ރާއްޖޭގެ ވެރިރަށް މާލެ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުލެ ގުޅުވާލާ ބްރިޖު، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ އެއްކޮށް ގުޅައިލުމުގެ ސުޕަ ސްޓްރަކްޗާއަށް ބޭނުންވާ ސްޓީލް ބޮކްސް ގާޑާތައް އިއްޔެ މާލެ ގެނެސްފިއެވެ.

ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި ބޮކްސް ގާޑާ އިންސްޓޯލްކުރުމުގެ މަސައްކަތް ޖުލައި މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ނިންމާލެވޭނެއެވެ.

"ސްޓީލް ބޮކްސްގާޑާތައް އިންސްޓޯލް ކޮށް ބްރިޖްގެ ސުޕަ ސްޓްރަކްޗާ ނިމޭނީ މިއަހަރު ޖުލައި މަހުގެ ނުވަ ވަނަ ދުވަހާއި ހަމަޔަށް, ސުޕަ ސްޓްރަކްޗާ މާލެއިން ހުޅުލެއަށް އެއްކޮށް ކަނެޓްކޮށް ނިމޭނެ" މިނިސްޓަރ މުއިޒު ވިދާޅުވިއެވެ.

ބުރިޖުގެ ބޮޑެތި މަސައްކަތްތައް މިއަހަރުގެ ޖުލައި މަހުގެ ފުރަތަމަ ހަފުތާގައި ނިންމާލެވޭނެ ކަމަށް މިނިސްޓަރު މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

މާލެ ހުޅުލެ ބްރިޖްގެ މަޝްރޫއަށް 220 މިލިއަން އެމެރިކާ ޑޮލަރު ހަރަދުވާއިރު ބްރިޖްގެ ދިގުމިނުގައި 1.39 ކިލޯމީޓަރު އަދި ފުޅާ މިނުގައި، 20.3 މީޓަރު ހުރެއެވެ. ބްރިޖްގައި ހަތަރު ފުރޮޅުލީ ވެހިކަލް ދުއްވާ ދެ ލޭން އާއި، ސައިކަލްތަކަށް ވަކި ލޭން އަކާއި، ބައިސްކަލުގައި އަދި ހިނގާފައި އުޅޭ ފަރާތްތަކަށް ވަކި ލޭންއެއް ހިމެނެއެވެ.