މާލޭގެ ފޯނު ވިއްކާ ފިހާރައެއްގެ ދޮރު ހަލާކުކޮށްލައިގެން އެ ފިހާރައިން ވައްކަން ކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ "މައިބޭ" ނަމަށް ކިޔާ ފޯނުވިއްކާ ފިހާރަ ހަލާކުކޮށްލައިގެން އެތަނުން ވައްކަން ކުރަނިކޮށް ރޭ މެންދަމު ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ރޭ މެންދަމު 3:00 ހާއިރު ހައްޔަރު ކުރެވުނީ 39 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން ވިދާޅުވިއެވެ.

ވައްކަން ކުރަން ތިއްބާ އެ ދެ ފިރިހެނުން ހައްޔަރުކޮށްފައިވާއިރު ވަތްގަނޑުގައި ހުރި ފައިސާ ފިޔަވައި އެހެން އެއްޗެއް ވަގަށް ނެގުމުގެ ކުރިން ފުލުހުން ވަނީ އެމީހުން ހައްޔަރުކޮށްފައެވެ.

މައިބޭއަކީ މީގެ ހައެއްކަ މަސްކުރިން މާލޭގައި ހުޅުވި ފޯނު ވިއްކާ ފިހާރައެކެވެ. އަދި މި ފިހާރައިގެ އިތުރު އައުޓްލެޓްއެއް ބޮޑުރަސްގެފާނު މަގުގައި ވަނީ ދާދި ފަހުން ހުޅުވާފައެވެ.