ގދ.ތިނަދޫގައި ސަރުކާރުން ބިނާ ކުރި އިސްލާމީ މަރުކަޒުގައި ނަމާދުކުރަން ފަށައިފިއެވެ. މިމަހުގެ 11 ވަނަ ދުވަހުގެ ރައީސް ޔާމީން ތިނަދުއަށް ކުރެއްވި ދަތުރުފުޅުގައި ހުޅުއްވައި ދެއްވި އިސްލާމީ މަރުކަޒުގައި ފުރަތަމަ ކޮށްފައި ވަނީ ރޭ އިޝާ ނަމާދެވެ.

ރޭ ކުރި ފުރަތަމަ ނަމާދު އިމާމްވެ ކުރެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ވަހީދެވެ. އެ ނަމާދުގެ ޖަމާއަތުގައި ނައިބު ރައީސް އަބްދުﷲ ޖިހާދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އިޝާ ނަމާދަށްފަހު "ޕީއެސްއެމް" އަށް ށް ދެއްވި އިންޓަވިއުއެއްގައި ސްޓޭޓް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ތިނަދޫ ހިމެނޭ ސަރަހައްދުގެ ދަރިވަރުންނަށް އިސްލާމީ އިލްމު އުނގަންނައިދިނުމަށްޓަކައި އެ މަރުކަޒުގެ ބޭނުން ފުޅާ ދާއިރާއެއްގައި ހިފާނެކަމަށެވެ. އަންނަ އަހަރުގެ ކުރީ ކޮޅު އިސްލާމިކް ޔުނިވަސިޓީގެ ކޯސްތަކާއެކު އެ މަރުކަޒުގައި ކިޔަވައިދޭން ފަށާނެ ކަމަށް އަލީ ވަހީދު ވިދާޅުވި ކަމަށް ޕީއެސްއެމް އިން ބުނެއެވެ.

ދެބުރިއަށް އިމާރާތްކޮށްފައިވާ ތިނަދޫ އިސްލާމީ މަރުކަޒަކީ 1000 މީހުންނަށް ނަމާދުކުރެވޭ ވަރުގެ މިސްކިތަކާއި، 500 މީހުންނަށް އެއްފަހަރާ ޖަލްސާ ކުރެވޭވަރުގެ މާލަމަކާއި، ހަތަރު ކުލާސްރޫމާއި، އޮފީހަކާއި، ލައިބްރަރީއެއް ހިމެނޭ ގޮތަށް ބިނާކޮށްފައިވާ އިމާރާތެކެވެ.

ތިނަދޫ އިސްލާމީ މަރުކަޒު ބިނާ ކުރަން 34 މިލިއަން ރުފިޔާ ވަނީ ޚަރަދު ކޮށްފައެވެ. ތިނަދޫ އިސްލާމީ މަރުކަޒަކީ މާލެ ފިޔަވައި އެހެން ރަށެއްގައި ބިނާ ކުރި ފުރަތަމަ އިސްލާމީ މަރުކަޒެވެ.

ތިނަދޫގެ އިތުރުން ބައެއް އެހެން ރަށްރަށުގައި އިސްލާމީ މަރުކަޒުތައް ބިނާ ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް އެބަދެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މި

    މާޝާﷲ

  2. ސަންފަ

    ނަމާދު ކުރަން މީހުން ވޭތަ ތިޔަ ރަށުގަ

  3. އަހުން

    ޝުކުރިއްޔާ ރައީސް ޔާމީން. ދިވެހި ގައުމަށް މަނިކުފާނުގެ ޒައާމަތުގަ ގެނެސްދެއްވި ތަރައްގީއާއި ކޮށްދެއްވި ހުރިހާ ކަމަކަށް ފައްފަށުން ޝުކުރިއްޔާ.