ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް އިންތިޚާބުވާ ޕާޓީން ވަކިވެއްޖެނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ހަމަޖެއްސުމަށް ދައުލަތުން ހުށަހެޅި އެންޓި ޑިފެކްޝަން ބިލަށް އެމްޑީޕީގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) މިއަދު ތާއީދު ކުރައްވައިފި އެވެ.

ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެންޓި ޑިފެކްޝަން ގާނޫނެއް އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ޕާޓީ ބަލަދު ކުރަންވާނީ ގޮނޑި ދޫކުރައްވައިފައި ކަމަށާއި އަލުން ގޮނޑި ބޭނުން ނަމަ އެ މެމްބަރަކަށް ޖެހޭނީ އިންތިޚާބުގައި އަލުން ކުރިމަތިލައްވަން ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމަލޭ ދާއިރާއިރާގެ މެންބަރު އަހުމަދު ނިހާން، މަޖިލީހަށް ފޮނުއްވި އެންޓި ޑިފެކްޝަން ބިލާއި މެދު ޕީޕީއެމްގެ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތަށް އުފެދިފައިވާއިރު އެ ބިލްގެ ފުރަތަމަ ކިއުން ވަނީ އިއްވައިފައެވެ. އަދި އަންނަ ހަފްތާގެ މަޖިލީގިގައި އެ ބިލުގެ ބަހުޡް މަރުހަލާ ފަށާނެ ކަމަށް ބެލެވެއެވެ.

އެންޓި ޑިފެކްޝަން ބިލުގައިވާ ގޮތުން މަޖިލީހުގެ މެމްބަރަކު، ޕާޓީ ޓިކެޓުގައި އިންތިހާބުވުމަށް ފަހު، ޕާޓީން އަމިއްލައަށް ވަކިވުން، ވަކިކުރުން އަދި އެހެން ޕާޓީއަކާ ގުޅުން، މިއިން ކޮންމެ ހާލަތެއް ކުރިމަތިވިޔަސް ގޮނޑި ގެއްލޭނެ އެވެ.. ނަމަވެސް ދިވެހި ގާނޫނު އަސާސީގައި މެންބަރެއްގެ ގޮނޑި ގެއްލޭގެ ކަމަށް ކަނޑައެޅޭނެ ސަރުތުތަކުގެ ތެރޭގައި ޕާޓީ ބަލަލުވުން ހިމެނިފައެެއްް ނުވެއެވެ.