44 މީހަކަށް ކިޑްނީ ޓްރާންސްޕްލާންޓާއި ބައެއް ރައްޔިތުންނަށް ލިވަރ ޓްރާންޕްލާންޓް ކުރުމަށް އާސަންދަ މެދުވެރިކޮށް ދެވި ވޭތުވެދިޔަ 3 އަހަރުގައި 446325 ފަހަރު އާސަންދަ ޚިދުމަތް ލިބިގަނެ 3.4 ބިލިއަން ދިވެހި ރުފިޔާގެ ބޭސްފަރުވާ އާސަންދަ ސްކީމުން ހަމައެކަނި ކިޑްނީ ޓްރާންސްޕްލާންޓާއި ލިވަރ ޓްރާންޕްލާންޓަށް ޚަރަދުކުރެވިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ހެލްތު މިނިސްޓްރީ އިން އާންމު ކުރައްވާފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން ކިޑްނީއާ ގުޅޭ ބަލިތަކުގެ ފަރުވާ ޔަޤީން ކޮށްދޭ ސިޔާސަތުގެ ދަށުން ނޮވެމްބަރ 2013 އިން ފެށިގެން މާލެ ސަރަހައްދާއި ރާއްޖޭގެ 6 އަތޮޅުގައި ކިޑްނީ ބައްޔަށް ފަރުވާކުރުމަށް ޑައިލިސިސްގެ ޚިދުމަތް ތައާރަފްކުރެވި، މިހާތަނަށް ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި ޑަޔަލިސިސްގެ ޚިދުމަތުގެ އެނދު 18 އެނދުން 47 އެނދަށް އިތުރުކުރެވިފައިވެއެވެ. އަދި މިހާތަނަށް އައިޖީއެމްއެޗްއިން 62474 ޑައިލިސިސް އާއި ހުޅުމާލެ ހޮސްޕިޓަލުން 5879 ޑައިލިސިސް އާއި ވިލިމާލެ ހޮސްޕިޓަލުން 74 ޑައިލިސިސް ހެދިފައިވެއެވެ.

ކެންސަރުބަލީގެ ފަރުވާ ޔަޤީން ކޮށްދޭ ސިޔާސަތުގެ ދަށުން ކެންސަރ ބައްޔަށް އަވަސް ފަރުވާ ފޯރުކޮށްދިނުމަށް މާލެ ސަރަހައްދާއި ރާއްޖޭގެ 3 އަތޮޅުގައި ކެންސަރ ސްކްރީނިންގ ޚިދުމަތްތައް ތަޢާރަފްކުރެވިފައިވެއެވެ. އަދި 2017 ވަނަ އަހަރު ކެންސަރއަށް ހާއްސަ ފަރުވާދޭ ސެންޓަރެއް ހުޅުމާލެ ހޮސްޕިޓަލުގައި ކެންސަރު ބަލީގެ ހާއްސަ ޑޮކްޓަރީ ޚިދުމަތާއި ކީމޯ ތެރަޕީގެ ފަރުވާ ދޭން ފެށި، އައިޖީއެމްއެޗްގައި ކެންސަރު ބަލީގެ ހާއްސަ ކްލިނިކެއް ޤާއިމުކުރެވި ވިލިމާލެ ހޮސްޕިޓަލުގައިވެސް ކެންސަރ ބައްޔަށް ފަރުވާދިނުމަށް ވަނީ ފަށާފައެވެ.

ރާއްޖެއިން ކުރިން ބޭސްފަރުވާގެ ޚިދުމަތް ނުލިބޭ ވަރަށް ގިނަ ބަލިތަކަށް ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި ވަނީ ޚިދުމަތްދޭން ފަށާފައެވެ. މިގޮތުން ހިތުގެ ބައްޔަށް ފަރުވާދިނުމަށް 5 ޖޫން 2016 ގައި ނޭޝަނަލް ކާޑިއެކް ސެންޓަރ ޤާއިމުކުރެވި މިހާތަނަށް 52996 މީހުންނަށް ޚިދުމަތް ދެވި 3178 ޕްރޮސީޖަރ ކެތްލެބްއިން ދެވިފައިވެއެވެ. އަދި، މިސެންޓަރުން ދެވޭ އިތުރު ޚިދުމަތްތަކުގެ ތެރޭގައި އީސީޖީ، އިކޯކާޑިއޮގްރަފީ، ތަފާތު ޕްރޮސީޖަރސް އަދި ޕޯސްޓް އިންޓަރވެންޝަން ކްލިނިކްގެ ޚިދުމަތް ހިމެނެއެވެ. އަދި 11 ނޮވެމްބަރ 2015ގައި 23 މިލިއަން ރުފިޔާ ދިވެހި ދައުލަތުން ޚަރަދުކުރެވި އެމް.އާރް.އައި ސެންޓަރއެއް ޤާއިމުކުރެވި މިހާތަނަށް 15316 މީހުންނަށް 19434 ޕްރޮސީޖަރ ހެދިފައިވެއެވެ.

ތެލެސީމިއާ ބަލީގެ ފަރާތްތައް އިހުމާލުނުކުރުމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ތެލެސީމިއާއަށް ސްކްރީން ކުރެވޭނެ އިންތިޒާމު ހަމަޖެހި، 57 ކުދިންނަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފައިސާގެ އިންތިޒާމު ވަނީ ހަމަޖެއްސާފައެވެ.

ސިއްޙީ މަރުކަޒުތަކުންނާއި، އަތޮޅު ހޮސްޕިޓަލުތަކުންނާއި ސަރަޙައްދީ ހޮސްޕިޓަލުތަކުން ދެވޭނެ ޚިދުމަތްތަކުގެ އޮނިގަނޑު 2015 ވަނަ އަހަރު ވަނީ މުރާޖައާ ކުރެވި އާންމުކުރެވިފައެވެ. 2014ވަނަ އަހަރުން ފެށިގެން ބަލިމީހާ އެއްތަނުން އަނެއްތަނަށް ގެންދިއުމުގެ އިންތިޒާމް އިންޝޫރަންސް ކުންފުނި މެދުވެރިކޮށް ސީއެމްބިއުލާންސް ބޭނުންކޮށްގެން ހަމަޖެއްސިފައިވެއެވެ.

ބޮޑެތި ބަލިތަކުގެ ފަރުވާ ބޭނުންވާ މީހުންނާއި، ދިގުމުއްދަތަށް މެދުނުކެޑި ބޭސްފަރުވާ ބޭނުންކުރަންޖެހޭ މީހުންނަށް އިޖުތިމާއީ ސިއްޙީ އިންޝޫރަންސް ނިޒާމްގެދަށުން ރާއްޖެއިން ބޭރުން އެމްޕެނަލް ކުރެވޭ ހޮސްޕިޓަލުތަކުން ބޭސްފަރުވާ ލިބިދެއެވެ.

ހަމަމިއާއެކު، ބަލިމީހުން ކަނޑުމަގުން އުފުލުމަށް ހުރިހާ އަތޮޅެއްގައި ސީއެމްބިއުލާންސްގެ ޚިދުމަތް ތަޢާރަފްކުރެވި މީހުން ދިރިއުޅޭ ރަށްރަށުގައި ބޭނުންކުރުމަށް 84 އެއްގަމު އެމްބިއުލާންސް އިތުރަށް ހޯދިފައިވެއެވެ.

2017 ވަނަ އަހަރު ރާއްޖޭގައި ހޮސްޕިޓަލް ބެޑް ކެޕޭސިޓީ ހުރީ އާބާދީގެ ކޮންމެ 10000 މީހަކަށް 50 އެނދުގެ ނިސްބަތުން ކަމަށްވާއިރު، ދުނިޔޭގައި އެވަރެޖްކޮށް ހުރީ އާބާދީގެ 10000 މީހަކަށް 27 އެނދުގެ ނިސްބަތުންނެވެ. އަދި، ދުނިޔޭގައި އެވަރެޖްކޮށް އާބާދީގެ ކޮންމެ 10000 މީހަކަށް 15 ޑޮކްޓަރުން ޚިދުމަތުގައި ތިބޭއިރު، 2017 ވަނަ އަހަރު ރާއްޖޭގައި މިމިންގަނޑު ހުރީ ކޮންމެ 10000 މީހަކަށް 24 ޑޮކްޓަރުންގެ ނިސްބަތުގައެވެ.

މީގެ އިތުރުން 2014 ވަނަ އަހަރުގައި މިސަރުކާރުން ވަޢުދުވީ ތަމްރީނު ލިބިފައިތިބި ދިވެހި ޑޮކްޓަރުންގެ ތެރެއިން ކޮންމެ އަހަރަކު 5 ޑޮކްޓަރުން ސްޕެޝަލިސްޓުންގެ ގޮތުގައި ތަމްރީނު ކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް، ނަމަވެސް ވޭތުވެދިޔަ 5 އަހަރަށް ބަލާލާއިރު އަހަރަކު 12 ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް ފޮނުވިފައިވެއެވެ. ޖުމްލަގޮތަށް ބަލާލާއިރު މިވަގުތުވެސް 60 ޑޮކްޓަރުން ދަނީ ރާއްޖެއިން ބޭރުން ސްޕެޝަލައިޒްވުމަށް ތަމްރީނުވަމުން ކަމަށް ހެލްތު މިނިސްޓްރީ އިން ވިދާޅުވެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން ބަލައިގަންނަ ފެންވަރަށް ރާއްޖެ ސިއްޙީ ނިޒާމް ހަރުދަނާ ކުރުމަށް ކުރާ މަސައްކަތު ތެރެއިން 2015 އިން ފެށިގެން 2017 ވަނަ އަހަރަށް ރާއްޖެއިން މެލޭރިއާ، ފައިލޭރިއާ އަދި ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ އެވޯޑް ރާއްޖެއަށް ލިބިފައިވާއިރު، ދެހާސް ބާވީސް ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއިން ޓީބީ ނައްތާލުމަށް މިހާރުވަނީ ކެމްޕޭނެއް ފަށާފައެވެ.

މި ކެމްޕޭންގެ ދަށުން ޓީބީ ބަލީގެ މީހުންނަށް ހާއްސަ ސަމާލުކަމެއްދީ ފަރުވާ ދިނުމާއި، ބަލި ޖެހުން ގާތް މީހުން ގަވާއިދުން ބައްޔަށް ސްކްރީންކޮށް، ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް އަހުލުވެރިކޮށް ހޭލުންތެރިކަން އިތުރު ކުރަން މަސައްކަތް ކުރަމުންނެވެ. އަދި 2025 ވަނަ އަހަރު އަންނަންވާ އިރަށް ގައިން ގަޔަށް ނާރާ ބަލިތަކުގެ ހިރާސްތައް 25 އިންސައްތަ ދަށްކުރުމުގެ ޤައުމީ ކެމްޕޭން" 25 އިން 25" ހަރަކާތްތައް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ކުރިއަށް ގެންދިއުމަށް މިހާރު ވަނީ އަމާޒް ހިފާފައެވެ.

މިއަހަރު ތެރޭގައި ކުރިއަށް ރޭވިފައި ހުރި ކަންތައްތައް ތަކުގެ ތެރޭގައި މާލެ ސަރަހައްދުގެ އިތުރުން އަތޮޅު ތެރޭގެ ޞިއްޙީ ޚިދުމަތް ތަރައްގީކުރުމަށް ސ.ހިތަދޫގައި ޓާޝަރީ ފެންވަރަށް ހުޅުވޭ 100 އެނދުގެ ހޮސްޕިޓަލު ހުޅުވުމާއި އަތޮޅު ތެރޭގެ ހުރިހާ ހޮސްޕިޓަލަކުން ތެލެސީމިއާއަށް ސްކްރީނު ކުރެވޭނެ އިންތިޒާމު ހަމަޖެއްސިގެންދިއުން ހިމެނެއެވެ.

އަދި، ދިވެހިރާއްޖޭގެ ފުރަތަމަ މެޑިކަލް ކޮލެޖް ޤާއިމުކުރެވި ޑޮކްޓަރުންގެ އިންޓާންޝިޕް ޕްރޮގްރާމް އައިޖީއެމްއެޗް މެދުވެރިކޮށް ފެށިގެން ދިއުމުން ޞިއްޙީ ޚިދުމަތްތެރިންނަށް ޢާއިލާއާއެކު އަމިއްލަ ވަޒަނުގައި ތިބެ މިދާއިރާއިން ކުރިއަށްދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

25 ބުރީގެ ޑައިގްނޯސްޓިކް ސެންޓަރ ހިމެނޭ އިމާރާތަކާއެކު ދަރުމަވަންތަ ހޮސްޕިޓަލުން ފެށޭ އާ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ އެމްއާރްއައި އާއި ސީޓީ ސްކޭނާއި، ހިތުގެ ހާއްސަ ފަރުވާއާއި، ގޮހޮރުގެ ބަލިތަކަށް ހާއްސަފަރުވާ (ގެސްޓްރޯއެންޓްރޯލޮޖީ) ފަދަ އާޚިދުމަތް ތައާރަފްކުރެވި އައިޖީއެމްއެޗް 500 އެނދަށް ފުޅާކުރެވިގެންދިއުން ވެސް ވެގެންދާނީ ޞިއްޙީ ދާއިރާއަށް އިންގިލާބީ ބޮޑެތި ކުރިއެރުންތައް ގެނެސްދޭނެ ކަންތައްތަކަށް ކަމަށް ހެލްތު މިނިސްޓްރީ އިން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަހުމާނު

    އެފައިސާގެ ހަތަރުބައިކުޅަތިންބައި ކާލިކަމަށްވެދާނެ އަދީބުގޮތަށް ވަށައިގެންއެނބުރޭދެބުމަރުކަމުގާވާ ދަތްދުރޭ ބުމަރާ މޫނަށްކޯދޮންނަދޮންކެޔޮބުމަރު.

  2. ޖޮއްބެ

    ކެރަފާނަޝީދު ކަލެއަށް އިވޭތަ ނުވަތަ ފެނޭތަ މިހިރަމިހިރަ ކަންކަން އޭނ؟ ކަލެއަށް ވެރިކަން ލިބުމުން ސިއްޙީނިޒާމުންވެސް ވިޔަފާރިކުރަން ކުންފުންޏަކާ ހަވާލުކޮށް މުޅި ނިޒާމު ބޮއްސުންލާ ހަލާކުވެގެން ދިޔައީއެވެ. ޞިއްޙީ ޚިދުމަތަކީ އެއިން ވިޔަފާރި ކުރެވޭނެ އެއްޗެއް ނޫންކަމާ އެއީ އަސާސީ ގޮތުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތެއް ކަންވެސް ކަލެއަކަށް ނޭނގުނެވެ. މިހާރު ނިކަންދެކެބަލާށެވެ. މިއަދު ރައީސް ޔާމީންގެ ސަރުކާރުން މާތްﷲގެ ވާގިފުޅާއެކު އެ މަނިކުފާނުގެ ވިސްނުންތެރިކަމާ އިޚްލާޞްތެރި ކަމުން މިގައުމުގެ ސިއްޙީ ނިޒާމު މިއޮތީ ކަލޭ އިނދަޖައްސާލިފަހުން ނަގާ ކޮޅަށް ޖަހާފައެވެ. އަދި ދަނީ ދުވަހެއް ދުވަހަކަށް ކުރިޔަށެވެ. ކަލެއަކަށް މިފަދަ ކަންކަމެއް ނުވާނެއެވެ. އެއީ ކަލޭގެގައިގައި އެ ކޮލިޓީ ނެތިފަ އިޚްލާޞްތެރިކަމެއްވެސް ނެތީމައެވެ. ކަލެއަށް އަދި ވެރިކަން ލިބުނަސް ކަލޭ އުޅޭނީ ކުރިންވެސް ކަންކުރިގޮތަށް ދައުލަތް ދަވާލާ ހުސްކޮށްލެވޭތޯކަން ޔަގީނެވެ. އެހެންކަމުން އަހަރެމެން މާތްﷲގެ ހަޟްރަތުން އެދިދަންނަވަނީ ކަލޭ އަހަރެމެންގެ މައްޗަށް ވެރިނުކުރެއްވުމެވެ. އަދި ކަލޭގެ ލާދީނީ އަޢުވާނުންކުރެ މީހަކުވެސް އަހަރެމެންގެ މައްޗަށް ވެރިނުކުރެއްވުމެވެ. އާމީން.

  3. ޢާމިރު

    ސާބަހޭ ރައީސް ޔާމީން