ލައިވް އިވެންޓްތައް ހުއްޓާލުމަށް ބްރޯޑްކާސްޓަރުންނަށް އެންގުމާބެހޭ އުސޫލެއް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އެކުލަވާލައި, އެއަށް އަމަލުކުރަން މިއަދު ފަށައިފިއެވެ.

ބްރޯޑްކާސްޓިން ކޮމިޝަން އިން މިއަދު ނެރުނު ބަޔާނެއްގަިއ ބުނެފައި ވަނީ، އެ އުސޫލު ފާސްކޮށްފައިވަނީ މިއަދު ބޭއްވި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ބައްދަލުވުމުގައި ކަަމަށެވެ. އެ އުސޫލު މިހާރު ވަނީ ބްރޯޑްކާސްޓިން ކޮމިޝަންގެ ވެބްސައިޓްގައި އާންމުކޮށްފައެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަން އިން ބުނީ، އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން އެކުލަވާލި މި އުސޫލަކީ ލައިސަންސް ލިބިފައިވާ ބްރޯޑްކާސްޓަރަކު ލައިވް އިވެންޓެއް ގެނެސްދެމުންދާ ވަގުތު، އެ ބްރޯޑްކާސްޓްކުރެވޭ ކޮންޓެންޓެއް ގާނޫނާއި ގަވާއިދާ ހިލާފުވެގެން މެދުކަނޑާލުމުގައި އަމަލުކުރަންޖެހޭ ގޮތާއި އެފަދަ މައްސަލަތަކާއި ގުޅިގެން ފިޔަވަޅުއެޅުމަށް އެކުލަވާލާފައިވާ އުސޫލެއް ކަމަށެވެ.

އެ އުސޫލުގައި، ބްރޯޑްކާސްޓަރުންގެ ޒިންމާއާއި، ލައިވް އިވެންޓަކާ ގުޅޭ ޝަކުވާ ހުށަހަޅާނެ ގޮތާއި، މައްސަލަ ބަލާނެ ގޮތާއި، ލައިވް އިވެންޓްގެ މައްސަލަތަކުގައި ކޮމިޝަނުން ބްރޯޑްކާސްޓަރުންނާ މުޢާމަލާތްކުރާނެ ގޮތާއި އަދި ފިޔަވަޅު އަޅާނެ ގޮތް ބަޔާންކޮށްފައިވެއެވެ.

އެގޮތުން ލައިވް އިވެންޓެއްގައި މީހެއްގެ އަނބުރާ ބެހުނުކަން އެނގިއްޖެ ނަމަ އެކަމާ ގުޅިގެން ހުށަހަޅާ ޝަކުވާތައް ހުށަހަޅާނީ ކޮމިޝަންގެ ހޮޓްލައިން ފޯނު ނަންބަރ 7983353 އަށް ވައިބަރ މެދުވެރިކޮށް ނުވަތަ ކޮމިޝަންގެ އީމެއިލް އެޑްރެސް mv.org.broadcom@info އަށް ކަަމަށް ބަޔާންކޮށްފައި ވެއެވެ.

އަދި އެފަދަ ކޮންޓެންޓެއް ކޮމިޝަންގެ އިންޓަރނަލް މޮނިޓަރިންގ އަށް ނުވަތަ ކޮމިޝަނުގެ މެންބަރަކަށް ފެނިއްޖެނަމަ، އެ މައްސަލައެއް ބެލުމަށް ކޮމިޝަނުގައި އެދެވިދާނެކަމަށް ބަޔާންކޮށްފައި ވެއެވެ. އަދި އެ ފަދަ މައްސަލަތައް ފޯނުން ނުވަތަ އެސްއެމްއެސް އިން ނުވަތަ ވައިބަރ މެދުވެރިކޮށްވެސް ކޮމިޝަނުގެ ރައީސަށް ހުށަހެޅިދާނެކަމަށްވެސް ބަޔާންކޮށްފައި ވެއެވެ.

އެ ކޮމިޝަނުން ބުނީ، ލައިވް އިވެންޓަކާ ގުޅިގެން ކޮމިޝަނުން ބަލާ މައްސަލަތައް ބަލާނީ މި ކަމަށްޓަކައި ކޮމިޝަނުން ކަނޑައަޅާ
ނިޒާމުގެ ދަށުން ކަމަށެވެ. އެގޮތުން ވަގުތާއި ހާލަތަށް ރިއާޔަތްކޮށް، މައްސަލަ ބެލުމަށް ކޮމިޝަނުގެ ކުއްލި
ބައްދަލުމެއް ބޭއްވުމަށް ނުވަތަ ކޮމިޝަނުން ކަނޑައަޅާ އޮންލައިން ޕްލެޓްފޯމްއެއްގައި މަޝްވަރާކުރުމަށް
ނިންމިދާނެ ކަމަށެވެ.

މީގެ އިތުުރުން، އެ އުސޫލުގައިވާގޮތުން، މީހެއްގެ އަނބުރާ ބެހިއްޖެނަމަ، އިވެންޓް ބްރޯޑްކާސްޓްކުރަމުން ދިޔަ ބްރޯޑްކާސްޓަރަށް ޝަކުވާ ހުށަހެޅުމަށްފަހު، އެ އިވެންޓްގެ ލައިވް ބްރޯޑްކާސްޓް، އެ ބްރޯޑްކާސްޓަރަކު ހުއްޓާނުލައިފިނަމަ އެ މައްސަލަ ކޮމިޝަނަށް ހުށަހަޅާނީ، އަބުރާ ބެހެވުނުކަމަށް ތުހުމަތުކުރެވޭ ފަރާތް، އަބުރާ ބެހެވުނުކަމަށް ތުހުމަތުކުރެވޭ ފަރާތެއް ލިޔުމުން ޢައްޔަންކޮށްފައިވާ ޤާނޫނީ ވަކީލު، ނުވަތަ، ދައުލަތުގެ ކަމާ ބެހޭ މުއައްސަސާއަކަށް ކަމަށެވެ.