ހދ. ހަނިމާދޫ ފެނުގެ ނިޒާމުގެ ގާއިމު ކުރުމަށް 46 މިލިއަން ރުފިޔާގެ މަޝްރޫއުއެއްގެ މަސައްކަތް މިއަދު ފަށައިފި އެވެ.

މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އާ އެ މަސައްކަތް ހަވާލުކުރައްވާ މި މަސައްކަތް ފައްޓަވައި ދެއްވީ އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމެވެ.

އޭގެ އިތުރުން އެ މަޝްރޫޢުގެ ދަށުން ހަނިމާދޫގައި 19 ކިލޯ މީޓަރުގެ ބޯފެނުގެ ވިއުގައެއް ގާއިމްކޮށް ގަޑިއަކު އަށް ޓަނުގެ ފެން އުފައްދާ ދެ އާރުއޯ ޕްލާންޓް ބަހައްޓާނެ ކަމަށް އެ މިނިސްޓްރީ އިން ބުނެފައި ވެއެވެ.

މިނިސްޓްރީން ބުނިގޮތުގައި އެ ދެ ޕްލާންޓުން ދުވާލަކު ޖުމްލަ 168 ޓަނުގެ ފެން އުފެއްދޭނެ ކަމަށާއި މަޝްރޫޢު ނިމޭއިރު، ހަނިމާދޫގައި ސާފު ފެނުގެ ޚިދުމަތް ގާއިމްވެ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ހުރިހާ ގޭބީސީތަކާއި މުއައްސަސާތަކަށް ސާފު ފެނުގެ ޚިދުމަތް ލިބިގެންދާނެ ކަމަށެވެ.

46,903,983.43 ގެ މި މަޝްރޫއު ކުރިއަށް ގެންދަނީ އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ލޯނު އެހީ އާއި ދިވެހި ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީ އިން ބުނެފައި ވެއެވެ.