އައްޑޫ ސިޓީ އަށް މޫސުން ވަރަށް ބޮޑަށް ގޯސްވެ، އަދި ކުރިއަށް އޮތް ވަގުތުތަކުގައި ހުއްޓާ ނުލާ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިންދާ އިން އައްޑޫ ސިޓީ އަށް ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 08:30 އިން 11:30 އަށެވެ.

ރޭ 20:00 ގައި މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ނެރެފައިވާ ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާ ގޮތުގެ ބަޔާނުގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ގުގުރުން އެކަށީގެންވާ ކަމަށެވެ.

ދެކުނާއި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވެސް އެއިދާރާ އިން ވިދާޅުވެފައި ވެއެވެ.

ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެނުނާއި ހުޅަނގުން ގަޑިއަކު 8 މޭލާ 16 މޭލު ދެމެދުގެ ބާރުމިނުގައި، އެހެންހިސާބުތަކަށް ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ ވިދާޅުވެފައެވެ.

ހުރިހާހިސާބެއްގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެފައި ވެއެވެ.