ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަށް އިންޓަރންޝިޕް ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި ކުރުނބާ މޯލްޑިވްސްއާއި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާ ދެމެދު މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ (އެމްއޯޔޫ) އެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ކުރުނބާ މޯލްޑިވްސްގެ ފަރާތުން އެމް.އޯ.ޔޫގައި ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ މިސްޓަރ ރިޒައިދް މަޖުސްކީއެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ ލީޝާ މުޙައްމަދުއެވެ.

ޖެންޑާ މިނިސްޓްރީ އިން ވިދާޅުވީ މި އެމްއޯޔޫގެ ދަށުން ކުޑަކުދިންގެ ހިޔާގެ 16 އަހަރުން މަތީގެ ކުދިންގެ ތެރެއިން މަދުވެގެން 2 ކުއްޖަކު ކޮންމެ އަހަރަކު ކުރުނބާ މޯލްޑިވްސްގެ އެކި ޑިޕާޓުމެންޓުތަކުގައި 1 އަހަރު ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަށް އިންޓަރންޝިޕް ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި ކުރުނބާ މޯލްޑިވްސްއާއި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާ ދެމެދު އެމްއޯޔޫ އެއްގައި ސޮއި ކުރުމުގެ ރަސްމިއްޔާތު – ފޮޓޯ: ޖެންޑާ މިނިސްޓްރީ
ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަށް އިންޓަރންޝިޕް ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި ކުރުނބާ މޯލްޑިވްސްއާއި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާ ދެމެދު އެމްއޯޔޫ އެއްގައި ސޮއި ކުރުމުގެ ރަސްމިއްޔާތު – ފޮޓޯ: ޖެންޑާ މިނިސްޓްރީ

މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރާ ކުދިންގެ ތެރެއިން، ހޮސްޕިޓަލިޓީ އަދި ޓޫރިޒަމްގެ ދާއިރާއިން ކުރިއަށް ދާން ޝައުޤުވެރިވާ ކުދިންގެ ހުނަރާއި ޤާބިލުކަމަށް ރިޢާޔަތްކޮށް، ކުރުނބާ މޯލްޑިވްސްގައި ނުވަތަ މި ދާއިރާއާ ގުޅުންހުރި އެހެން ތަނެއްގައި ވަޒީފާ އަދާކުރުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަަށް ޖެންޑާ މިނިސްޓްރީ އިން ވިދާޅުވެއެވެ.

ޖެންޑާ މިނިސްޓްރީ އިން މައުލޫމާތު ދެއްވާ ގޮތުގައި ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑާއި އަނަންތާރާ މޯލްޑިވްސްއާއެކު ވެސް މި ފަދަ އެމްއޯޔޫއެއްގައި މިނިސްޓްރީން ވަނީ ސޮއިކޮށްފައެވެ.

މި އެމްއޯޔޫގެ ދަށުން ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ދެ ކުދިން މި ވަގުތު އަންނަނީ މި ދެ ރިސޯޓުގައި ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރަމުންނެވެ.