މާދަމާ ނަގާ އިންތިހާބަށްފަހު ދެން މިރާއްޖޭގައި އޮންނާނީ ރައްޔިތުންގެ އަޑު ގާތުން އަހާނެ ރައްޔިތުންގެ ސަރުކާރެއްކަން ފާހަގަކުރައްވާ އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި ރައްޔިތުންނަށް ވެފައިވާ ވައުދުތަކުން އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ކެމްޕެއިން ނިންމާލައިފިއެވެ.

ރިޔާސީ އިންތިހާބަށް އިދިކޮޅު ކޯލިޝަނުން ފެށި ކެމްޕެއިން ނިންމާލުމުގެ ގޮތުން ރައްޔިތުންނާ މުހާތަބުކޮށް ދެއްވި ވީޑިއޯ މެސެޖުގައި އިބޫ ވިދާޅުވީ، ދެން މިރާއްޖޭގައި އޮންނާނީ ރައްޔިތުންގެ އަޑު ގާތުން އަހާނެ ރައްޔިތުންނަށްޓަކާ ރައްޔިތުން އުފައްދާ ސަރުކާރެއް ކަމަށެވެ.

އަދި އިދިކޮޅުން އުފައްދަން އުޅޭ ސަރުކާރަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކޮށް އިސްލާމްދީނުގެ އަސާސްތައް ދަމަހައްޓައި، ރާއްޖެއަށް އެހެން ދީނަކަށް ޖާގަ ނުދޭނެ ސަރުކާރެއްކަން ފާހަގަކުރައްވާ އިބޫ ވިދާޅުވީ، އިދިކޮޅު އިއްތިހާދުން ގާއިމްކުރާ ސަރުކާރު ވެގެންދާނީ ސިޔާސީ މަގުސަދުތައް ހާސިލްކުުރުމަށް ދީނުގެ ހުކުމްތަކަށް ފުރައްސާރަކުރުން ހުއްޓުވައި، ބަހާ އަމަލުން އިސްލާމްދީނަށް ނަސްރު ދޭނެ ސަރުކާރަކަށް ކަމަށެވެ.

އަދި ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ކަންބޮޑުވުންތައް އިބޫގެ މެސެޖުގައި ވަނީ ފާހަގަކުރައްވައިފައެވެ.

އެގޮތުން، ރާއްޖޭގެ އާންމު ހާލަތު މިއަދު ވަނީ މިއިން ޒަމާނަކު ނުދާ މިންވަރަށް ދަށަށް ގޮސް، ތަކެތީގެ އަގާއި ދިރިއުޅުމުގެ ހަރަދު އިންތިހާއަށް ބޮޑުވެ، ދަރަނީގެ ދަންތުރައަކަށް ރާއްޖެ ވެއްޓިފައިވާ ކަމަށާއި ރާއްޖޭގެ ގިނަ ރައްޔިތުން މިއަދުވެސް އެތިބީ އަސާސީ ގިނަ ހިދުމަތްތަކުން މަހްރޫމްވެފައި ކަމަށް އިބޫ ވިދާޅުވިއެވެ.

"ރާއްޖޭގެ ގިނަ ރައްޔިތުން މިއަދުވެސް އެތިބީ އަސާސީ ގިނަ ހިދުމަތްތަކުން މަހްރޫމްވެފައި. އެއްވެސް ރައްޔިތަކަށް މިއަދު ވަޒީފާގެ މާހައުލުގައި މިނިވަންކަމެއް ނެތް. ސަރުކާރުގެ ވަޒީފާއަކީ ވަކި މީހަކު އަންގާހާ ގޮތަކަށް އުޅެން މަޖުބޫރު ކުރުވާސަބަބަކަށް ހަދައިފި. މިނިވަންކަމާއެކު ހައްގު ބަސް ބުނާ ބޭއިންސާފަށް އެއްބަސް ނުވުމަކީ ކުށަކަށް ހަދައިފި،" އިބޫގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

އަދި ނުހައްގުން އެތައް ބަޔަކު ޖަލަށްލައި، އެތައް އާއިލާއަށް ބިކަކޮށް، އަސާސީ ހައްގުތައް މުގުރާ ރާއްޖޭގެ އަމާންވެށި ކިލަނބުވެފައިވާކަން ފާހަގަކުރައްވަ އިބޫ ވިދާޅުވީ، 30 އަށްވުރެ ގިނަ މީހުން ހައްގަކާ ނުލާ މަރައި، އެތައް ބަޔަކު ގެއްލުވާލައި، އެތައް ބަޔަކަށް އަނިޔާ ދީފައިވާއިރު މަގުތަކުގެ އަމާންކަން ނަގާލައި، އެކަންކަމުގެ ޖަވާބު ހޯދަން ކުރެވޭ ތަހުގީގުތަކަށް ނުފޫޒު ފޯރުވައި ތަހުގީގުތައް ހުއްޓުވާފައިވާ ކަމަށެވެ.

އެއާއެކު ސަލާމަތީ ހިދުމަތްތައް ރައްޔިތުންގެ ކުރިމަތީގައި ފަލީހަތްކޮށް، ސަލާމަތީ ހިދުމަތްތަކުގެ ބޭފުޅުން ނިކަމެތިކޮށް، އަދުލު އިންސާފުގެ ހުރިހާ ހަމައެއް ނެތިކޮށްފި ކަމަށް އިބޫ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ހާލަތުން އަރައިގަންނަންޖެހޭ. ދިވެހިރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާާޓީތަކާ އެ ޕާޓީތަކުގެ ލީޑަރުން ގުޅިގެން ގުޅިފައިވާ ބޮޑު ކޯލިޝަނަކާއެކު އަޅުގަނޑުމެން މި ނުކުންނަނީ އަނިޔާ ލިބެމުންދާ އެތައް ބަޔަކަށް އިންސާފު ހޯދައިދިނުމަށް،"

"މިއަދު ދިވެހިރާއްޖޭގައި އާންމުވެފައިވާ ކޮރަޕްޝަނާއި ފަސާދައިން މިގައުމު ސަލާމަތްކުރުމަށް. ރައްޔިތުންގެ ކިބައިން ނިގުޅައިގެންފައިވާ ހައްގުތައް ރައްޔިތުންނަށް އަނބުރާ ހޯދައިދިނުމަށް. ބާރުތައް އެއްކުރެވި ގަނޑުބަނޑު ކޮށްފައިވާ ދައުލަތް ހިންގުމުގެ ނިޒާމް ގާނޫނު އަސާސީގެ އިމުގެ ތެރެއަށް އަލުން ގެނައުމަށް. ރާއްޖޭގެ ބައިތުލްމާލުން ބިލިއަނުން ގެއްލިފައިވާ ފައިސާ ދިވެހި ރައްޔިތުންނަށް އަނބުރާ ހޯދައިދިނުމަށް. އާދެ! މިރާއްޖޭގައި އިންސާފު ގާއިމްކުރުމަށް،" އިބޫ ވިދާޅުވެފައިވެއެވެ.

އިބޫ އިތުރަށް ވިދާޅުވީ، މާތްﷲ ގެ ވާގިފުޅާއެކު މިރާއްޖޭގައި ދެން އޮންނާނީ އެއްވެސް އާއިލާއެއް ބާކީނުވާނެހެން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދޭނެ، ރާއްޖޭގެ ކޮންމެ ހިސާބަކުން އުދަނގުލެއް ނެތި ސިއްހީ ހިދުމަތްތައް ހޯދައިދޭނެ އަދި އަމިއްލަ ރަށުގައި އާއިލާގެ ހިޔާވަހިކަމުގައި ތިބެގެން ކޮންމެ ކުއްޖަކަށްވެސް ހިލޭ ޕްރީ ސްކޫލުން ފެށިގެން ޔުނިވާސިޓީ ތައުލީމް ނިމެންދެން ކިޔެވުމުގެ ފުރުސަތު ހޯދައިދޭނެ ނިޒާމެއް ކަމަށެވެ.

އަދި ސިޔާސީ ފިކުރާއި ނުވަތަ ޖިންސަށް ނުވަތަ ކުޅެދުންތެރިކަމަށް ނުވަތަ ނިސްބަތްވާ ރަށަށް ނުވަތަ އަތޮޅަށް ތަފާތު ކުރުމެއްނެތި ދައުލަތުން ފޯރުކޮށްދޭ ހިދުމަތްތައް އެންމެހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ފޯރުކޮށްދޭނެ އޯގާތެރި ސަރުކާރެއް ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.

ދިވެހި ޒުވާންނަކީ ގާބިލްކަން އަދި ރާއްޖޭގެ އެންމެ ބޮޑު ރައުސްމާލުކަން ފާހަގަކުރައްވާ އިބޫ ވަނީ، އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި ޒުވާނުން އެމީހުންގެ އަމިއްލަ ނަފްސާ އަމިއްލަ ގައުމާމެދު ދެކޭ ހުވަފެން ހަގީގަތަކަށް ހެދުމަށް މެދުވެރިވެފައިހުރި ގޮންޖެހުންތައް ނައްތާލައި، މަތީ ތައުލީމާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށެވެ.

އަދި ޓެކްނޮލޮޖީއާއި އެހެނިހެން ދާއިރާތަކުން ޒުވާނުންގެ އުފެއްދުންތެރި ހިޔާލުތައް ބޭނުން ކޮށްގެން ގައުމުގެ އިގްތިސާދު ބިނާކޮށް ގައުމީ ތަރައްގީގައި ފުރިހަމައަށް ބައިވެރިވެ، ސިޔާސަތުތައް ކަނޑައެޅުމުގައި ބައިވެރިވުން އޮންނަކަން ކަށަވަރުކުރާނެ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.

ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބައަށްވުރެ ބޮޑު ބައި ތަމްސީލް ކުރައްވަނީ އަންހެނުންކަން ފާހަގަކުރައްވާ އިބޫގެ މެސެޖުގައި އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި އަންހެނުންނަށް ކޮށްދޭނެ ކަންކަމަށް ވެސް ވަނީ އިޝާރާތް ކުރައްވައިފައެވެ.

އެގޮތުން، އިޖްތިމާއީ އަދާލަތު ގާއިމްކޮށް އުފާވެރި މުޖުތަމައުއެއް ބިނާކުރުމަށްތަކާ ކުރަންެޖެހިފައި އޮތް އެންމެ މުހިއްމު އެއް ކަމަކީ އަންހެނުންނާއި އަންހެން ކުދިންނާމެދު ހިންގޭ އެކި ބާވަތުގެ އަނިޔާއާއި ބޭއިންސާފު ހުއްޓުވުންކަން އިޝާރާތް ކުރައްވާ އިބޫ ވިދާޅުވީ، އަންހެން ކަނބަލުންނަށް ދޭންޖެހޭ އިހްތިރާމާއި ހަމަހަމަކަމާއި ރައްކާތެރިކަން ދިނުމަށް ގާނޫނީ އޮނިގަނޑު ހަރުދަނާކޮށް ތަންފީޒުކުރުމަށް ބަޖެޓު ކަނޑައެޅުމަށް ހާއްސަ އަހައްމިއްޔަތު ކަމެއްދޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހަބޭސް

    އިބޫ ކިހިނެއް ތިކަން ކުރާނީ މެލޭސިޔާގެ އެކައުންޓަށް ފައިސާ ޖަމާކުރި މީހުން ބާކީ ކުރެވޭނެތަ އެމީހުން ގެންދާނީ ކޮންތަނަކަށް އެމީހުންނަށް ދޭނީ ކޮން މުދާގަނޑެއް

  2. ޑޮގު ހުވާ

    މީނަ ހުވާ ކުރީތަ

  3. ނަގޫރޯޅި

    ﷲރަހްމަތުން %68ޓައްވުރެ މަތީ އަގުލަބިއްޔަތަކުން އިންތިހާބު ކާމިޔާބު ކުރާނީ ރ.ޔާމިން އާއި ޑރ. ސަހީމް. އެހެންވީމަ އިބޫ ބުންޔަސް އެއީ ތެދެއް.

  4. ދދދދދދ

    މިހާރުވެސް މިއޮތް ފަދައިން އެކަކުވެސް ބާކީ ނުކުރާ ސަރުކާރެއް ހަމަ މި ރައީސާއެކު ދެން އެކުލަވާލާނީ ދިވެހި ރައްޔިތުން ދޯ؟ ކަލެއަށް ވަރަށް ވިސްނެއޭ.

  5. ބޮޑު ދެލޯ

    "އެއްވެސް ރައްޔިތަކު ބާކީ ނުކުރާނެ ސަރުކާރެއް ގާއިމު ކުރާނެ" ވާހަކަ އިބޫ ދައްކާއިރު، އެމް.ޑީ.ޕީ.ގެމީހުންނަށް ބަހާފައި ބާކީހުރިއްޔާ ނޫނީ އެހެން މީހަކަށް އެއްވެސް ެއެއްޗެއްނުދޭނެކަމަށް، މިހާރުވެސް ތިޔާ ޕާރޓީގެ ބަސް ބުނާ އަދި ޕާރޓީގެ އިސް މަޤާމެއްގައި އެހުރި ޝިފާގު ހަރު އަޑުން ބޮޑު ޖަލްސާއެއްގައި ގޮވއަޑު
    މިހާރު ހަނދާންނެތުނީ އިބޫގެ ސިކުނޑިއަށް ކޯނޗެއް ސަވާރުވެގެންތޯ ހިތަށް އަރައެވެ!!

  6. ސައިނީ

    ކަލޯ ދެން ގޮވާ ވަގޭ ވަގޭ ކެކެކެކެކެކެކކެކެެ

  7. އަންތަރީސް

    މިކަލޭގެ ހޮވޭނެތަ؟ ޔަގީން ނުހޮވޭނެކަން ރައީސް ޔާމީންއަށް އޮންނަހާ ސަޕޯޓެއް ލާދީނައް ހިތްވަރުދޭ އިބޫ އަކަޢް ނެތް.