އައްޑޫ ސިޓީ ކައުންސިލް އިން އައްޑޫ ސިޓީގެ ހިތަދޫއަވަށު އާރިކިޅި ހުރަސްކުރެވޭނެހެން ބްރިޖެއް ހަދަން ކުރި އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ ކުރީގެ އިއުލާނު ބާތިލްކޮށް އަލުން އެ މަސައްކަތް ކުރުމަށް އާ އިއުލާނެއް ނެރެފިއެވެ.

އެ ކައުންސިލް އިން މިއަދު ކުރި އިއުލާނުގައި ވިދާޅުވީ، ކުރީގެ އިޢުލާނަން އެކަށީގެންވާ އަދަދަށް އަންދާޒީ ހިސާބު ހުށަހެޅިފއިނުތީ އެ އިޢުލާން ބާޠިލުކޮށް އެ މަސައްކަތް ކުރުމަށް އަލުން އިއުލާނު ކުރާ ކަމަށާއި، އެ މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށްއެދި ބިޑް ހުށަހެޅުއްވުމަށް އެދޭ ކަމަށެވެ.

އެ އިއުލާނުގައި ބުނެފައިވާގޮތުގައި، ބިޑް ވިއްކުން އޮންނާނީ އަންނަ ބުދަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން ސެޕްޓެމްބަރު 25 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 އާއި ހަމަޔަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާގައެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300 ރުފިޔާއެވެ. އަދި ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ ސެޕްޓެންބަރު 27 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ކައުންސިލްގެ އިދާރާގެ ހޯލްގައިކަމަށްވެސް އެ އިއުލާނުގައި ވެއެވެ.

ހިތަދޫގައި ބުރިޖެއް އެޅުމަށް ނިންމާފައިވަނީ ހިތަދޫ އާރިކިޅީގައި ފެންބޮޑުވާތީ ކަނޑާފައި އޮންނަ ދިހަ ވަރަކަށް ފޫޓުގެ ފުޅާ މަގު ހުރަސްވާ ގޮތަށެވެ. އެތަނުގައި ބުރިޖެއް އަޅަނީ އެ މަގުގެ ދެފަރާތުގައިވެސް މީހުން ދިރިއުޅޭއިރު، ބުރިޖެއް ނެތުމުން އެފަރާތްތަކަށް ދަތިތަކާއި ކުރިމަތިވަމުންދާތީ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

އެހެން ނަމަވެސް އެ ސަރަޙައްދުގައި މިހާރުވެސް ވެހިކަލްތައް ހުރަސްކުރެވޭގޮތަށް ރަނގަޅު ފެންވަރަކަށް ހަދައި ބޭނުންކުރަމުންދާ ބުރިޖެއް އަޅާފައި ވެއެވެ. މީގެ އިތުރުން އެ ސަރަޙައްދުގައި ދިރިއުޅޭ މީހުން އަމިއްލައަށްވެސް ފެން ހިންދުމަށް ކަނޑާފައި އޮންނަ މަގު ހުރަސްވާނޭގޮތް އެމަގުގެ އެކި ދިމާލުން ހަދާފައި ވެއެވެ.

އައްޑޫ ސިޓީގައި ބުރިޖެއް އެޅުމަށް އެސިޓީގެ ކައުންސިލުން އެންމެ ފުރަތަމަ އިއުލާނެއް ކޮށްފައިވަނީ، މާލެ އާއި ހުޅުލެއާއި ދެމެދު އަޅާފައިވާ ސިނަމާލެ ބުރިޖު ހުޅުވި ފަހުން އެއް ދުވަސްވެސް ނުވަނީހެވެ. ރައީސް އަބްދުﷲ ޔާމީން އައްޑޫއަށް މިދިޔަ ހަފްތާގައި ކުރެއްވި ދަތުރުފުޅުގައި ހިތަދޫ އާއި މީދޫ ގުޅުވާލުމަށް ބްރިޖެއް ޤާއިމްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަސީމު

    އައްޑޫގައި މިވަގުތު އޮތް އެންމެ މަޝްހޫރު ބުރިޖަކީ މީދޫ މަތިކިޅި އިކޯ ގަޑަން ހިމެނޭ ފެންފިލަ ކޯރުގައި އަޅާފައިވާ ބުރިޖެވެ. މިއީ ސަައިޒުން ކިތަންމެ ކުޑަ ބުރިޖަކަށް ވިޔަސް، އައްޑޫ ގައި ، ރީތި ބެންޑެއް ލާފައި ލަކުޑިން ހަދާފައިވާ ހަަމަ އެކަނި ބުރިޖެވެ. މިދެންނެވި ބުރިޖާއި އެކު މަތިކިޅި އިކޯ ގަރޑަން އަކީ ފާއިތުވި 9 މަސް ތެރޭގައި ރާއްޖޭގެ އެއް ލޮކޭޝަން އަކަށް އެންމެ ގިނައިން ފޮޓޯ ނަގާ ސޯޝަލް މީޑިއާ ގައި ޝެއަރ ކުރެވުނު ލޮކޭޝަނެވެ. އެއީ ޚާއްސަ ރީތި ސިފައެއް ހުރި ތަނަކަށް ވާތީއެވެ. އައްޑު ސިޓީ ކައުންސިލުން މިދެންނެވި މަތިކިޅި އިކޯ ގާރަޑަން ބަލަހައްޓަން އެހީތެރިކަން ފޯރު ކޮށް ދޭން ޖެހެއެވެ.

  2. ސުމްބުލި

    ދެންވެސް ރައީސް ޔާމީނަށް ތިކަންވެދާނެ.