ވޯޓަށް އެދެނީ އިޚްލާސްތެރި ޚިދުމަތްތަކަކާއި މަސައްކަތެއް ކުރުމަށް ފަހުގައި ކަމަށާއި ޕީޕީއެމްއަކީ ވޯޓް ގަނެ ވިއްކާ ބައެއް ނޫން ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ ވިލިމާލޭ ދާއިރާގެ މެންބަރު ނިހާން ހުސެއިން މަނިކް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ހެނދުނު ކުރިޔަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިހާން ވިދާޅުވީ، ޕީޕީއެމްއަކީ އިޚްލާސްތެރި ޚިދުމަތެއް ރައްޔިތުންނަށް ދިނުމަށް ފަހުގައި ރިވެތި އުސޫލުން ދަންނަވައިގެން ވޯޓް ލިބޭތޯ މަސައްކަތް ކުރާ ބައެއް ކަމަށެވެ.

"ޕީޕީއެމްއަކިީ ވޯޓްގަނެ ވިއްކާބައެއް ނޫން. ޕީޕީއެމްއަކީ އިޚްލާސްތެރި ޚިދުމަތެއް ރައްޔިތުންނަށް ދިނުމަށް ފަހުގައި ރިވެތި އުސޫލުން ދަންނަވައިގެން ވޯޓް ލިބޭތޯ، ޚިދުމަތް ދިނުމުގައި މަސައްކަތް ކުރަމުންދާ ޕާޓީއެއް." ނިހާން ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކަށް އިޝާރާތް ކުރައްވާ ނިހާން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ވޯޓް ގަންނަން މަސައްކަތް ކުރާ ކަމަށާއި އައިޑީ ކާޑް ވިއްކާ މިފަދަ މަސައްކަތްތަކެއްވެސް އިިދިކޮޅުން ކުރަމުންދާ ކަމަށެވެ. އަދި މިފަދަ ކަމެއް ހިނގާނަމަ ކަމާބެހޭ ފަރާތަށް އެކަން ހިއްސާ ކުރުމަށްވެސް ނިހާން އެދިވަޑައިގެންނެވިއެވެ.

"މިމީހުން (އިދިކޮޅު ފަރާތްތަކުން) އެބައާދޭ ވޯޓް ވިއްކާނެ ވާހަކަ ދައްކަން، އައިޑީ ކާޑް ވިއްކާނެ ވާހަކަ ދައްކަން، ބަޔަކު ހިފަހައްޓާނެ ވާހަކަ ދައްކަން. މިއިން އެއްވެސް ކަމެއްގައި އަޅުގަނޑުމެންގެ ޕާޓީގެ ބޭފުޅަކު ބައިވެރިނުވާތި." ނިހާން ވިދާޅުވިއެވެ.

"އެފަދަ ވާހަކައެއް ދައްކަވާ މީހަކު ނަމަ އެމައުލޫމާތާއި އެކުގައި ކަމާބެހޭ ފަރާތަށް މައްސަލަ ހުށަހަޅަން ވާނެ" ނިހާންގެ ވާހަކަފުޅުގައި ފާހަގަ ކުރައްވާފައިވެއެވެ.

ރިޔާސީ އިންތިޚާބަށް 4 ދުވަހަށް ވެފައިވާ މިދަނޑިވަޅުގައި މިހާން މިފަދަ ގޮތަކަށް ވާހަކަފުޅު ދައްކަވާފައިވާއިރު، އައިޑީ ކާޑް ބޮޑު އަގުގައި ގަންނަމުންދާ ވާހަކަ މިހާރު ދެކެވެންވަނީ ފަށާފައެވެ، އަދި ކޮންމެ އިންތިޚާބަކާ ދިމާކޮށް ވޯޓް ގަންނަން މަސައްކަތް ކުރާ ވާހަކައަކީ އާއްމު ވާހަކައެކެވެ.

ނިހާންގެ ވާހަކަފުގައި އިދިކޮޅު ކޯލިޝަންއަށް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެެވެ. އެގޮތުން އެމްޑީޕީން ވޯޓެއް ލިބޭތޯ އެބޭފުޅުންގެ މެނިފެސްޓޯގައި ބައެއް ކަންތައްތައް ހިމަނާފައިވާ ކަމަށާއި މިގޮތުން ދީނީ ބައެއްކަންކަން ހިމަނާފައިވާ ކަމަށް ނިހާން ވިދާޅުވިއެވެ. އަދި އެއީ އެމްޑީޕީގެ ސިޔާސަތެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

"ދީން ދެކެ ލޯބިވާ ޒުވާނުން ހިތް އުފާވާ ކަހަލަ ބައެއް ވާހަކަތައް ލިޔަން އެމްޑީޕީން މަސައްކަތް ކުރަމުން އެބަދޭ." ނިހާން ވިދާޅުވިއެވެ.

މީގެ އިތުރުން މިރޭ ދީނީ އިލްވެރިން ބައިވެރިވެވަޑައިގަންނަވާ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް ނިހާންވަނީ ހުރިހާ ދިވެހިންނަށް ގޮވާލާފައެވެ. އަދި ރާއްޖެ ޓީވީން އެ މިމަންޒަރު ދުރަށް ދައްކަން ކެރޭނެތޯ ނިހާންވަނީ ސުވާލު ކުރައްވާފައެވެ.

ނިހާން ފާހަގަ ވެގެން ގޮސްފައިވަނީ ރާއްޖެ ޓީވީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވާ ބޭފުޅެއްގެ ގޮތުގައެވެ.