ދައުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންގެ ތެރެއިން 6 ކުއްޖެއްގެ ގާނޫނީ ބެލެނިވެރިކަން ބަޔަކާއި ހަވާލުކޮށްފިއެވެ.

ޖެންޑަރ މިނިސްޓްރީއިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ އެ އިދާރާގެ ބެލުމުގެ ދަށުގައި ތިބި 6 ކުއްޖެއްގެ ގާނޫނީ ބެލެނިވެރިކަން ބަޔަކާއި ހަވާލުކޮށްފައިވާ ކަމަށާއި އޮގަސްޓު މަހުގެ 31ގެ ނިޔަލަށް ފޮސްޓަރކުރުމަށް ޢާއިލާތަކާ ޙަވާލުކުރެވުނު ކުދިންގެ ތެރޭގައި ހިމެނެނީ ހުޅުމާލޭގައި ގާއިމުކުރެވިފައިވާ ފިޔަވަތީގެ ހަ ކުދިން ކަމަށެވެ. އަދި އެއީ އުމުރުން 5 މަހާއި 11 އަހަރާ ދެމެދުގެ 3 ފިރިހެން ކުދިންނާއި 3 އަންހެން ކުދިން ކަމަށް ވެސް ބަޔާނުގައިވެއެވެ.

ފޮސްޓަރކުރެވުނު ކުދިންގެ އިތުރުން، މި މުއްދަތުގެ ތެރޭގައި 10 ކުއްޖަކު ވަނީ އެ ކުދިންގެ ޢާއިލާތަކާ ރީއިންޓަގްރޭޓްކުރުމުގެ ތެރެއިން ޙަވާލުކޮށްފައެވެ. މި ކުދިންގެ ތެރޭގައި ހިމެނެނީ ހުޅުމާލޭގައި ގާއިމްކޮށްފައިވާ ފިޔަވަތި އަދި ވިލިމާލޭގައި ގާއިމުކުރެވިފައިވާ ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ 8 މަހާއި 17 އަހަރާ ދެމެދުގެ 6 ފިރިހެން ކުދިންނާއި 4 އަންހެން ކުދިން ކަމަށްވެސް ބަޔާނުގައިވެއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިން ފޮސްޓަރކުރުމަށް އަދި ރީއިންޓަރގްރޭޓްކުރުމަށް ނިންމަނީ ފޮސްޓަރކުރުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޤާބިލު ފަރާތްތައް ދެނެގަތުމަށް ފަހު ފޮސްޓަރ ޕެނަލުންނެވެ. ފޮސްޓަރ ޕެނަލަކީ މިނިސްޓްރީއާއި ކަމާބެހޭ ދާއިރާތަކާއި މަދަނީ ޖަމުޢިއްޔާތައް ތަމްސީލުކުރާ މަންދޫބުން ހިމެނޭގޮތަށް ޖެންޑަރ މިނިސްޓްރީއިން އެކުލަވާލައިފައިވާ ކޮމެޓީއެެކެވެ.

ކުދިންނަށް އެންމެ ރަނގަޅީ ޢާއިލާއެއްގެ ލޯތްބާއި އަޅައިލުމާއެކު ބޮޑުވުންކަމުގައިވާތީ "ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޮސްޓަރކުރުމާ ބެހޭ އުސޫލު"ގެ ދަށުން ކުދިން ފޮސްޓަރކުރުމަށް ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކަށް ކަނޑައެޅިފައިވާ ޚާއްޞަ ޝަރުޠުތަކެއްގެ މަތިން ކުދިންގެ ބެލެނިވެރިކަން އަންނަނީ ޙަވާލުކުރެވެމުންނެވެ.

އެގޮތުން ފޮސްޓަރ ޕެނަލް މެދުވެރިކޮށް މިދިޔަ އަހަރު ވެސް 7 ކުއްޖެއްގެ ގާނޫނީ ބެލެނިވެރިކަން ބަޔަކާއި ހަވާލުކޮށް 20 ކުއްޖަކު ރީއިންޓަރގްރޭޓްކުރެވިފައިވެއެވެ.