ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ތަރައްޤީ ކޮށްފައިވާ އާ ރަންވޭ ހުޅުވުމަށް ރަންވޭގައި ފުރަތަމަ ޖައްސާނެ ފްލައިޓް ކަމަށްވާ އިއްތިހާދު އެއާވޭސްގެ އޭ-380 މަރުކާގެ ފްލައިޓް މާލެ އަންނަން ފުރައިފިއެވެ.

އަބޫދާބީ އިން އިއްތިހާދު އެއާވޭސްގެ އީވައި-278 ފްލައިޓް ރާއްޖެ އަންނަން ފުރީ މިއަދު ހެނދުނު 11:25 ހާއިރު އެވެ. މިހާރު ލަފާކުރެވޭ ގޮތުގައި އިއްތިހާދު އެއާވޭސްގެ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްްސާނީ މިއަދު މެންދުރު ފަހު 15:27 ގައެވެ.

އާ ރަންވޭގައި ޖައްސާ އިއްތިހާދު އެއާވޭސްގެ ފްލައިޓްގެ ކެޕްޓަނަކީ ދިވެއްސެއް ކަމަށްވާ އަލީ އަހްސަން އެވެ. ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމް ވެސް މިފްލައިޓުން މިއަދު ރާއްޖެ އަންނާނެއެވެ.

އާ ރަންވޭ އިފްތިތާހު ކުރުމުގެ ގޮތުން ޖައްސާ ފުރަތަމަ ފްލައިޓް މާލެ އާއި 1000 ފޫޓު ތިރިން މާލެ ވަށައި ބުރެއް ޖަހާނެއެވެ.

އާ ރަންވޭގައި ފްލައިޓް ޖެއްސުމަށްފަހު ދެން އޮންނާނީ އެމްއެންޑީއެފުން ޕެރަޝޫޓާއެކު އެއާޕޯޓަށް ފުންމާލުމުގެ ހަރަކާތެކެވެ. އެ ހަރަކާތަށް ފަހު ހަ ސީޕްލޭން 200 ފޫޓު ތިރިން މާލެ ވަށައި ބުރެއް ޖެހުން ވެސް އޮންނާނެ އެވެ. ސީޕްލޭންގެ ފްލައި ޕާސް ކުރިޔަށްދާނީ ސިނަމާލެ ބްރިޖް ކައިރިންނެވެ.

ރަންވޭ ހުޅުވުމުގެ ހަރަކާތްތައް ފެށޭނީ ފްލައި ޕާސް އަށް ފަހު 16:10 ގަ އެވެ. އެ ހަރަކާތް ކުރިޔަށް ދާނީ އެއާޕޯޓުގެ އުތުރު އޭޕްރަން ސަރަހައްދުގައެވެ.

އާ ރަންވޭ ހުޅުވުމުގެ ރަސްމިއްޔާތާއި ގުޅިގެން މިއަދު 15:15 އިން 16:15 އަށް އަދި 17:30 އިން 18:30 އަށް ސިނަމާނެ ބުރިޖު އެއްގަމު ދަތުރު ފަތުރަށް ބަންދު ކުރަން ވަނީ ނިންމާފައެވެ.

އެއާޕޯޓްގެ ރަންވޭ ހުޅުވުމުގެ ރަސްމިއްޔާތާއި އެކު ދެއުފަލެއް ދިވެހިންނަށް ލިބޭނެއެވެ. އެއް އުފަލަކީ ދުނިޔޭގެ އެންމެ ބޮޑު ކޮމާޝަލް ފްލައިޓް ދިވެހިންގެ މައި އެއާޕޯޓްގެ ޖެއްސުމެވެ. ދެވަނަ އުފަލަކީ އާ ރަންވޭ އަށް ޖައްސާ ފުރަތަމަ ފްލައިޓްގައި ސަރަހައްދީ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕްގެ ތަށި ހިފައިގެން ގައުމީ ފުޓްބޯޅަ ޓީމް ރާއްޖެ އައުމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޝިފްނާ

    އަސަރުކުރޭ !!!1 ދެން ތިހެން ނިކޔާބަލަ!

  2. ޢައިމަން

    ކޮންމެ ކަމެތް ކުރިޔަސް މި ފަހަރު ޔާމީނަށް ވޯޓު ދެވޭކަށް ނެތް އަހަރުމެން ރާއްޖެތެރޭ މީހުން ކިހިނެތް ތި ބޯޓު ބަލަނީ ޓީވީވެސްހުރީ ހަލާކުވެފަ

  3. ވގ

    އިންޑިޔާ ފުލައިޓް ފުރަތަމަޖެއްސީ