލި ޗީޕް ވޮލެންޓިއާ މުހައްމަދު ޝިހާބާއި ޕީޓީއޭގެ ނައިބު ރައީސް އަހްމަދު ޝިޔާމާއި ޕީޓީގެ މެންބަރުންނާއި ސްކޫލްގެ ސީނިއާ މެނޭޖްމެންޓާއި ޓީޗަރުންނާއި ސީނިއާ ޕޯސްޓްތަކުގެ ދަރިވަރުންނާއި ބެލެނިވެރިންވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެފައެވެ.

ފޮޓޯ: ޕީއެސްއެމް

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަވާ ވާހަކަ ދައްކަވަމުން ޝަފީއު ވިދާޅުވީ މުޙްޔިއްދިން ސްކޫލަކީ އަބަދުވެސް ތައުލީމީ ނިޒާމްގެ ތެރެއިން ނިންމާ ނިންމުމުންތައް އަޖުމަ ބެލުމަށް ކުރިއަށް ގެންދާ މަސައްކަތްތަކުގައި އެއްބާރުލުން ލިބޭ ސްކޫލެއް ކަމަށާއި އަބަދުވެސް އެފަދަ ކަންކަމަށް އިސްނަގައިގެން ކުރިއަށް ގެންދާ ސްކޫލެއް ކަމަށެވެ.

"ޓެކްނޮލޮޖީ ރާއްޖެއަށް ތައާރަފު ކުރުމުގެ މަސައްކަތް ކުރަމުން ގެންދިޔަ އިރުވެސް ފުރަތަމަ އަޖުމަ ބެލުމަށް ކަނޑައެޅި ސްކޫލަކީ މިއީ." ޝަފީއު ވިދާޅުވެފައިވެއެވެ.

ރަސްމިއްޔާތުގެ ސްކޫލްގެ ޕްރިންސިޕަލް އަބްދުއްﷲ ރަޝީދު ދެއްކެވި ވާހަކަފުޅުގައި، އޭނާ ވަނީ ފާއިތުވެދިޔަ އަހަރު ސްކޫލް ހޯދި ކާމިޔާބީ ފާހަގަ ކޮށްފައެވެ. އަދި މިއީ އަށްއަހަރަށްފަހު މިފަދަ ކާމިޔާބީއެއް ސްކޫލަށް ހޯދުނު ފަހަރެއް ކަމަށާއި ފާސްވާ ނިސްބަތުގެ 65 އިންސައްތަ ލިބިފައިވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ފޮޓޯ: ޕީއެސްއެމް

ރޭގެ ރަސްމިއްޔާތުގައި ފާއިތުވެ ދިޔަ އަހަރު ދަރިވަރުން ހޯދާފައިވާ އެކިއެކި ކާމިޔާބީ ފާހަގަކޮށް ވަނީ އިނާމް ދީފައެވެ. އެގޮތުން އިނާމް ދީފައިވާ ދާއިރާ ތަކަކީ ޖެނެރަލް ޕްރޮފެސެންސީ ޕްރައިޒް، ކްލާސް ޕްރައިޒް، ކްލާސް ޕްރޮގްރެސް ޕްރައިޒް، އޮނަލިސްޓެޑް ޕްރައިޒް އަދި ސަބްޖެކްޓް ޕްރައިޒެވެ.

އޭގެ އިތުރުންވެސް ޔުނިފޯމް ހަރަކާތްތަކުން 2017 ވަނަ އަހަރު އެންމެ މޮޅު ދަރިވަރުންނަށާއި ފާއިތުވި އަހަރު ސްކޫލުން އޯލެވެލް ހެދި ދަރިވަރުންގެ ތެރެއިން ތިން މާއްދާއަށްވުރެ ގިނަ މާއްދާއިން ޑިސްޓިންގްޝަން ހޯދި ދަރިވަރުންނަށާއި މިދިޔަ އަހަރުގެ 10 ގެ ދަރިވަރުންގެ ތެރޭން އެންމެ މޮޅު ފަސް ދަރިވަރުންނަށާއި ބެސްޓް އޯލް ރައުންޑް ދަރިވަރަށްވެސް ވަނީ އިނާމް ދީފައެވެ.

ފޮޓޯ: ޕީއެސްއެމް

އެންމެ މޮޅު ދަރިވަރަކަށް ހޮވުނު އާއިޝަތު ނަފްހާ އަކީ ސައިންސް ސްޓްރީމްގެ އިތުރުން އޮޕްޝަން މާއްދާއެއްގެ ގޮތުން އިކޮނޮމިކްސް ކިޔެވި ދަރިވަރެކެވެ. ނަފްހާއަށް ވަނީ އޯލެވެލް އިމްތިހާނުގައި ހަ އޭ ސްޓާ އަދި ދެ އޭ ލިބިފައެވެ.

މިފަދަ ޝަރަފެއް ލިބުމުން ކުރެވޭ އިޙްސާސް "ވަގުތު" އާއި ހިއްސާ ކުރަމުން ނަފްހާ ބުނީ މިއީ އަބަދުވެސް ހޯދުމަށް މަސައްކަތް ކުރި މަޤާމެއް ކަމަށާއި އެހެންކަމުން މި ޝަރަފުވެރި މަޤާމު ލިބުމުން ވަރަށް އުފާވާ ކަމަށެވެ.

700 އަށްވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލް ކުރަމުން އަންނަ މުޙްޔިއްދީން ސްކޫލުން ރޭގައި 30 ދަރިވަރަކަށް ވަނީ އިނާމް ދީފައެވެ.