އަންނަ އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ބޭނުން ކުރާ ވޯޓު ކަރުދާސްތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ވިދާޅުވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ވޯޓު ކަރުދާސްތަކާ އެކު، ވޯޓުލުމުގައި ބޭނުންވާ ބައެއް މުހިންމު ލިޔެކިޔުންތަކާއި ސާމާނު ގެންދަނީ ސެކިއުރިޓީ ފޮށިތަކުގައި ކަމަށެވެ. ސެކިއުރިޓީ ފޮށިތަށް ފޮނުވާއިރު އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންނާއި ފުލުހުން ވެސް ހަރަކާތްތެރިވާނެ ކަމަށާއި، އެތަކެތި ބަހައްޓާނީ ރައްކާތެރި ތަނެއްގައި ކަމުގެ ޔަގީންކަން ދޭމަކަށް އަކްރަމް ވިދާޅުވިއެވެ.

"ކޮންމެ ސެކިއުރިޓީ ފޮއްޓަކާއެކު، އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކާއި ފުލުހަކު ދާނެ. ސެކިރުއިޓީ ފޮށިތައް ބަހައްޓާނީ ރަށްރަށުގައި ތިބި ފޯކަލް ޕޮއިންޓުތަކުގެ ބެލުމުގެ ދަށުގައި.،" އަކްރަމް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މިފަހަރުގެ ވޯޓު ކަރުދާހުގައި ވަރުގަދަ ސެކިއުރިޓީ ފީޗާތަކެއް ހިމެނިފައިވާނެ ކަމަށެވެ. ވޯޓު ކަރުދާހުގެ ސައްހަކަން ކަށަވަރުކޮށްފައި ނޫނީ އެއްވެސް ވޯޓު ކަރުދާހެއް ނުގުނާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ރިޔާސީ އިންތިހާބަށް ހަތަރު ދުވަހަށް ވީއިރު، އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ބުނަނީ، އިލެކްޝަންސް ކޮމިޝަނުން މިނިވަން، އިންސާފުވެރި އިންތިހާބެއް ނުބާއްވާނެ ކަމަށެވެ.

ރިޔާސީ އިންތިޚާބުގައި 472 ވޯޓު ފޮށި ބަހައްޓާއިރު، މިފަހަރުގެ އިންތިޚާބުގައި 262135 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.