އެމްޑީޕީ ފުރަތަމަ އުފެދުނު ހަނދާންތައް އާކުރަން ހިންގަވާށެވެ. 2003 ވަނަ އަހަރުގެ ޖަލުގައި އީވާން ނަސީމް މަރާލާ، އަދި ޖެހިގެން އައި ދުވަހު ސިފައިން ބަޑި ޖަހާ އިތުރު ތިން މީހަކު މަރާލާ 17 މީހަކު ޒަހަމް ކޮށްލި ހާދިސާ އަކީ އެމްޑީޕީ އުފެއްދުމުގެ ވިސްނުން އުފަންވި ހިސާބެވެ. އެމްޑީޕީ އުފެދުނީ އެނިޔާވެރިކަމުން ސަލާމަތް ވުމަށެވެ.

އެމްޑީޕީ 2005 ވަނަ އަހަރު އުފައްދާ، ޕާޓީގެ ވިސްނުމާއި ފިކުރު ވިއްކުމަށް އެމްޑީޕީ އިން ދެއްކި ވާހަކަ އަކީ އީވާން ނަސީމްގެ މަރުގެ ވާހަކަ އާއި ޖަލުގައި މީހުންނަށް އަނިޔާކޮށް މެރި ވާހަކަ އެވެ. އެކަމުގެ ޒިންމާ އޭރުގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމާއި އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް އާދަމް ޒާހިރު އުފުއްލަވަން ޖެހޭނެ ވާހަކަ އެވެ.

ޖަލުގައި ކުރާ އަނިޔާތަކުގެ ވާހަކަ ދެއްކުމުގައި އެމްޑީޕީ އިން އަވަދިނެތި އުޅެނިކޮށް 2007 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި މާލޭގެ ފަޅު ތެރޭގައި ޒުވާނަކު މަރުވެފައި އޮއްވާ ފެނުނެވެ. އެއީ ފުލުހުންގެ ބަންދުގައި ހުއްޓާ ދޫކޮށްލި ހުސައިން ސޮލާހް ކިޔާ ޒުވާނެކެވެ. ފުލުހުންގެ ބަންދުން އޭނާ ދޫކޮށްލި ފަހުން އާއިލާގެ އެއްވެސް މީހަކާއި ބައްދަލު ވެފައެއް ނުވެއެވެ. ފެނުނީ މޫދު ތެރޭގައި މަރުވެފައި އޮއްވައެވެ.

އެމްޑީޕީ އަށް ހީވީ އީދު އައި ހެންނެވެ. ސޮލާހް މަރާލީ ފުލުހުން ކަމަށް ބުނެ އެމްޑީޕީ އިން ތެދުވިއެވެ. ސޮލާހްގެ ހަށިގަނޑު ވަޅުލުމަށް އާއިލާ އިން ވެސް ދެކޮޅު ހެދިއެވެ. ފުރަތަމަ ފަހަރަށް ދިއްވެއްސެއްގެ ޕޯސްޓްމޯޓަމް ހަދަން ޖެހުނެވެ. ސޮލާހްގެ ހަށިގަނޑު ސްރީލަންކާ އަށް ގެންގޮސް ޕޯސްޓްމޯޓަމް ހަދައިގެން ގެނައެވެ. ސޮލާހްގެ ހަށިގަނޑު މާލެ ގެނައުމުން އާއިލާ އިން ހަވާލެއް ނުވިއެވެ. އޭނާގެ ހަށިގަނޑު ވަޅުލީ ސަރުކާރުންނެވެ.

ޕޯސްޓްމޯޓަމް ރިޕޯޓުން ދެއްކީ ސޮލާހް މަރުވީ ގެނބިގެން ކަމަށެވެ. ނަމަވެސް އެމްޑީޕީ އިން އެވާހަކަ ގަބޫލެއް ނުކުރެއެވެ.

އެމްޑީޕީގެ ވެރިކަމެއްގައި ސޮލާހްގެ މަރުގެ ހަޤީޤަތް ހޯދާނެ ކަމަށް އެމްޑީޕީ އިން 2008 ގައި ވައުދު ވިއެވެ. އީވާން ނަސީމާއި ޖަލުގައި ދެން މަރާލި އެހެން މީހުންނަށް ހަޤީޤީ އިންސާފު ހޯދައި ދޭނެ ކަމަށް ވައުދު ވިއެވެ.

ނަމަވެސް ކަންތައް ވެގެން ދިޔައީ ކިހިނެއް ހެއްޔެވެ؟ އެމްޑީޕީ އިން 2008 ވަނަ އަހަރު ވެރިކަމަށް އައިސް ކުރީ ކޮން ކަމެއް ހެއްޔެވެ؟ އޭގެ ކުރިން މަރުވި އެންމެ މީހެއްގެ މަރުގެ ހަޤީޤަތް ހޯދަން ވެސް ކުރެވުނު ކަމެއް އޮތް ހެއްޔެވެ؟ ނެތެވެ.

ސޮލާހްގެ ޕޯސްޓްމޯޓަމް ރިޕޯޓްގެ މައުލޫމާތު މީޑިއާ އަށް ދެއްވީ އެމްޑީޕީގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ޑރ.އަހްމަދު ޝަހީދެވެ. ރައީސް މައުމޫންގެ ސަރުކާރުން ސޮލާހްގެ މަރާއި ގުޅޭ އެއްވެސް ކަމެއް ސިއްރު ކުރިނަމަ އެކަން އެންމެ ރަނގަޅަށް އެނގޭނެ ބޭފުޅަކީ ޑރ.ޝަހީދެވެ. ނަމަވެސް ޑރ.ޝަހީދު އެމްޑީޕީ ސަރުކާރުގައި ވެސް ސޮލާހްގެ މަރާއި ގުޅޭ އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ. މާނައަކީ ސޮލާހްގެ މަރާއި ގުޅިގެން ސަރުކާރުން ސިއްރުން ކޮށްފައިވާ އެއްވެސް ކަމެއް ނެތެވެ.

އެމްޑީޕީގެ ވެރިކަމުގައި ސޮލާހްގެ މަރުގެ މައްސަލަ އަލުން ތަޙްޤީޤު ނުކުރީ އަލުން ތަޙްޤީޤު ކުރާނެ އެއްޗެއް ނެތުމުންނެވެ. އީވާން ނަސީމްގެ މައްސަލަ އާއި ޖަލުގައި ބަޑި ޖެހި މައްސަލަ އަލުން ތަޙްޤީޤު ނުކުރީ އެމައްސަލަަތައް އަލުން ތަޙްޤީޤު ކޮށްގެން ވަކި އިތުރު ބައެއްގެ މައްޗަށް ކުށް ސާބިތު ނުކުރެވޭނެތީއެވެ.

ކުރިން ސޮލާހްގެ މަރުގެ ވާހަކަ އާއި އީވާން ނަސީމާއި ޖަލުގައި ބަޑި ޖެހި ހާދިސާގައި މަރުވި މީހުންގެ ވާހަކަ އެމްޑީޕީ އިން ދެއްކީ ރައްޔިތުން ޖަޒުބާތުގައި ޖައްސައިގެން ވެރިކަން ހޯދާށެވެ.

ދެން މިއަދު މިފެންނަނީ ކޮން މަންޒަރެއް ހެއްޔެވެ؟ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ވަނީ ގެއްލިފައެވެ. އޭނާ ގެއްލުނު ހާދިސާގައި ޝާމިލްވާ މީހުން ހޯދެން ޖެހޭނެއެވެ. އެކަމުގައި ޝާމިލްވާ މީހުންނަށް ޙައްޤު އަދަބު ވެސް ދޭން ޖެހޭނެއެވެ.

ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލުމަށް ފަންޑް ކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަކީ ކޮންމެ ދިވެހި ރައްޔިތަކު ވެސް ކުރަން ބޭނުންވާނެ ކަމެކެވެ.

ނަމަވެސް ހެއްކެތް ނެތި، ޝަރީޢަތެއްގައި ބައެއްގެ މައްޗަށް ކުށެއް ސާބިތު ކުރުމަކީ އެއްވެސް ސަރުކާރަކަށް، އެއްވެސް ފުލުހުންގެ ކޮމިޝަނަރަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ރާވައިގެން ކުރާ ކުށްތަކުގެ އަޑި ހޯދުމަކީ މުޅި ދުނިޔެ އަށް ބެލި ނަމަވެސް އެއްވެސް ފުލުހުންގެ އިދާރާ އަކަށް ފަސޭހައިން ކުރެވޭނެ ކަމެއް ނޫނެވެ. އެންމެ ވަސީލަތްތައް ގިނަ އެމެރިކާގައި ވެސް، އެންމެ ކުރިއަރާފައި އޮތް ޔޫރަޕްގައި ވެސް ކަން އޮތީ މިހެންނެވެ.

މިއަދު އަނެއްކާވެސް އެމްޑީޕީ އިން މަރުގެ މައްސަލަތަކެއްގެ ވާހަކަ ދައްކައިގެން، ރައްޔިތުންގެ ލޭ ކައްކުވަމުން ގެންދަވަނީ އެމްޑީޕީގެ ހަޤީޤީ ކެމްޕޭން ތަކުރާރު ކުރުމުގެ ގޮތުންނެވެ. އެއީ ރައްޔިތުން ޖަޒުބާތުގައި ޖެއްސުމަށް ކުރާ ކަމެކެވެ. އެކަން އެމްޑީޕީ އިން އީވާން ނަސީމް މައްސަލައި ކަންތައް ކުރި ގޮތާއި، ޖަލުގައި ބަޑި ޖެހި ހާދިސާގައި މަރުވި މީހުންގެ މައްސަލައިގައި ކަންތައް ކުރި ގޮތާއި، ސޮލާހްގެ މަރުގެ މައްސަލައިގައި ކަންތައް ކުރި ގޮތުން އެނގޭނެއެވެ.

ރިލްވާން ހޯދަން އެންމެ ބޭނުން ވާނީ މިސަރުކާރުންނެވެ. އެއީ ރިލްވާން ނުފެނި ހިނގާ ކޮންމެ ދުވަހަކީ ސަރުކާރަށް ޕްރޮޝަރު އިތުރުވާ ދުވަހަކަށް ވާތީ އެވެ. ރިލްވާންގެ މައްސަލައިގައި ޝާމިލްވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް އެމީހުންނަށް އަދަބު ދިނުމަށް އެންމެ ބޭނުން ވާނީ މިސަރުކާރުންނެވެ. އެއީ އެމީހުން މިނިވަން ވުމަކީ މިސަރުކާރަށް ފާޑުކިޔުން އަމާޒު ވާނެ ކަމަކަށް ވާތީ އެވެ.

އަފްރާޝީމްގެ ގާތިލަށް މަރުގެ އަދަބު ދިނުމަށް ސަރުކާރުން ބޭނުންވާ ފަދައިން އަފްރާޝީމް އަވާހާރަ ކޮށްލަން ފަންޑް ކުރި މީހުންނަށް އަދަބު ދިނުމަށް ވެސް އެންމެ ބޭނުން ވާނީ މިސަރުކާރުންނެވެ. އެއީ ފާޑުކިޔާ މީހުން ކުރިމަތި ކުރާ ތުހުމަތުތަކުން ބަރީއަ ވެވެން އޮތީ އެކަން ކޮށްގެން ކަމަށް ވާތީއެވެ.

ނަމަވެސް ހެއްކެތް ނެތި މިއިން އެއްވެސް ކަމެއް ސާބިތު ކުރާނީ ކިހިނެއް ހެއްޔެވެ؟ ނެތް ހެއްކެތް ފުލުހުން ނަމަވެސް ނުވަތަ އެހެން ބަޔަކު ވެސް ހޯދާނީ ކިހިނެއް ހެއްޔެވެ؟

ދެން އެމްޑީޕީ އިން 2008 ގައި ބުނީ އޭރު ޖަލުގައި ތިބި މީހުންނަކީ ބޭއިންސާފުން ޖަލަށް ލާފައި ތިބި މީހުން ކަމަށެވެ. ވެރިކަން ލިބުމާއި އެކު ގައިދީންނަށް އަފްއާމެއް ދޭނެ ވާހަކަ އެވެ. މިއަދު ވެސް ދައްކަނީ އެވާހަކައެވެ. ނަމަވެސް އެހެން ރާގެއްގައެވެ.

ޤާނޫނުތައް ހަދާ ކޯޓުތައް ގާއިމް ކޮށްގެން މިތިބީ އެކޯޓުތަކުން ކުރާ ވަކި ބާވަތެއްގެ ޙުކުމެއް، ނުވަތަ ވަކި ބައެއްގެ މައްޗަށް ކުރާ ޙުކުމެއް ތަންފީޒު ކުރަން ހެއްޔެވެ؟

އިބޫ އަށް ވެރިކަން ލިބުނު ނަމަވެސް އޮތީ މާޒީ ތަކުރާރު ވުމެވެ. އީވާން ނަސީމާއި، ހުސައިން ސޮލާހްގެ މަރުގެ ތަޙްޤީޤުގައި ފަހުން ބަލާނެ ކަމެއް ނެތް ފަދައިން ރިލްވާން ގެއްލުނު ހާދިސާ އާއި އަފްރާޝީމްގެ މަރުގެ މައްސަލައިގައި ވެސް ފަހުން ބަލާނެ ކަމެއް ނެތް ކަމަށް ނިންމާ ފައިލް ލައްޕާލާނެއެވެ. 2008 ގައި ވެރިކަން ލިބުމުން ގައިދީންނަށް ހެދިގޮތް މިއަދު ވެރިކަން ލިބުނަސް ގައިދީންނަށް ހަދާނެއެވެ. ކޮންމެ މީހަކަށް ވެސް ވާހަކަ ދެއްކި ދާނެއެވެ. އަމަލުން އެކަން ދެއްކުމުގައި އެމްޑީޕީ އޮތީ ފެއިލް ވެފައެވެ.

މިއީ ބުއްދީގެ ތަރާދުން ވިސްނާ ފިކުރުކޮށްލުމުން ހަމަ ކޮންމެ މީހަކަށް ވެސް އެނގޭނެ ކަންތައްތަކެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ނަން

    ދެން ވަކި މިސަރުކާރުގައި ވި އެއްވެސް ކަމެއް އެބޮތްތަ؟

    • ބޮޑުގަމާރު

      އެހެންވެޔާ ގަމާރާ، ނުވާކަންތަކުގެ ވާހަކަ ތިޔަނުބައި އިދިކޮޅުން ދައްކަނީ ބޮޑު ސިޔާސީ ހަތިޔާރެއްގެ ގޮތުގައޭ ނޫންތަ ލިޔުންތެރިޔާ އެބުނަނީ! ރީނދޫ ހުންޖެހުމާއެކު ވިސްނުމާ ފިކުރުކުރުމުގެ ޢިލްމުވެސް ހަވަޔަށް ފަޒާޔަށް!

    • އާދަނު

      މިސަރުކާރުން ވީކަންތަކަކީ ރަށްޔިތުން ތަރަށްގީ އަށް މަސަކަތް ކުރީ އެއޮތީ ބުރިޖް އަޅާފަ ދުނިޔޭގެ ފެންވަރުގެ ރަންވޭއެއް، އެތައް ބައިވަރު އެއާޕޯޓެއް ރަށްރަށުގެ ނަރުދަމާ ބަނދަރު ކަރަންޓު އަގުހެޔޮވި ހުޅުމާލެ ސެކަންޑް ފޭސް މިހެން ގޮސް ކިތެންމެ ކަމެއް

  2. އަސްލު

    މިރިޕޯޓުގަ މިއޮތީ ހަގީގީވާހަކަ

  3. ޒަކީ

    އިބޫ ނުހޮވޭނެ! ހޮވޭނީ ހަމަ ޔާމީން އިން ޝާ އަﷲ!

  4. ވަގުތު

    ވަގުތު ޖެހެނީ!!!! ދެން ލަލަލާ

  5. ތިމަންނަ

    ވެރިކަމަށް ބޫތް ކައިފަ !

  6. ފާތިމާ

    މިސަރުކާރަކީ އަނިޔާވެރި ސަރުކާރެއްނޫން . ޢެމްޑީޕީ އަކީ އަބަދު ވެސް ދޮގުވާހަކަ ފަތުރާ ދިވެހިންގެ ތެރޭ ފިކުރީ ހަނގުރާމަ ކުރާބައެއް އިންޝާ ﷲ . މި ގައުމުގެ ވެރިކަމަ ކަށް އެމްޑީޕީ އަކަށް ނާދެވޭނެ މާތް ﷲ އެއަށްވުރެމާމަތވެރިވެވޮޑިގެންވޭ އެމްޑީޕީ ގެ ބައިގަނކީ އިސްލާމް ދީނަށް އަދާވަތްތެިބައެް އެކަން އޮތީ މާޒީގަ ދިވެހިންނަ ފެނިފަ އިންޝާ ﷲ ރަޢީސް ޔާމީން މިމަހުު 23 ނަގާވޯޓުން ފުރިހަ އަގުލަބީ އަތުން ހޮވޭނެ.

  7. ހުކުރު ދުވަހުގެ ހެއުއެމާއި ތަހްނިޔާ ދަންނަވަން

    ރުހުމުގެ ލޮލަކަށް އަބެއް ނުފެންނާނެ އެވެ ޔަހޫދީން ފަލަސްތީނުގެ ބިންތައް ފޭރިގަންނަތަން ބަލަން މުސްލިމުން މިޖެހެނީ ތިބޭށެވެ ދުނިޔޭގެ ބާރުގަދަ ގައުމުތަކުން ޔަހޫދީ ދައުލަތެއް ދަމަހަށްޓަނީއެވެ މިކުޑަކުޑަ ގައުމަށް ވެސް ނުލަފާ ޔަހޫދީން ބޭނުން ވެގެން އުޅެނީ ވެސް އެގޮތް ހަދާށެވެ ﷲ سبحانه وتعالى މި ދިވެހިރާއްޖެ ރައްކާތެރި ކުރަށްވާށި امين

  8. ބޭބެ

    އަނިޔާ ނުކުރާނަމަ އެވާހަކަ ދައްކާނެ ފުރުސަތެއް ނުލިބޭނެއެވެ.

    • އިންމަބެ

      ދޮގު ހަދާމީހުންނެއް ނޫޅޭނެތާ ތިހެންވެއްޖެއްޔާ.. މީހަކު ވގެކޭ ބުނީމަ ވަގުތުން ޖަލަށްވެސް ލާންވީ ދޯ ތިހެންވިއްޔާ.. ނުކިޔަވާހުރި ވެރިއެއް ހޮވަން އުޅޭނީ ނުކިޔަވާ ތިބިމީހުން.. މިގޮތައް ނުކިޔަވާ ހުރީމަ ވިސްނިދާނެ.. ލޮލް

    • އާދަނު

      ކޮބާތަ ވި އަނިޔާއަކީ ކޮންތާކަށް ތަދުވީ، އަނިޔާވާ ފަރައި ތަކަށް ވަރުވަރުން އެހެރީ ހޮސްޕިތަލް އަޅާފަ ގޮސް ދަކަބަލަ ގައިމު އާސަންދަ ވެ މުޅިން ހިލޭ ޓްރީޓޮޕް ގަ ވެސް އާސަންދަ ހުޅުވާލައިފި

  9. މ
  10. ވިސްނޭމީހާ

    މި އެމް.ޑީ.ޕީ ގެ ލީޑަރުންނަށް އިސްރޭލްއަކީ އަނިޔާވެރިބައެއްކަމަކަށް ނުފެނުނު. ޢެހެންވެ އެމީހުނާ ގުޅުން ބަދަހިކުރީ. މިހާރު މަށައް "އަނިޔާވެރި" މިބަހުގެ މާނަ އޮޅިއްޖެ.

  11. އިންމަބެ

    ތެދު ވާހަކަ..ފުރިހަމަ އާޓިކަލްއެއް

  12. ޓަވަރު

    ކޮބާހޭ އީވާން ނަސީމްގެ ވާހަކަ؟ މިއަދު މައުމޫނު އޯކޭ!

  13. ޒުލް ޒުލް

    ޢެމް ޑީ ޕީ އަކީ އަބަދުވެސް މަކަރާ ޙީލަތުން މީހުން ގެ ބޯ ކައިގެން އެމީހުންގެ

  14. ޥޭކަޕް

    ދުނިޔޭގަ އޮންނާނީ ދެވައްތަތެއްގެ ވެރިކަން އެއްވައްތަރަކީ ސިންގާގެ ވެރިކަން އެއީ ފާޅުގަ މަކަރެއްހީލަތެއްނެތި ސީދާކުރިމަތިލާގެން ކަންކުރުން ދެން އޮންނާނީ ހިޔަޅުގެ ވެރިކަން އެއީ ސީދާ ޔަހޫދީ ޢައިރުމުސއލިމުން އިސްލާމީ ގައުމުތައް އަޅުވެތިކުރުމަށް ރާވާރޭވުންތަށް މަކަރާހީލަތުން ވެރިކަން ހޯދުން ހިޔަޅުގެ ސިފަޔަކީ އމޑޕގެ ސިފަ މަކރާހީލަތުން ސެކިއުލާ ކުރިސއޓިއަން ޔަހޫދީ ދީންފެތުރުން އމޑޕ.ވެރިކަމށް އައުމުގެ އެންމެ ބޮޑު މަގުސަދަކީ މީ ހަގީގަތް ﷲގަންދީހުވާކޮއްހަ މިބުނަނީ މޑޕ އަކީ ނަސީދު ނަސީދުގެ ފިކުރަކީ ލާދީނީ ސެކިއުލާ ފިކުރު ދިވެހި މުސްލިމު އަހުންނާ އުޚުތުންނަށް ހެޔޮވިސްނުން ދެއްޥާށި އާމީން އާމީން