ޑިމޮކްރަސީއަކީ ވަކި މީހަކަށް ގެނެވޭނެ ނޫންކަމަށް ވިދާޅުވެ އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.

"އެންމެން އެކަކަށް" ގެ ނަމުގައި ޕީޕީއެމް އިން އެތައް ހާސް ސަޕޯޓަރުންނާއެކު މިހާރު ބާއްވަމުން ގެންދަވާ ޖަލްސާގައި ވާހަކަ ދައްކަވަމުން ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވިދާޅުވީ، ޑިމޮކްރަސީގެ ހަޤީޤީ މާނައަކީ ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމާއި، ރައްޔިތުންނަށް ފުދުންތެރިކަން ދިނުމާއި، ރައްޔިތުން ބޭނުންވާ އަސާސީ ހައްޤުތައް ހޯދައިދިނުމުގެ އިތުރުން ރައްޔިތުންނަށްޓަކައި އެމީހުންގެ އެދުންތައް ފުއްދައިދިނުން ކަމަށެވެ.

"މިރޭ އަންނި ވިސްނާލަންވާނެ ސިޔާސީ ހަޔާތަކީ ވަކި މީހަކަށް އަންނަ އެއްޗެއް ނޫންކަން. ޑިމޮކްރަސީއަކީ ވަކި މީހަކު ގެންނަ އެއްޗެއް ނޫން، މީ ޑިމޮކްރަސީ، މީ ޑޮމޮކްރަސީ. އަޅުގަނޑުމެން މިގެނައީ ޑޮމޮކްރަސީ. އެކަން ކޮށްދެއްވަނީ ރައީސް ޔާމީން،" ރީކޯ މޫސަ ވިދާޅުވިއެވެ.

ރީކޯ މޫސަ ވިދާޅުވީ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި އޮންނަނީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އިސްކުރާނީ އެންމެ މީހެއް ކަމަށެވެ. އަދި އެ ސަބަބަށްޓަކައި އެކަނިވެސް ދިވެހިރާއްޖޭގައި ކޯލިޝަންގެ ވެރިކަމެއް ނުކުރެވޭނެކަން ސާބިތުވާކަމަށް އޭނާ ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ ވެރިކަމަކީ އެންމެ މީހަކު އައްޔަންކުރާ މަޤާމެއް، ފަންސާސް މީހުންގެ ފޮޓޯ ޕޯސްޓަރުގައި ޖެހިޔަސް ހޮވަންޖެހޭނީ އެކަކު، ވެރިކަން ކުރަންޖެހޭނީ އެކަކު." ރީކޯ މޫސަ ވިދާޅުވިއެވެ.

2008 ވަނަ އަހަރު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެރިކަމަށް އަންނަން ހެއްދެވި ކޯލިޝަނަށް މޫސަ ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ރީކޯ ވިދާޅުވީ، އެފަހަރު ކޯލިޝަން ހެދީ ވަތަން އެދޭގޮތަށް ކަމަށާއި، އެދުވަހު ރައްޔިތުން ބޭނުންވީ ތަރައްޤީއާއި ކުރިއެރުމާއި، މިނިވަންކަމާއި، އެއްވެ އުޅުމާއި، ހިޔާޅުފާޅުކުރުމުގެ މިނިވަންކަން ކަމަށެވެ.

"އެކަމަކު ވެރިކަން ފަށައިގަނެގެން ފުރަތަމަ ހަފްތާގެ ތެރޭގައި ޤާސިމް ވަރިވެއްޖެ، ދެވަނަ ހަފްތާގެ ތެރޭގައި ޖަމީލް ވަރިވެއްޖެ، ތިންވަނަ ހަފްތާގެ ތެރޭގައި އަދާލަތު ޕާޓީ ވަރިވެއްޖެ. ވެރިކަމަށް ބަރާބަރު ދެ އަހަރު ހަމަނުވަނީސް އެކަމުގެ ހިތާމައިގައި ރައީސް ނަޝީދު އަމިއްލައަށް އިސްތިއުފާ ދިނީ." ނަޝީދަށް ފާޅުގައި ފާޑުވިދާޅުވެ ރީކޯ މޫސާ ވިދާޅުވިއެވެ.

މޫސާ މަނިކު ވިދާޅުވީ، 2008 ގެ ނަތީޖާގެ މާނައަކީ، ދިވެހިރާއްޖޭގައި ކޯލިޝަންގެ ވެރިކަމެއް ނުކުރެވޭނެކަން ކަމަށެވެ. އަދި ހަމަ އެގޮތަށް 2013 ވަނަ އަހަރުވެސް ރާއްޖޭގައި ކޯލިޝަނެއް ހެދީ ކަމަށާއި އެ ކޯލިޝަންވެސް ދެމިގެން ނުދިޔަކަމަށް މޫސަ ވިދާޅުވިއެވެ.

"ޤާސިމް ބޭނުންވާ އެއްޗެއް ނުލިބުނީމަ ޤާސިމް ވަރިވީ، އަދާލަތު ޕާޓީން ބޭނުންވާ ކަމެއް ނުކުރެވުނީމަ އަދާލަތު ޕާޓީ ވަރިވީ، ދެންތިބި މީހުންވެސް ވަރިވީ. އެކަމު ރައީސް ޔާމީން އެކަނި މަސައްކަތް ކުރެއްވީމަ އަޅގަނޑުމެނަށް ބުރިޖު ލިބުނީ، އެއާޕޯޓް ލިބުނީ، ރާއްޖޭގައި ފެނާއި ނަރުދަމާ އެޅުނީ، ދިވެހިރާއްޖެ ތަރައްޤީވީ." 2013 ގަ ރައީސް ޔާމީން ހެއްދެވި ކޯލިޝަން ރޫޅުނީމަ ރައީސް ކުރެއްވި ހިތްވަރު ފާހަގަކޮށް މޫސަ ވިދާޅުވިއެވެ.

ދިވެހިރާއްޖެއަށް ހަޤީޤީ ޑިމޮކްރަސީ ގެނެސްދެއްވީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަމަށް ތަކުރާރުކޮށް ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވިދާޅުވުމަށްފަހުގައި މޫސަ އެދިވަޑައިގަތީ 23 ސެޕްޓެމްބަރ 2018 ވަނަ ދުވަހު ރައްޔިތުން ހެނދުނު 10:00 ގެ ކުރިން ކެންޑިޑޭޓް ނަންބަރު އެކަކަށް (1) އަށް ވޯޓް ދެއްވުން އެދޭ ކަމަށެވެ.

ޕީޕީއެމް އިން މިހާރު ކުރިއަށް ގެންދާ ބޮޑު ޖަލްސާ ބާއްވަމުންދާ މާފަންނު ސްޓޭޑިއަމްގައި ކުރިއަށް ގެންދާއިރު، 20000 އަށްވުރެ ގިނަ މީހުން ޖަމާވެ އެ ސަރަހައްދުވަނީ ފުރި ބާރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢިފާޝާ

    ދުވަހަކުވެސްނުދޭނަންވޯޓެއްޔާމީނަކަށް✌️✌️✌️✌️

    • ހަސަނު

      ތިވޯޓް ބޭނުމެއްނޫން

  2. ގދ.ތިނަދޫ މިހާ

    އަހަރެމެން ޤަބޫލްކޮށްް ބަލައިގަނެފިން ގދ. ތިނަދޫއަށް ރައީސް ޔާމީންގެ ޒައާމަތުގައިކޮށް ދެއްވާފައިވާ ތަރައްގީ، މިއަދު އަހަރެމެންނަށް އޭގެ ފައިދާ ލިބޭ. ކުރިން ޤަބޫލެއް ނުކުރަން އަދި ތާޢީދެއްވެސް ނުކުރަން އެކަމު މީހާރު އިތުބާރު ކުރެވޭ ރައްޔިތުމީހާއަށް ހެވާލާބަ އެދޭ ރައީސް އަކީ ރައީސް ޔާމީންކަން.

  3. ލޮލް

    ބައިވަރުމީހުން އެކުވެގެން ގެންނަ ސަރުކާރަކީ މިރާއްޖޭގައި ހިންގޭނޭ ސަރުކާރެއްނޫންކަން 2008 އިންވެސް 2013 އިންވެސް ސާފްކޮށް ދިވެހިން ދަސްކޮށްފިއެވެ. އެންމެން ރުހޭގޮތަށް ކަންކުރަންވެއްޖެނަމަ ގޮވާނީ އަތަށެވެ. އެންމެން އެކައްޗެއް ކިޔާނީ ކުޑަދުވަސްކޮޅަކުއެވެ. އެހާހިސާބުން މުޅި ދައުލަތް ފުނޑުފުނޑު ވެގެން ދާނެއެވެ. މިކަން ތަޖްރިބާއިން އެގިފައިވާތީ އިރާދަކުރެއްވިއްޔާ މިފަހަރަކީ ރައީސް ޔާމީންގެ ފަހަރެވެ.