ސަރުކާރުން ފަށާފައިވާ ބޯހިޔާވެހިކަމުގެ ބޮޑު މަޝްރޫއު "ހިޔާ" އަށް ފޯމް ދޫކުރުމާއި، ކުރިމަތިލުން މިއަދު ވަގުތީގޮތުން މެދުކަނޑާލާން ނިންމާފައިވާކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ހައުސިންގ މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ، ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ފޯމް ދޫކުރުމާއި، ބަލައިގަތުން މިއަދު 18:00 ގައި ވަގުތީ ގޮތުން މެދުކަނޑާލެވޭނެ ކަަމަށެވެ. އަދި ދެން ފޯމް ދޫކުރުމާއި، ބަލައިގަންނަން ފަށާނީ އަންނަ ހޯމަ ދުވަހުގެ ހެނދުނުކަމަށް އެ ޓްވީޓްވައި ވިދާޅުވެފައި ވެއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ހޯދުމަށް 18000 ފޯމް ލިބިފައިވާ އަދި ހިޔާ މަޝްރޫގެ ދަށުން އިމާރާތް ކުރަމުން ގެންދާ ފްލެޓްތަކަށް ފޯމް ހުށަހަޅާ ހުރިހާ ފަރާތްތަކަށް ފްލެޓް ދޭން ރައީސް އަބްދުﷲ ޔާމީން ނިންމާފައިވާކަމަށް ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

މި ފްލެޓްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.