ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ވޯޓުގެ ނަތީޖާ އިޢުލާނު ކުރާނެ ގޮތާއި ބެހޭގޮތުން، އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެންބަރު ރޮޒައިނާ އާދަމް ވިދާޅުވަނީ ދޮގުކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހެން ވިދާޅުވެފައިވަނީ، އިލެކްޝަންސް ކޮމިޝަނުން ބާއްވާ ޓްރެއިނިންގ ތަކުގައި އޮފިޝަލުންނަށް ކިޔައިދެމުންދަނީ ނަތީޖާ ޝީޓް ވޯޓްލާ މަރުކަޒުގެ ބޭރުގައި އާއްމު ނުކުރާނެ ކަމަށް ވިދާޅުވެ ރޮޒައިނާ ކުރައްވާފައިވާ ޓްވީޓަކާ ގުޅިގެން ސުވާލު ދެންނެވުމުންނެވެ.

"އީސީ އޮފިޝަލުންނަށް އިލެކްޝަންސް ކޮމިޝަނުން ބާއްވާ ޓްރެއިނިންގައި ކިޔައިދެމުންދަނީ، ނަތީޖާ ޝީޓް ވޯޓުލާ މަރުކަޒުގެ ބޭރުގައި އާއްމު ނުކުރާނެ ކަމަށާއި، ނަތީޖާ ޓެބްލެޓަށް އަޅާ ވާހަކަ. މިކަން ބަލައެއް ނުގަނެވޭނެ، ނަތީޖާ ޝީޓް އާއްމުކުރަން ޖެހޭނެ. ވޯޓުން ވައްކަންކުރުން ބަލައެއް ނުގަންނާނަން." ރޮޒައިނާގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ރޮޒައިނާގެ މި ވާހަކަތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ތަރުޖަމާނު، އަދި އެ ކޮމިޝަނުގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުގެ އެއްވެސް ޓްރެއިނިން އެއްގައި އެގޮތަށް ނުބުނާނެ ކަމަށެވެ.

"އިލެކްޝަންގެ އެއްވެސް ޓްރެއިނިން އެއްގައި އެގޮތަށް ނުބުނާނެ. ރޮޒެއިނާ އެ ވިދާޅުވަނީ ކަނޑައެޅިގެން ދޮގު، ޓްރެއިނިންގައި ދައްކާ ވާހަކަ ރޮޒެއިނާއަށް ނީވޭއިރު ރައްޔިތުންނަށް އޮޅުވާލުމަށް އިލެކްޝަންއާ ގުޅޭގޮތުން އެފަދަ ވާހަކަތައް ނުދެއްވުމަށް އިލްތިމާސް ކުރަން." އަކްރަމް ވިދާޅުވިއެވެ.

މީގެ ކުރިން އިލެކްޝަން ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ތަކުރާރުކޮށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވަނީ ކުރިން އިންތިޚާބުތަކެކޭވެސް އެއްގޮތަށް ވޯޓުލާ މަރުކަޒުގައި ވޯޓު ގުނުމަށްފަހު، އެ މަރުކަޒުގައި ވޯޓުގެ ނަތީޖާ އިއުލާނު ކުރާނެ ކަމަށެވެ. އަދި ވޯޓުގެ ނަތީޖާ ވޯޓުލާ މަރުކަޒުގައި އިއުލާނު ކުރުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް ނުފޮނުވާނެ ކަމަށްވެސް އެ ކޮމިޝަނުން ވިދާޅުވެފައިވެއެވެ.

އިންތިޚާބުގެ ކަންކަން އޮޅުވާލުމަށް ރޮޒެއިނާ މަސައްކަތް ކުރެއްވިއިރު، މިފަހަރުގެ އިންތިޚާބުގައި ޓެބްލެޓް ބޭނުންކުރާތީ، އެކަމާ ގުޅުވައިގެންވެސް ހަޤީޤަތާ ޚިލާފު ވާހަކަތައް މީޑިއާތަކުން ފަތުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން ވޯޓް ގުނާ ނިމުމުން ޓެބްލެޓަށް އެންޓަރކޮށް "ރިޒަލްޓް ޗެކަރ" އިން ވޯޓްގެ ނަތީޖާ ޗެކް ކުރާނެ ކަމަށް ތަމްރީނުތަކުގައި ބުނަފައިވާތީ އެކަމުގެ ހަޤީގަތްވެސް އިދިކޮޅު ފަރާތްތަކުން ވަނީ އޮޅުވާލަން މަސައްކަތް ކޮށްފައެވެ. ނަމަވެސް މީގެ ކުރިން ހުރިހާ އިންތިޚާބުތަކުގައިވެސް ވޯޓުގެ ނަތީޖާ އިއުލާނު ކުރުމުގެ ކުރިން ވޯޓްލާ މަރުކަޒުގައި ބޭނުންކުރާ ނެޓް ބުކުގައި އިންނަ ރިޒަލްޓް ޗެކަރ އިން ނަތީޖާ ޗެކް ކުރެއެވެ. މިފަހަރު ތަފާތަކީ ނެޓްބުކްގެ ބަދަލުގައި ޓެބްލެޓް ބޭނުން ކުރުން އެކަންޏެވެ.

މިފަދަ ބޮޑެތި ދޮގުތައް ހަދައި، އިލެކްޝަންސް ކޮމިޝަނަށް ދިވެހި ރައްޔިތުން ކުރާ އިތުބާރު ނަގާލުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދާއިރު، އެފަދަ އޮޅުވާލުންތައް އޮޅުވާ ނުލުމަށް އިލެކްޝަންސް ކޮމިޝަނުން ތަކުރާރުކޮށް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓުލުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހު ހެނދުނު 08:00 ހަވީރު 16:00 އަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޙަފްޞާ / މާލެ

    ބޮޑުތަނުން ބަލިވެ ވެލިކާންޖެހޭނޭކަން ކަށަވަރުވާތީ އެކިފަހަރު އެކި މޭރުމުން ރޮޒޭނާމެން ބަސްތައް ހަދާ ދޮގުފެތުރިޔަސް ވާނޭ މޮޅެއް ނެތެވެ. މާތްﷲގެ ރަޙްމަތްފުޅާއެކު ފިސާރި ތަނަވަސް އަޣުލަބިއްޔަތަކުން ރައީސް ޔާމީން އިންތިޚާބު ކާމިޔާބުކުރައްވާނެއެވެ.

  2. ތެދު ބަސް

    ތިމީހުނަން ތެދު ހަދަން އިނގޭނެތަ؟

  3. ކުމާރު

    ސަރިއްޕޭ ރޮޒާނާ.ބުނާގޮތަްް ހަދާބަލަ. ޓެބުލެޓުން އިއުލާން ކޮއްބަލަ. އެހެން ނުހަދާގެންނޭ ތެޅިބާލަނީ

  4. ރީނދޫ

    ނަރަކާގަައި ގިނަވާނީ ރޮޒޭނާ ކަހަލަ އަންހެނުން

  5. ލަލަލާ

    ކޮކަޓޫ އަކީ އަބަދުވެސް ފަސާދަ ފަތުރާ މީހެއް.

  6. ބޮޑު ދެލޯ

    އެމް. ޑީ. ޕީ. އަށް، އިންތިޚާބު ކާމިޔާބު ނުވާހާ ހިނދަކު އިލެކްޝަން ކޮމިޝަނުން ހަދާނީ ދޮގު، މަކަރު، ޙީލަތް ދޯ؟! ރޮޒޭއިއްތަ؟މީދޫ މެމްބަރ!
    މީދޫގެ ޢުމްރާނީ ތަރައްޤީ ފާހަގަކުރަން ބޭއްވި ޖަލްސާ ލޮލުން ދެކިލަންވެސް "މީދޫ މެމްބަރ"އަށް ދާކަށް ނުކެރުނު ދޯ!! ކީތްކުރާނީ! ދާންކެރުނު ދުވަހެއްވިއްޔާ މަޖިލީހަށް ގޮސް އިނދެގެންވެސް އެޖައްސާ ވަތްތަރުތަކާއި އަޑަށް ލައްވާ ޒީލަތަކަކީވެސް ރޮޒޭއްތާގެ ޚާއްޞިއްޔަތު ދައްކުވައިދޭ ޢަލާމާތްތަކެވެ. ހުކުރު ޚުތުބާއެއް ނޫނަސް، ރޮޒޭއްތްއަށް ހެޔޮ ވިސްނުން މިންވަރު ކޮށްދެއްވުންއެދި މާތްﷲ ގެޙަޒްރަތުގައި ދުޢާ ދަންނަވަމެވެ! އާމީން!

  7. މިގޭ

    މަކަރާ، ހީލަތާ،ދޮގު އަބަދުވެސް ކީއްދޯ ކުރާނީ، އިރާދަކުރެއްވިއްޔާ މިފަހަރު، ޔާމީނު ކާމިޔާބު ކުރާނެ.

  8. މީހާ.

    ދޮގު ވާހަކައެއް ހަދާ ފަތުރާލުމަކީ ރޮޒައިނާ މެންނަށް ލިބޭ އުފަލެއްދޯ؟

  9. ރެކިހުތާ

    ގަބޫލުކުރެއްވިޔަސް ނުކުރެއްވިޔަސް މީގެ އޮތީދެގޮތް،
    1. މިއިންތިހާބު އެމްޑީއިން ކާމިޔާބު ކޮށްފިއްޔާމު މާކަބޮޑު ކަންތަށްގަނޑެއް ނުހިނގައި ވެރިކަންބަދަލުވާން އޮތްގޮތަށް ވެރިކަން ބަދަލުވެ ނިމިގެން ހިނގައިދާނެ. ދުވަސްކޮޅަކުން ގުޅިފައިވާ ޕާޓީތަކުގެ ބާރުތަށް ބަހާނެގޮތް ނޭގިގެންގޮސް ތަޅާފޮޅުމަކަށް ދާނެ.
    2. މިއިންތިހާބު ޕީޕީއެމްއިން ކާމިޔާބުކޮށްފިއްޔާމު އެމްޑީޕީއަކުން ނަތީޖާ ގަބޫލެއްނުކުރާނެ، މަގުމައްޗާށް ނިކުންނާނެ، ވަގަށްގޮވާނެ، ދެން ފުލުހުންނާއި ސިފައިންނަށް ބާރުބޮޑުވެ އަނެއްކާވެސް ބަޔަކު ހައްޔަރުވެ ބޮޑު ސަކަރާތްގަނޑެއް އުފެދޭނެ. ދުނިޔޭގެ ގިނަގައުމުތަކުން ގަބޫލުކުރާނީ އެމްޑީޕީން ބުނާބަސް. އެމީހުންނުބަލާނެ ދޮގެއް ތެދެއް.
    މިއީ އިސްވެ ގޮސްފައިވާ ގޮތަށް ބަލާއިރު ކަންހިނގާނެގޮތް ކަމަށް އަޅުގަނޑަށް ފެންނަ މަންޒަރު.