އަންނަ ނޮވެމްބަރު މަހުގެ ދެ ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ދިރާގު ރޯޑް ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހުޅުމާލޭގައި ބާއްވާ މި ރޭހުގައި އެހެން އަހަރުތަކާއި ހިލާފަށް މިއަހަރުގެ މުބާރާތުގައި 4000 ބައިވެރިންނަށް ޖާގަ ލިބިގެންދާއިރު، ދިރާގުން ބުނީ، މިފަހަރު އެ އަދަދު އިތުުރުކުރީ އެކަަމަށް ގިނަބައެއްގެ ތަރުހީބު ލިބެމުންދާތީ ކަމަށެވެ.

ދިރާގުން މިއަދު ވަނީ އެ ރޭހުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލާފައެވެ. ދިރާގުން ބުނީ، ރޯޑު ރޭހުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 16 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ. އަދި އެކަމަށްޓަކައި ޖެހޭނީ ދިރާގުން ހާއްސަ ކޮށްފައިވާ ވެބްސައިޓު މެދުވެރިކޮށް ފޯމު ފުރާށެވެ.

މިއަހަރުގެ މުބާރާތުގައިވެސް އުމުރުން 7 އަހަރުން ފެށިގެން މަތީގެ ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭއިރު ނޮވެމްބަރ 2 ވަނަ ދުވަހުގެ ނިޔަލަށް 7 އަހަރު ފުރޭ ކުދިންނަށްވެސް މުބާރާތުގައި ބައިވެރިވެވޭނެއެވެ.

ދިރާގު ރޯޑް ރޭސްގެ މިއަހަރުގެ ޝިއާރަކީވެސް "ކުޑަކުދިން ހިމާޔަތް ކުރުން" މިއެވެ. އަދި މިއަހަރު އެ ރޭހުގެ ޑޯނޭޝަންއަށް ލިބޭ ފައިސާގެ އަދަދު އިތުރު ކުރުމަށް ޓީޝާޓް އަގު ވަނީ ބޮޑުކޮށްފައެވެ. އެގޮތުން ޓީޝާޓެއްގެ އަގުވަބީ 100 ރުފިޔާއަށް ބޮޑުކޮށްފައެވެ.

އަދި ދިރާގް ރޯޑް ރޭހުގެ ބައިވެރިން ލާ ޓީޝާޓްގެ ޑޮނޭޝަން އިން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާ ކުރަނީ މުބާރާތުގައި ބައިވެރިވާ އެންޖީއޯތަކަށެވެ.

ދިރާގް ރޯޑް ރޭހަކީ މީގެ 12 އަހަރު ކުރިން އެންމެ 300 ބައިވެރިންނާއިކު ފެށި އިވެންޓެކެވެ. އެ އިވެންޓަށް ކޮންމެ އަހަރަކުވެސް އެތައް ބައެއްގެ ތަރުހީބު އަންނަނީ ލިބެމުންނެވެ.