މާދަމާ އޮންނަ ރިޔާސީ އިންތިހާބާއި ބެހޭ 129 ޝަކުވާއެއް ނޭޝަނަލް ކޮންޕްލެއިންޓްސް ބިއުރޯއަށް ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

މާދަމާ އޮންނަ ރިޔާސީ އިންތިހާބާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު މީޑިއާތަކަށް ހިއްސާ ކުރެއްވުމަށް މިއަދު އިލެކްޝަން ކޮމިޝަންގެ އިންތިހާބީ މަރުކަޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ އިންތިހާބާއި ބެހޭ ގޮތުން މިހާތަނަށް 129 ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން 17 ޝަކުވާއެއް ފިޔަވައި އެހެން ހުރިހާ ޝަކުވާއަކަށް ޖަވާބު ދީފައިވާނެ ކަމަށެވެ.

"މިހާތަނަށް އިންތިހާބާއި ބެހޭ ގޮތުން ނޭޝަނަލް ކޮންޕްލެއިންޓްސް ބިއުރޯއަށް 129 މައްސަލަ ހުށަހަޅާފައިވޭ. އޭގެތެރެއިން 17 މައްސަލައެއް ނުވަތަ ޝަކުވާއެއް ފިޔަވައި އެހެން ހުރިހާ ޝަކުވާ ތަކަކަށް އަޅުގަނޑުމެން ވާނީ ޖަވާބުދާރީ ވެފައި. އަޅުގަނޑުމެންނަށް ޖަވާބެއް ނުދެވި އޮތް 17 މައްސަލައަކީ ތަހުގުގީގު ކޮށްގެން ގޮތެއް ނިންމަން ޖެހޭ ޝަކުވާތަކެއް. އެހެންކަމުން އެ މައްސަލަަތަށް ވަނީ ތަހުޤީޤީ މަރުހަލާގައި" ޝަރީފް ވިދާޅުވިއެވެ.

އިންތިހާބާއި ބެހޭ ގޮތުން މިހާތަނަށް ހުށައެޅިފައިވަނީ ރީ ރަޖިސްޓްރޭޝަން އާއި ބެހޭ ގޮތުން 97 ޝަކުވާ އާއި، ވޯޓާސް ލިސްޓާއި ބެހޭ ގޮތުން ހުށައެޅިފައިވާ 9 ޝަކުވާ އާއި ، ވޯޓުގެ ނަތީޖާ ގުނުމާއި ބެހޭ ގޮތުން ހުށައެޅިފައިވާ 1 ޝަކުވާ އާއި، އިންތިހާބަށް ނުފޫޒު ފޯރުވުމުގެ 1 ޝަކުވާއާއި ވޯޓު ގުނުމާއި ގުޅޭ ދެ ޝަކުވާ އާއި ކެމްޕޭން ކުރަން ހުރަސް އެޅުމުގެ ދެ ޝަކުވާ އާއި ވޯޓުލާ ދުވަހުގެ އެއް ޝަކުވާ އާއި، ސިއްރު މައުލޫމާތު ހިއްސާ ކުރުމުގެ 2 ޝަކުވާއާއި، ކެންޑިޑޭޓެއްގެ ކެންޑިޑެންސީއަށް އުނިކަމެއް އަންނަ ފަދަ ކަމެއް ކުރުމުގެ ތިން ޝަކުވާއާއި ވޯޓު ފޮށި އަދި އިމަޖެންސީ ލައިޓާއި ބެހޭ ޝަކުވާއެއްގެ އިތުރުން ވޯޓު ކަރުދާހާއި ބެހޭ ދެ ޝަކުވާ އާއި ވޯޓު ލުމުގެ ހައްގާއި ބެހޭ ގޮތުން ހުށައެޅިފައިވާ ޝަކުވާއެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

އަދި ރާއްޖެއިން ބޭރަށް ވަކިން ސެކިއުރިޓީ ފޮށިތަކާއި މޮނީޓަރުން ފޮނުވާފައި ކަމަށާއި ރިސޯޓުތަކަށް މިއަދުގެ ވަގުތެއްގައި ސެކިއުރިޓީ ފޮށި ފޮނުވިގެންދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އިންތިހާބުގެ ކަންކަން ކޯޑިނޭޓް ކުރުމަށް 60 ކޯޑިނޭޓަރުން އައްޔަނުކޮށް އެފަރާތްތަކަށް ވަޒީފާ ދީފައިވާ ކަމަށާއި އިންތިހާބުގެ ކަންކަން މޮނީޓަރ ކުރުމަށް ބޭރުގެ 32 އޮބްޒާވަރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެެރިވަމުން އަންނަ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު