މާދަމާ ބާއްވާ ރިޔާސީ އިންތިޙާބުގައި ވޯޓް ލުމަށް ޅ.އަތޮޅު ނައިފަރު ގައި ޕީޕީޕީއެމް ސަޕޯޓަރުން ކިއު ހަދައިފިއެވެ.

އިއްޔެ ހަވީރުން ފެށިގެން ނައިފަރުގައި ޕީޕީއެމް ސަޕޯޓަރުން ވަނީ ކިއު ހެދުމުގެ ގޮތުން އެރަށުގައި ވޯޓް ލުން ކުރިއަށް ގެންދާ ފަސް މަރުކަޒުގެ ކައިރީގައި ވެސް ގޮނޑި އަތުރާފައެވެ.

މީގެ ކުރިން ވެސް ނައިފަރުގައި ވޯޓް ލުމުގެ އެތައް ގަޑިއިރެއް ކުރިން ކިއު ހަދައެވެ. އެރަށު މީހުން ގަބޫލު ކުރާ ގޮތުގައި ކުރިން ވޯޓް ލާ ޕާޓީ އަކުން އިންތިޙާބުގައި އެރަށުގެ މެޖޯރިޓީ ނަގާނެއެވެ.

ނައިފަރުގެ އިތުރުން އެހެން ބައެއް ރަށްރަށުގައި ވެސް ވަނީ ވޯޓް ލުމަށް ކިއު ހަދާފައެވެ.

ހދ.މަކުނުދޫ އާއި ދ.ކުޑަހުވަދޫގައި އިދިކޮޅު ކޯލިޝަން ސަޕޯޓަރުން މިހާރު ވަނީ ކިއު ހަދާފައެވެ.

މާދަމާ އޮންނަ ރިޔާސީ އިންތިޙާބުގައި ވޯޓް ލާން ފަށާނީ ހެނދުނު 08:00 ގައެވެ. ވޯޓް ލުން ކުރިއަށް ދާނީ ހަވީރު 16:00 އާއި ހަމައަށެވެ. ނަމަވެސް ގަޑި ޖެހޭ އިރު ކިއުގައި ތިބޭ މީހުންނަށް ވޯޓް ލުމުގެ ފުރުސަތު ދޭނެއެވެ. ވޯޓު ގުނަން ފަށާނީ ވޯޓް ލުން ނިމޭތާ 30 މިނެޓް ފަހުންނެވެ.

އިންޑިއާ އަދި ސްރީލަންކާގައި ވޯޓުލާން ފަށާނީ އެގައުމުތަކުގެ ގަޑިން ހެނދުނު 08:30 ގައި ކަަމަށެވެ. ވޯޓް ލުން ނިމޭނީ ހަވީރު 16:30 ގައެވެ.

އިނގިރޭސިވިލާތުގައި ވޯޓުލާން ފަށާނީ އެގައުމުގެ ގަޑިން ހެނދުނު 09:30 ގައެވެ. ވޯޓު ފޮށި ބަންދު ކުރާނީ އެގަމުގެ ގަޑިން 17:30 ގައެވެ. މޭލޭޝިއާގައި ވޯޓުލާން ފަށާނީ އެގައުމުގެ ގަޑިން 11:00 ގައެވެ. އަދި ވޯޓު ފޮށި ބަންދުކުރާނީ 19:00 ގައެވެ.

ވޯޓް ލުން ފަށަން 24 ގަޑިއިރަށް ނުވަނީސް ބައެއް ރަށްރަށުގައި ވޯޓް ލުމަށް ކިއު ހަދާފައި ވާއިރު މީގެ ކުރިން ބައެއް އިންތިޙާބުތަކުގައި މިގޮތައް އެތައް ގަޑިއިރެއް ކުރިން ބައެއް ރަށްރަށުގައި ކިއު ހަދާފައި ވެއެވެ.

މާދަމާ އޮންނަ ރިޔާސީ އިންތިޙާބުގައި ވާދަ ކުރައްވާނީ ޕީޕީއެމްގެ ފަރާތުން ރައީސް ޔާމީން އާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސައުނީ

    ހާދަ ބޮޑު ކިޔޫއެއް ދޯ

  2. ބޭބެ

    ތަރައްގީ އާއި ހަމަޖެހުމަށް!! ދީނާއި ގައުމުގެ ރައްކާތެރިކަމަށް!! އަމިއްލަވަންތަކަމާއި މިނިވަންކަމުގައި ދެމިއޮތުމަށް!!! އާންއެކޭ ބުނަންޖެހޭ!! 1✔️

  3. ސަލްމާ

    އިންޝާ އަﷲ މިހާރުވެސް ކެނޑިޑޭޓް ނަމްބަރު 1 ، އިންތިޚާބު ކާމިޔާބުކޮށްފިކަމަށް ބެލެވޭ!

  4. ނަދާ

    ސާބަސް ތިކުރައްވަާ މަސައްކަތައް

  5. ޢަބްދުﷲ

    ނަމާދަށް ބަންގި ގޮވާ ޖަމާޢަތުގެ ނަމާދު ނިމޭއިރު އެތަނަށް ދެވޭބާއޭ ހިތަށް އަރަނީ މިފަދަ ކިއުތަކަށް ފޯރީގައި އަރާ ގޮތަށް. ކިތެންމެ ފޯރި އެރުވިޔަސް ތަޤުދީރުގައި ލިޔުއްވާފައި އޮތް މީހަކު ވެރިކަމަށް އިސްވާނީ. ކުރިން ކިޔު ހަދައިގެން ވާނެ ފައިދައެއް ނެތް. ﷲ ގެ ގޮވާލެއް ވުމަށް އިޖާބަ ދިނުން އަވަސް ކުރި ވަރަކަށް ދަރުމަ އިތުރުވެ ސުވރުގެޔާ ގާތް ވާނެ. ﷲ އަޅަމެންނަށް ހެޔޮ ވިސްނުން މިންވަރު ކުރައްވައި އަޅަމެންނަށް، ދީނީ އަދި ދުނިޔަވީގޮތުން މަންފާ ކޮށްދެނެ ހަރުދަނާ ޤާބިލު ވެރިން ދެއްވަށި. އާމީން.