ދިވެހި ޤައުމާއި ނުކުޅުމަށާއި، ދިވެހި ލޭ ތަޣައްޔަރުކޮށްނުލުމަށް އިދިކޮޅު އިއްތިހާދަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.

ރައީސް މިގޮތަށް ގޮވާލެއްވީ، ޕީޕީއެމުން މާލޭގައި އިންތިޚާބުގެ ކުރިން ބާއްވާ އެންމެ ފަހުގެ ކެމްޕޭނުގެ ހަރަކާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ، ދިވެހި ރައްޔިތުންނަށް އަޅާލާ ސިޔާސީ ލީޑަރުންނެއް މިއަދު ނެތް ކަމަށެވެ. އަދި ވަތަނީ ވެގެން ގައުމީވެގެން އުޅޭ ސިޔާސީ ލީޑަރުންނެއްވެސް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގައުމާއި ކުޅެން ނަހަތާދި. އަޅުގަނޑުމެންގެ ޒުވާނުންނާއި ކުޅެން ނަހަދާތި، އަޅުގަނޑުމެންގެ މި ފިކުރަތު ބަދަލު ކުރަން ނޫޅޭތި. އަޅުގަނޑުމެންގެ ލޭ ތަޢައްޔަރު ކުރަން މަސައްކަތް ނުކުރޭ. އަޅުގަނޑުމެންގެ ވިންދާއި ވިސްނުމަށް ޖާގަދޭކަމުގައިވަންޏާ ހަމަ އަހިވަކާ ޖެހި އަހިވަށް ފާވާހެން ހަަމަ އަހިވަކާ ޖެހި އަހިވަށް ކާފަރުވަނީމި. އައިރު ދީނަށް މި ވަދެވެނީ". ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އެ ޕާޓީގައި ތިބި އިސް ވަރުގަދަ ލީޑިރުން އެ ޕާޓީ ދޫކޮށްލާފައި ވަޑައިގަތީ ރައްޔިތުންގެ ހައްގަކާއި އެކީގައި ނޫން ކަަމަށެވެ.

"އެބޭފުޅުން ވަޑައިގަތީ އެ ބޭފުޅުންގެ އަމިއްލަ މުހުތާދުތަކެއް ފުއްދަން. އެކަންކަން އެބޭފުޅުންނަށް ނުކުރެއްވުނީމާ ރައްޔިތުންނާއި، ރައްޔިތުން، އަމާނާތާއި އަމާނާތް، އާއިލީ ޒިންމާ ބޮލާލާ ޖަހާފައި އެ ބޭފުޅުން ވަޑައިގަތީ". ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު އެންމެ ހިތާމަ ކުރަނީ މިކަހަލަ މަދުމަދު ލަފްޒު އަޑުއިވޭތީ ކަމަށެވެ.

"ތިމަންނަގެ ހިތްވަރު މި ލިބިގަންނަނީ ރައީސް ނަޝީދުގެ ހިތްވަރުންނޭ. އަޅުގަނޑުމެންނެއް ބޭނުމެއް ނޫން ފާދިރީންނަށް ހިތްވަރު ހޯދާ މީހުންގެ ހިތްވަރު ހޯދާކަށް. ނަޞާރާ ނަޖިސް ލެއިން މިތަން ތާހިރު ކުރީ އަޅުގަނޑުމެންގެ ކާބައިން. އެތާހިރު ލޭ އަޅުގަނޑުމެން ގައިގައި ހިިނގަންވާނީ" ރައީސް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، ބޮޑު އަގު ދީފައި ވޯޓު ގަންނަން އެ މަސައްކަތް ކުރަނީ އެ ފަރާތްތަކަށް ތާއިދު ނެތުމުން ކަމަށެވެ. އަދި ﷲގެ ހަސްރަތުގައި ޖަވާބުދާރީވާން ޖެހޭ އަމާނާތެއް ވިއްކާލަނީ ފައިސާ ފޮއްޗަކަށް ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

"މިއެއް ނޫން ދިވެހިން ކުރަންވީ ކަމަަކީ. މިއެއް ނޫން އިސްލާމުން ކުރަންވީ ކަމަކީ. މި ވަތަން އަޅުގަނޑުމެންގެ ވަތަންގެ ގޮތުގައި ދަމަހައްޓަން އަޅުގަނޑުމެން ބޭނުން. މި ގައުމުގައި އިސްލާމް ދީން ފޮހެވިގެން ފަޑުވެގެން ނުދާގޮތަށް މިތަނުގައި އަޅުގަނޑުމެން އެކަން ކުރަން ބޭނުންވޭ. މިތަނަކަށް އެހެން ބަޔަކަށް ޖާގައެއް ދޭކަށް ބޭނުމެއް ނުވޭ. މިތަނަށް އަޅުގަނޑުމެންނާ ވާހަކަދައްކާކަށް ފާދިރީން ގެންނާކަަށް ބޭނުމެއް ނުވޭ". ރައީސް ޔާމީން ވިދާޅުވިއެވެ.