ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަ ކުރާ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އެމްއޭސީއެލް އިން އެކުންފުނީގެ އަންހެން މުވައްޒަފުންނަށް އަމާޒުކޮށްގެން ހާއްސަ ހަރަކާތްތަކެއް ރާވައިފިއެވެ.

އެމްއޭސީއެލްގެ ހާއްސަ ހަރަކާތްތައް ފަށާފައި ވަނީ މިއަދު ހެނދުނު އަންހެން ކަނބަލުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ހެނދުނުގެ ހާއްސަ ނާސްތާއަކުންނެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ހެނދުނު 7:30 އިން 9:30 އަށެވެ.

މީގެ އިތުރުން މިއަދު 10:30 އިން 12:00 އަށް އެކުންފުނީގެ ކޯޕަރޭޓު އޮފީހުގައި އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ވަނީ ްހާއްސަ ފޯރަމްއެއް ބާއްވާފައެވެ. މި ފޯރަމްގައި މުހިންމު މައުޟޫތަކުގެ މައްޗަށް މަޝްވަރާ ކޮށްފައި ވެއެވެ.

މީގެ އިތުރުން މިއަދު ހަވީރުވެސް ހާއްސަ ހަރަކާާތްތަކެއް ބޭއްވުމަށް ވަނީ ރާވާފައެވެ. އެގޮތުން އެ ހަރަކާތްތައް ފެށުމުގެ ގޮތުން މިއަދު ހަވީރު 16:00ގައި ބާއްވާ ރަސްމިއްޔާތަށް ފަހު 16:30 ގައި އެ ހަރަކާތްތައް ފަށާނެވެ. އެ ހަރަކާތްތަކުގެ ތެރޭގައި، ޒުމްބާ، ބޭޓަން ރިލޭ، ބަން އީޓިން، ސެކް ރޭސް، ޓަގް އޮފް ވޯ، އަދި ސޭންޑްވިޗް މޭކިން ހިމެނެއެވެ.

އެއަށްފަހު މިއުޒިކާއި ތަފާތު މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިމެނޭ ސްޓޭޖް ޝޯއެއް މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ސްޓޭޖް ޝޯއަށް ފަހު ކަނބަލުންނަށް ހާއްސަކޮށްގެން ރޭގަނޑުގެ ނާސްތާއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އެމްއޭސީއެލް އިން ކުރިއަށްގެންދާ ހަރަކާތްތައް މިރޭ 23:30 އާ ހަމައަށް ކުރިއަށްދާނެއެވެ.