ފިލިޕީންސްގެ އުތުރުގެ ސަރަޙައްދަށް އައި ބާރުގަދަ ތޫފާން، "ތޫފާން މެންހުޓް" ގެ ސަބަބުން، ގިނަ ޢަދަދެއްގެ ބަޔަކު މަރުވެ، މުދަލަށާއި ޢިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، ‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން‏، ފިލިޕީންސްގެ ރައީސް ރެޑްރިގޯ ރާއޮ ޑުޓަރޓޭއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ފިލިޕީންސްގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއިއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.

އެ ޙާދިޘާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެދިވަޑައިގެންފައިވެއެވެ. މި ޙާދިޘާގެ ސަބަބުން ދިމާވި ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތަކުން ކާމިޔާބު ލިބުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިފަދަ ދަނޑިވަޅެއްގައި އެ ޤައުމުގެ ރައްޔިތުންނަށް ކެއްތެރިކަމާއި ސާބިތުކަން ދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ.

ފިލިޕީންސަށް ތޫފާން އެރުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 54 ވަނީ އަރާފައެވެ. އަދި އެތަށް ބަޔަކު ވީނުވީ އެއް ނޭގި ގެއްލިފައިވާއިރު މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ކަމާއި ބެހޭފަރާތްތަކުން ލަފާކުރެއެވެ. މިތޫފާނުގެ އަސަރު ފިލިޕީންސްގެ 250000 މީހުންނަށް ވަނީ ކޮށްފައެވެ.

ތޫފާނުގައި ހާލުގައި ޖެހުނު އެތަށް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކުރެވިފައިވާއިރު ތޫފާނުގެ ސަބަބުން ލުޒޯން ސަރަހައްދުގެ ކަރަންޓް ކެޑިފައިވާއިރު، އިމާރާތްތަކަށް ވަނީ ބޮޑެތި ގެއްލުން ވެފައެވެ. މި ތޫފާނުގައި ކަރަންޓު ފޯރުކޮށްދޭ ނިޒާމަށާއި މަގުތަކަށާއި ދަނޑުބިމަށާއި އާންމުންގެ ގެދޮރަށް ބޮޑެތި ގެއްލުން ތަކެއް ލިބުނެވެ. އަދި ކޯރުތައް ބަންޑުންވެ ގިނަ ހިސާބުތަކެއްގައި ވަނީ ފެންބޮޑުވެފައެވެ.

ފިލިޕީންސަކީ ދުނިޔޭގެ ނިސްބަތުންވެސް ތޫފާން އެރުން ގިނަ ގައުމެކެވެ. ފަހުގެ ތާރީހެއްގައި ފިލިޕީންސަށް އެރި އެންމެ ގެއްލުން ބޮޑު ތޫފާން އެރީ 2013 ވަނަ އަހަރުއެވެ. އެ ތޫފާނުގައި 7300 މީހުން މަރުވިއެވެ.