ދިވެހިރާއްޖޭގެ ކަނޑުތަކުން މަސްވެރިކަން ކުރުމަށް ބޭރުގެ ބޯޓުފަހަރުތަކަށް، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާ އަދި ދައުލަތުގެ އެނޫންވެސް މުވައްސަސާތަކުން ލައިސަންސް ދޫކޮށްފައިވާ ކަމަށް ބުނެ، ރާއްޖޭގެ ސިޔާސީ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކައިގައި ހަޤީޤަތެއް ނެތްކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިއަދު އެ މިނިސްޓްރީން މިކަމާއި ގުޅޭގޮތުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ރައްޔިތުންނާއި މަސްވެރިންނަށް އޮޅޭގޮތަށް ނުވަތަ އޮޅުވާލުމަށްޓަކައި، ބޭރުގެ ބޯޓުފަހަރަށް ރާއްޖޭ ކަނޑުގެ ސަރަޙައްދުން މަސްވެރިކަން ކުރުމަށް ދިވެހި ދައުލަތުން ލައިސަންސްތައް ދޫކޮށްފައިވާކަމަށާއި، ރިޔާސީ ވަޢުދެއްގެ ގޮތުން އެ ލައިސަލްސްތައް ކެންސަލްކުރައްވާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ހަޤީޤަތާއި ޚިލާފު ވާހަކަތަކެއް ދައްކައި މިނިސްޓްރީއަށް އޮތް މަސްވެރިންގެ ޔަޤީންކަން ނަގާލުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

އެހެން ނަމަވެސް މި ސަރުކާރުގެ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ބޭރުގެ އެއްވެސް އުޅަނދަކަށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި މަސްވެރިކަން ކުރުމަށްޓަކައި އެއްވެސް ލައިސަންސެއް ނުވަތަ ހުއްދައެއް ދީފައި ނުވާނެކަމުގެ ޔަޤީންކަން އަރުވާކަމަށް ފިޝަރީޒް މިނިސްޓްރީން ނެރުނު ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ދިވެހި މަސްވެރިންގެ އަތުން މަސްގަތުމަށް ބޭރުގެ އުލަނދުފަހަރަށް ރާއްޖޭ ކަނޑުގެ ސަރަޙައްދަށް ވަނުމުގެ ހުއްދަ ދޫކުރާނެ ކަމަށްވެސް ކެމްޕޭނު ވަޢުދެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ހާމަކުރަމުންދާއިރު، މިކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމަށް ނޭދެވޭ އަސަރުތަކެއް ބައިނަލްއަޤުވާމީ ބާޒާރުގައި އައިސްދާނެ ކަމަށް މިނިސްޓްރީން ފާހަގަކުރެއްވިއެވެ.

"ކަނޑުގައި އެއް އުޅަނދުން އަނެއް އުޅަނދަށް މަސް ބަދަލުކުރުމަކީ ބައިނަލްއަޤުވާމީ ހަމަތަކުން ބަލާއިރު، "އެޓް-ސީ ޓްރާންޝިޕްމަންޓް" ހަރަކާތެކެވެ. މި ޙަރަކާތަކީ އެކަމުގެ ސަބަބުން މަސްވެރިކަމުގެ ޤާނޫނާއި ޤަވާއިދާއި ޚިލާފުކަންކަމަށް މަގުފަހިވެގެންދާ ކަމެއްކަމުގައި ހުރިހާ ފަރާތްތަކުންވެސް އެއްބަސްވާ ކަމެކެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ސާރު މަސްވެރިކަން މިފަދަ ޙަރަކާތަކާއި ގުލުވާލުމަށް އެއްވެސް ފުރުސަތެއް ދެވިގެން ދިއުމަކީ ދިވެހި މަސްވެރިކަމަށް އެކަމުގެ ސަބަބުން ބޮޑު ލޮޅުމެއް އަންނާނެކަމެކެވެ. އަދި މިއީ ބައިނަލްއަޤުވާމީ މަހުގެ ބާޒާރަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ދިވެހިރާއްޖެފަދަ ޤައުމެއްގެ މަސްވެރިކަމަށް އެކަމުގެ ސަބަބުން އިއާދަނުކުރެވޭފަދަ ބޮޑު ގެއްލުމެއް ވެދާނެކަމެއް ކަމުގައި މި މިނިސްޓްރީން ދެކެމެވެ." ފިޝަރީޒް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ފިޝަރީސް މިނިސްޓްރީން އިތުރަށް ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ރާއްޖޭގެ މަސްވެރިކަމާއި ގުޅުވައިގެން ދެކެވެމުންދާ ވާހަކަތަކާއި ވަޢުދުތަކާއި ގުޅޭގޮތުން ރައްޔިތުންނަށް އަދި ވަކިން ޚާއްސަކޮށް މަސްވެރިންނަށް އޮޅޭގޮތަށް މިފަދަ މަޢުލޫމާތު ފެތުރުން ހުއްޓާލުމަށް ދަންނަވާ ކަމަށެވެ. އަދި އެފަދަ މަޢުލޫމާތުތައް ގެނެސްދިނުމުގައި ކަމުގެ ދެފުށް ރަނގަޅަށް މުރާޖާކޮށް މަސްވެރިކަމުގެ ސިނާޢަތަށް ގެއްލުމެއް ނުލިބޭފަދަ ގޮތަކަށް ވާހަކަތައް ބައްޓަންކުރުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ.