ރިޔާސީ އިންތިހާބު ގާތް ވެފައިވާއިރު، މިފަހަރުގެ އިންތިހާބުގައި ވާދަކުރައްވާ ދެ ކެނޑިޑޭޓުން ވެސް މިވަނީ އެ ކެނޑިޑޭޓެއްގެ މެނިފެސްޓޯ އާންމުކޮށްފައެވެ.

އެގޮތުން ކެނޑިޑޭޓް ނަންބަރު އެކެއްގެ ގޮތުގައި މިފަހަރު ވާދަ ކުރައްވާ ރައީސުލް ޖުމްހުރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްގެ މެނިފެސްޓޯގައި ތައުލީމީ ދާއިރާއަށް ދެއްވަވާފައިވާ އަހަންމިއްޔަތު ކަމަށް ބަލާލާއި ކުރުގޮތަކަށް ލިޔެލާނަމެވެ.

ރައީސްގެ މިވީ ފަސް އަހަރުގެ ތެރޭގައި ތައުލީމީ ދާއިރާއަށް ކުރިއެރުންތަކެއް ހޯދައިދިނުމުގެ ގޮތުން ތައުލީމީ ނިޒާމް ޑިޖިޓަލައިޒް ކޮށްފައިވާއިރު، ރާއްޖޭގެ ހުރިހާ ކިޔަވާ ދަރިވަރުންނަށް ރަނގަޅު ފެންވަރެއްގެ ތައުލީމެެއް ފޯރުކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް މިހާރުވެސް ދަނީ ކުރަމުންނެވެ.

ރައީސް އަބްދުﷲ ޔާމިންގެ ޕީޕީއެމް ސަރުކާރުން ވަނީ އެެއްވެސް ކުއްޖަކު ބާކީ ކުރުމެއްނެތި ކިޔަވައިދިނުމުގެ ސިޔާސަތު ވަނީ ފައްޓަވާފައެވެ. މި ސިޔާސަތުގެ ތެރެއިން ދަރިވަރުން އިމްތިހާނުތަކުން ހޯދާ ނަތީޖާ ކުރިއަށް ވުރެ ރަނގަޅުކޮށް، ފާސްވާ ނިސްބަތް އިތުރުކޮށް ކުރިމަގުގައި އެ ކުދިން ޚިޔާރު ކުރާ ދާއިރާއަކުން މަސައްކަތުގެ މާހައުލަށް ތަމްރީނުކުރުން ފަދަ ކަންކަން ހިމެނެއެވެ. އަދި ސްކޫލް ދައުރު ނިމިގެން ދަރިވަރުން ސްކޫލުން ވަކިވާއިރު، ވަޒީފާ ދޭ އެންމެހާ ފަރާތްތަކުން ބޭނުންވާ ހުނަރާއި ގާބިލްކަން ހުރި ދަރިވަރުންތަކަކަށް އެ ދަރިވަރުންތައް ހެދުމަށާއި އެ ކުދިންނަކީ ވަށާ ޖެހޭ ތައުލީމެއް ލިބިފައިވާ ހުނަރުވެރި ކުދިންތަކަކަށް ހެދުމަށްވެސް މި ސިޔާސަތުގެ ތެރެއިން މަސައްކަތް ކުރެއެވެ.

މި ކަންތައްތަކުގެ އިތުރަށް ދެވަނަ ދައުރަކަށް ރައީސް އަބްދުﷲ ޔާމިން ހޮވި ވަޑައިގަނެއްޖެ ނަމަ، އެ މަނިކުފާނު ވަނީ ތައުލީމީ ދާއިރާއަށް އިތުރު ކަންތައްތަކެއް ކޮށްދިނުމަށް ވައުދުވެ ވަޑައިގަނެފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

މިހާރު ސަރުކާރުން ދެމުންދާ ސްކޮލާޝިފްގެ ފުރުސަތުތައް ދެ ގުނައަށް އިތުރު ކުރުން

މެލޭޝިއާ ސަރުކާރުގެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އެޑިއުކޭޝަން ގްލޯބަލް ސާވިސަސް (އީއެމްޖީއެސް) އިން މިދިޔަ ޖެނުއަރީ މަހު ރާއްޖެ އަށް ދިން 500 ސްކޮލަޝިޕްގެ ދަށުންވެސް މި ދިޔަ މަހުގެ ތެރޭގައި 250 ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލައިފައިވާއިރު، މި އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައިވެސް ވަނީ 250 ސްކޮލާޝިޕް ފުރުސަތު ހުޅުވާލާފައެވެ.

ސްކޫލް ތަކުގެ ޕްރިންސިޕަލުން ތަމްރީނު ކުރުމުގެ ގޮތުންވެސް 30 ޕްރިންސިޕަލުންނަށް މެލޭޝިއާގެ ޔުނިވަރސިޓީގައި، މާސްޓަރސް އޮފް އެޑިއުކޭޝަނަލް މެނޭޖްމެންޓް އެންޑް ލީޑަރޝިޕްގެ ރޮނގުން ކިޔެވުމުގެ ފުރުސަތު ވަނީ ޖޫން މަހުގެ ތެރޭގައި ހުޅުވާލައިފައެވެ.

އަދި 2017 ވަނަ އަހަރުން ފެށިގެން، ސާނަވީ އިމްތިހާނުތަކުން މަތީ ވަނަތައް ހޯދާ ދަރިވަރުންނަށް ސަރުކާރުން ސްކޮލާޝިޕްގެ ގޮތުގައި ހިލޭ މަތީ ތައުލީމު ފޯރުކޮށްދިނުމުގެ މަގުވެސް ވަނީ މިވީ ފަސް އަހަރު ތެރޭގައި ހުޅުވާލައިފައެވެ.

ޒަކާތުން ލިބޭ 10 މިލިއަން ރުފިޔާ ސްކޮލާޝިޕްތަކަށް ޚަރަދުކުރާއިރު، މެލޭޝިޔާ، ފިލިޕީންސް، ތައިލޭންޑް އަދި އިންޑޮނޭޝިއާ ފަދަ ގައުމުތަކުން ކިޔެވުމުގެ ފުރުސަތު ވެސް ވަނީ ފަހިވެފައެވެ.

ޒަކާތު ފަންޑުގެ ސްކޮލާޝިޕް އަށް މިއަހަރު ޖުމްލަ 73 ފުރުސަތު ހުޅުވާލާއިރު، އޭގެ ތެރެއިން އިމާމުކަން ކިޔަވާ 20 ޖާގަ، އަރަބި މުދައްރިސް 10 ޖާގަ، އިސްލާމް، ދިވެހި ކޮންމެ މާއްދާ އަކަށް ފަސް ޖާގައިގެ ފުރުސަތު ހުޅުވާލާނެ ކަމަށް މީގެ ކުރިން އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެހެންކަމުން، ރައީސް ދެވަނަ ދައުރަކަށް ހޮވިއްޖެނަމަ މިހާރު ދެމުން އަންނަ ސްކޮލާޝިޕްތަކުގެ މިންވަރު ދެ ގުނަ އަށް އިތުރު ވެގެންދާނެ ކަމަށް ޕީޕީއެމް މެނިފެސްޓޯ ބުނެއެވެ.

މަތީ ތައުލީމްފެ ދާއިރާއިން ކުރިއަށް ނުދެވޭ ފަރާތްތަކަށް ހާއްސަކޮށްގެން ވޮކޭޝަނަލް އަދި ޓެކްނިކަލް ދާއިރާއިން ތަމްރީނު ހޯދުމަށް ސޮކްލާޝިޕްގެ ފުރުސަތު ފަހިކޮށްދިނުން

މިހާރުވެސް މޯލްޑިވްސް ޕޮލިޓެކްނިކް އާއި ޓިވެޓް އޮތޯރިޓީ ފަދަ ބައެއް އިންސްޓިޓިއުޓްތަކުން ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާއިން ކިޔެވުމުގެ ފުރުސަތު ދަރިވަރުންނަށް ލިބިދޭއިރު، ދެވަނަ ދައުރަކަށް ހޮވިއްޖެނަމަ މިފަދަ ދާއިރާތަކުން ތަމްރީނު ހޯދުމަށް ސްކޮލާޝިޕްގެ ފުރުސަތު ފަހި ކޮށްދޭނެ ކަމަށް ޕީޕިއެމްއިން މިވަނީ ވައުދުވެފައެވެ.

ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅު ތަކުގައި ކިޔަވަމުންދާ ހުރިހާ ކިޔަވާ ކުދިންނަށް ބޭނުން ކުރެވޭނެ ޑިސްކަވަރީ ސެންޓަރުތަކާއި ސައިންސް ޕާކްތައް ހަދައި ސައިންސް، ޓެކްނޮލޮޖީ އިންޖިނޭރިން އަދި މެތްސް (ސްޓެމް) އިތުރަށް ހަރުދަނާކުރުން

ކަނޑުގެ ދިރުންތަކާއި ގުޅޭ މައުލޫމާތުތަކާއި އެތަކެެތި ހިމާޔަތް ކުރުމަށް ހާއްސަ ކުރެވިގެން އެނބޫދޫ ލެގޫންގައި މެރިން ޑިސްކަވަރީ ސެންޓަރެއް ހެދުމުގެ މަސައްކަތް މިހާރުވެސް ބާރު ސްޕީޑެއްގައި ކުރިއަށް އެބަދެއެވެ.

އެހެންކަމުން ޕީޕިއެމް އިން ވައުދުވެފައިވަނީ އެ ޕާޓީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ، މިފަދަ ޑިސްކަވަރީ ސެންޓަރުތައް އިތުރަށް ހަރުދަނާ ކޮށް ގިނަ ކުރުމަށެވެ.

ދިވެހިރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ފޯރުކޮށްދެވޭ ތައުލީމީ ފެންވަރުގެ ތަފާތު ކުޑަކުރުމަށްޓަކައި ރާއްޖޭގެ ހުރިހާ ސްކޫލް ތަކާއި ދަރިވަރުންނާއި ޓީޗަރުން ގުޅުވާލަދީ އެއް ޕްލެޓް ފޯމެއްގައި އެއް ވަސީލަތްތަކެއް ބޭނުން ކުރުމުގެ ރާއްޖޭގެ އެންމެހައި ދަރިވަރުންނަށް ފޯރުކޮށްދިނުމަށް ލާރނިންގ މެނޭޖްމެންޓް ސިސްޓެމްތަކަށް އިންވެސްޓްކުރުން

މި ސިސްޓަމްގެ ސަބަބުން ދަރިވަރުންނާއި ޓީޗަރުންނާއި ދެމެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަ ވެގެން ގޮސް، ތައުލީމީ ދާއިރާއަށް އިތުރު ކުރިއެރުމެއް އަންނާނެއެވެ.

އުނގަންނައި ދިނުމާއި އުނގެނުމުގެ ފެންވަރު މިޙާރަށްވުރެ ފެންވަރު ތަރައްގީ ކުރުމަށްޓަކައި ބިޔޮންޑް ޕްރޮގްރާމްގެ ދަށުން ދަރިވަރުންނަށް ދޫކޮށްފައިވާ މޮބައިލް ޓެބްލެޓް ތަކުގައި ބޭނުންކުރުމަށް "އީ ބުކްސް" އާއި "އޮގްމެންޓެޑް ރިއަލިޓީ" އަދި "ވީ އާރް" ފަދަ ޒަމާނީ ރިސޯސަސް އުފައްދާ ތަރައްގީ ކުރުމަށް އިންވެސްޓް ކުރުން

ޑިޖިޓައިޒް މަޝްރޫއަށް ސަރުކާރުން 154 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިފައިވާއިރު، ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ޓެބްލިޓް ބޭނުންކޮށްގެން ކިޔަވައިދިނުމުގެ ސިޔާސަތު ސަރުކާރުން ދަނީ ކުރިއަށްގެންދަމުންނެވެ. އެގޮތުން މިހާރުވެސް ބައެއް ގްރޭޑް ތަކުގެ ދަރިވަރުން ކިޔެވުމަށް ޓެބްލެޓް ބޭނުން ކުރާއިރު، މީގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ދަރިވަރުންނާއި ޓީޗަރުން އަދި ބެލެނިވެރިން ވެސް ޓެބްލެޓަށް އަހުލުވެރި ކޮށްފައެވެ.

އެހެންކަމުން، ޕީޕީއެމް މެނިފެސްޓޯގައި ވާ ފަދައިން އެ ޕާޓީއަށް ދެވަނަ ދައުރަކުން ފުރުސަތު ލިިބިއްޖެނަމަ މި ޓެބްލެޓް ބޭނުން ކޮށްގެން ކިޔެވުމުގެ އަސާސް އިތުރަށް ހަރުދަނާ ކޮށް ތަރައްޤީ ކުރާނެއެވެ.

ޒަމާނީ މަންހަޖުތަކަށް ކިޔަވާދިނުމަށް ބޭނުންވާ ހުނަރު ދަސްކޮށްދީ، ޒަމާނީ ޓެކްނޮލޮޖީއަށް އަހުލުވެރިކުރުމަށް މުދައްރިސުން ތަމްރީނުކޮށް، މުދައްރިސުންނާއި ގަދަރު ލިބިގެންވާ ބަޔަކަށް ހަދައިދިނުން

މުދައްރިސުންނަށް ބޭނުންވާ ހުނަރާއި ތަމްރީނު ދިނުމަށްޓަކައި މިވީ ފަސް އަހަރު ތެރޭގައި އެތަކެއް ޕްރޮގްރާމްތަކެއް ހިންގިފައިވާއިރު، މިފަދަ ޕްރޮގްރާމް ތަކުގެ ސަބަބުން ޓީޗަރުންގެ ކިޔަވައިދިނުމުގެ ފެންވަރުވެސް ރަނގަޅު ވެފައިވާކަން ފާހަގަކުރެވެއެވެ. އަދި އާދައިގެ ޓީޗަރުންނެކޭ އެއްފަދައިން ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ ޓީޗަރުންނަށް ޙާއްސަކޮށްގެންވެސް ތަފާތު ޕްރޮގްރާމްތައް ވަނީ ހިންގިފައެވެ.

އެހެންނަމަވެސް ޓެކްނޮލޮޖީއާއެކު ކިޔަވައިދިނުމުގެ ވައްޓަފާޅިއަށް ބަދަލު އަންނަމުންދިޔުމާއެކު، ޓެކްނޮލޮޖީއަށް އަހުލުވެރިކަމާއެކު ކިޔަވައިދިނުމުގެ މަގު ފަހިކޮށްދިނުމަށް ޕީޕީއެމް އިން ވަނީ ވައުދުވެފައެވެ.

ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ބިގް ޑޭޓާ އެނަލިސިސް އަރޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ދަރިވަރުން ކިޔަވައިގެން ގެންގުޅޭ ސްޓައިލް ދެނަގަނެ، އެ ކުދިންގެ ކިޔެވުމަށް އެހީތެރިކަން ބޭނުންވާ ކަންތައްތަކަށް ހާއްސަކޮށްގެން ފަރުމާކުރެވިގެންދާނެ ޕްރޮގްރާމެއްގެ ތެރެއިން އެ ކުދިންނަށް ހިލޭ ޓިއުޝަން ފޯރުކޮށްދޭނަން

ހަމަ ގައިމުވެސް މިއީ މާލީ ނަޒަރަކުން ބަލާނަމަ ދަރިވަރުންގެ ބެލެނިވެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔަކަށް ވާނެއެވެ.

ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ޒުވާނުންނަށް ފަހިކޮށްދިނުމާއެކު، ވަޒީފާ ޔަގީން ކޮށްދޭ ޕްރޮގްރާމެއް ތައާރަފްކޮށް ހިންގުމަށް، ސިނާއަތްތަކާއި ތައުލީމީ ހިދުމަތްދޭ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރާނޭ ނިޒާމެއް ގާއިމުކުރުން. "ހަޔާޑް" ޕްރޮގްރާމްގެ ދަށުން ތަމްެރީނުވާ ފަރާތްތަކަށް، ތަމްރީނު ނިމުމާއެކު ވަޒީފާއި ކަށަވަރު ކޮށްދޭނަން

ވަޒީފާގެ ކަށަވަރުކަން ލިބުމަކީ ގައުމުގެ އިގްތިސާދީ ފެންވަރު ރަނގަޅުވެ، މީހުންގެ ދިރިއުޅުމުގެ ފެންވަރުވެސް ކުރިއަރާ ދާނެ ކަމެކެވެ. މިކަމުގެ ޔަގީންކަން މިވަނީ އަދުގެ ސަރުކާރުން ދެއްވާފައެވެ.

ޑިސްކައުންޓް ރޭޓެއްގައި ވައިގެ ދަތުރުތަކާއި ޕަބްލިކް ޓްރާންސްޕޯޓް ބޭނުން ކުރުމުގެ މަގު ދަރިވަރުންނަށް ފަހިކޮށްދިނުމަށް ސްޓޭޑަންޓް އޮފް ކާޑެއް ތައާރަފު ކުރުން

މިފަދަ ކާޑް ތަކުގެ ސަބަބުން ހަމަގައިމުވެސް ބޭރު ގައުމުތަކުގައި ކިޔަވަން ގޮސް އުޅޭ ދިވެހި ކުދިންނަށް ވަރަށް ފަސޭހަވާނެއެވެ. އަދި ރާއްޖޭގައިވެސް ސްކޫލް ކަމެއްގައި ޕަބްލިކް ޓްރާންސްޕޯޓް ކުރަމުން އަންނަ ދަރިވަރުންނަށް މާލީ ގޮތުން ބަލާއިރު، ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

ސްޓުޑެންޓް ލޯނު ސްކީމްގައި މިހާރު ދައްކަން ޖެހޭ އެޑްމިނިސްޓްރޭޓިވް ފީ އުނިކުރާނަން

މިއީ މިހާރުވެސް ވަރަށް ގިނަ ބައެއްގެ އެދުމެކެވެ. އެހެންކަމުން، ޕީޕީއެޕް އަށް ދެވަނަ ފަހަރަށް ވެރިކަން ލިބިއްޖެނަމަ މިފަދަ ލުއިތައް ލިބިގެންދާނެ ކަމަށް ޕީޕީއެމް މެނިފެސްޓޯގައި މިވަނީ ބުނެފައެވެ.

ކޮންމެއަކަސް، ދެވަނަ ދައުރަކަށް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ރައީސް އަބްދުﷲ ޔާމިން ހޮވިވަޑައިގަނެއްޖެނަމަ، ތައުލީމީ ދާއިރާއަށް ބޮޑެތި ކުރިއެރުއެރުން ތަކެއް ގެނައުމަށް ޕީޕީއެމުން މިވަނީ ވައުދުވެފައެވެ. މި ކުރިއެރުންތަކުގެ ސަބަބުން ތައުލީމީ ދާއިރާއަށް ބޮޑު އިންގިލާބެއް ގެނެވިދާނެ ކަމަށް ގަބޫލު ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ލާދީނީ

    ކަލޯ ޔާމިނޫ، ގދ.ތިނަދޫ މީހުން ތިބީ ހައްޕު...ކިޔާގެން ... ކަލޯ ތިނަދޫއަށް ގެނައި ތަރައްގީ މަމެން ދައްކާނަން ވޯޓުން. ކަލޯ ބަލަން ހުންނަށްޗޭ. ލާދީނީ ބައިގަޑަށް ވޯޓް ދޭކަށް މަމެން ނެތިން....ހޮވާނީ ރައީސް ޔާމީން... އެއްމެން 1 އަށް....ވަރަށް ސަލާމް.....

  2. ބޭބެ

    ތަރައްގީ އާއި ހަމަޖެހުމަށް!! ދީނާއި ގައުމުގެ ރައްކާތެރިކަމަށް!! އަމިއްލަވަންތަކަމާއި މިނިވަންކަމުގައި ދެމިއޮތުމަށް!!! އާންއެކޭ ބުނަންޖެހޭ!! 1✔️

  3. ޙަސަން

    رئيس الجمهوريّة عبداللّٰه يامين عبدالقيّوم ٢٠١٨ إن شاءاللّٰه

  4. ޒީ

    ސްޓޫޑެްޓް ލޯން ފްރީ ކޮށްދޭން ބުނިނަމަ ހަމަ ގައިމުވެސް ހޮވޭނޭ، ަދި ވަޤުތު އެބައޮތް އިސްލާޙް ކޮށްލަދީ އޭރުން ބޯކޮށް ވޯޓް ލިބޭނެ ޔަޤން

  5. މީ

    2015ގައި ސީއެޗްއެސްއީ ބަޔޯ-ކެމް ލެބޯޓަރީ ހުރި އިމާރާތް ހުސްކޮށް އާ ސައިންސް ލެބް ހަދަން ފޮނި ހުވަފެން ތަކެއް ދައްކާފައި އެއިމާރާތް ތަޅުލި ގޮތަށް އަދިވެސް ވަގުތީ ގޮތުން ބޭނުންކުރން ރިނޮވޭޓްކުރި ފިޒިކްސްެްް ލެބް ބޭނުން ކުރަނީ. މިއީ މާލޭގައި ހުރި ހަމަ އެކަނި އޭލެވެލްއަށް ކިޔަވަދޭ ސަރުކާރު ސުކޫލުގެ ހާލަތު. ވ. ސަލާމް