ރައީސް އަބްދުﷲ ޔާމީންގެ ދިހަ އަހަރުގެ ދައުރު ނިމޭއިރު، ދިވެހި ރާއްޖޭގެ ސިއްހީ ނިޒާމްވެގެން ދާނީ މި ސަރަޙައްދުގެ ގައުމުތަކަށް ގޮންޖަހާލާނެ ފަދަ ތަނަވަސް ބޭސްފަރުވާގެ ނިޒާމަކަށް ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ހޮސްޕިޓަލްގައި އެމްއާރްއައި ހިދުމަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ނާޒިމް ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ދެވަނަ ދައުރުގައި، އެތައް އާ ހިދުމަތްތަކެއް އަތޮޅުތަކުގެ ހޮސްޕިޓަލްތަކަށް ގެންނަވާނެ ކަމަށެވެ. އަދި އެމްއާރްއައި ފަދަ ހިދުމަތްތައް ހޮސްޕިޓަލްތަކަށް ފުޅާވެގެން ދާނެ ކަމަށެވެ.

"އެހެންވީމަ ރައީސް ޔާމީންގެ ދިހަ އަހަރު ނިމޭއިރު، ރާއްޖޭގެ ހެލްތް ސެކްޓަރ ވާނީ ޑައިގްނޮސްޓިކް ފެސިލިޓީސް އާބާދީގެ ނިސްބަތަށް ބަލާއިރު، އެންމެ ތަނަވެސް އެންމެ ފަސޭހައިން ލިބެން ހުރި، އެންމެ ހެޔޮއަގުގައި ލިބެން ހުރި އެއް ގައުމަށް" މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ހެލްތް މިނިސްޓަރ ނާޒިމް ވާހަކަ ދައްކަވަނީ - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ނާޒިމް ވިދާޅުވީ، ރައީސްގެ ވިސްނުންފުޅަކީ މުޅި ސިއްޙީ ދާއިރާ ޓްރާންސްފޯމް ވެގެންދާއިރު ރާއްޖެއިން ލިބޭ ސިއްހީ ހިދުމަތްތަކަކީ މި ރީޖަންގެ އެންމެ ރަނގަޅު ހިދުމަތްތަކަށް ވެގެން ދިއުން ކަމަށެވެ.

"މި ރާއްޖޭގައި ހުރި ހޮސްޕިޓަލްތަކަކީ އެންމެ ހިތްގައިމު ހޮސްޕިޓަލްތަކަށް ވެގެންދިއުން. މި ރާއްޖޭގެ ރައްޔިތުންނަކީ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާން ޖެހޭ ނިސްބަތް ވަރަށް ބޮޑަށް މަދުކުރެވިފައިވާ އާބާދީއެއް އޮތް ރައްޔިތުންނަަކަށް ވެގެން ދިއުން" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވިގޮތުގައި، ރައީސް ޔާމީން ބޭނުންފުޅު ވަނީ ރައްޔިތުން އިތުބާރު ކުރާފަދަ ސިއްހީ ނިޒާމެއް ރާއްޖޭގައި އޮންނަތަން ދެކޭށެވެ. އޭގެ މާނައަކީ ރާއްޖޭގައި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތުގެ ނިޒާމެއް ގާއިމްފައި އޮތުންކަން މިނިސްޓަރ ނާޒިމް ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއިން ބޭރަށް ސިއްހީ ފަރުވާއަށްދާ މީހުންގެ އަދަދު މަދު ކުރުމަކީވެސް އެމަނިކުފާނު ބޭނުންވެލައްވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ހެލްތް މިނިސްޓަރ ނާޒިމް ވާހަކަ ދައްކަވަނީ - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ނާޒިމް ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތް ނިމި، މިހާރު އެތަނުގެ އެންމެ ފަހު މަރުހަލާގެ މަސައްކަތް ކުރަމުން އަންނަަ ކަމަށެވެ. އަދި އެ ހޮސްޕިޓަލްގައި އެމްއާރްއައި މެޝިނެއް ބެހެއްޓިގެން ދާނެ ކަމަށާއި، އައްޑޫ ސިޓީ ހޮސްޕިޓަލްގައިވެސް އެންމެ ފަހު މަރުހަލާގެ މަސައްކަތްތައް ކުރަމުންދާއިރު، އެ ހޮސްޕިޓަލްގައިވެސް އެމްއާރްއައި މެޝިނާއި، ސީޓީ ސްކޭން އަދި ޑައިގްނޮސްޓިކް ޚިދުމަތްތައް ބެހެއްޓިގެން ދާނެ ކަމަށެެވެ.

އަދި ކުޅުދުއްފުށީ ހޮސްޕިޓަލްގެ އެކްސްޓެންޝަން މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

"އެހެންވީމަ ރައީސް އަބްދުﷲ ޔާމީންގެ ވޭތުވެދިޔަ ފަސް އަހަރުގެ ހެލްތް ސެކްޓަރގެ ވައުދުތައް އެމަނިކުފާނުގެ ދައުރު ނިމޭއިރު، ފުރިހަމަވެ ނިމިފައި ހުންނާނީ. އިރާދަކުރެއްވިއްޔާ ދެން އަޅުގަނޑުމެން ތައްޔާރުވާނީ، ރައީސް ޔާމީންގެ ސިއްހީ ވައުދުތަކުގެ ދެވަނަ ފަސް އަހަރު ކުރިމަތި ލާނީ ދިވެހި ރައްޔިތުންނާއި ވަރަށް ބޮޑެތި އުއްމީދުތަކެއް ގެނެސްދިނުމަށް" ނާޒިމް ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލްގެ ދެވަނަ ފޭސްގެ މަސައްކަތް ނިމިގެންދާއިރު، 500 އެނދުގެ ހޮސްޕިޓަލް 800 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުވެގެން ދާނެ ކަމަށެވެ.