އިދިކޮޅު މައި ޕާޓީ، އެމްޑީޕީ ހަތްފެނުގައި ކެއްކިޔަސް ތޯހިރެއް ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މިގޮތަށް ގޮވާލެއްވީ، ޕީޕީއެމުން މާލޭގައި އިންތިޚާބުގެ ކުރިން ބާއްވާ އެންމެ ފަހުގެ ކެމްޕޭނުގެ ހަރަކާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. މިކެންޕެއިން ޙަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީގެ ވިސްނުމާ ފިކުރު ބަދަލު ނުވާނެ ކަމަށާއި އެމްޑީޕީ މިހާރުވެސް މިއޮތީ ތަޣައްޔަރުވެފައިކަމަށެވެ.

"އެމްޑީޕީ ހަތްފެނު ކެއްކިޔަސް، ޠާހިރެއް ނުވާނެ، ތަޣައްޔަރު ވެފައި އެއޮތީ ޠާހިރެއް ނުވާނެ. އެމީހުންގެ ވިސްނުމަކަށް ފިކުރަކަށް ބަދަލެއް ނާންނާނެ." ރައީސް ޔާމީން ވިދާޅުވިއެވެ.

"އެހެންވީމާ އެމީހުންނާ ގުޅޭ ކަމަށް ވަންޏާ، އަހިވަކާ ޖެހި އަހިވަށް ފާވާހެންއަހިވަކާ ޖެހި އަހިވަށް ކާފަރުވަނީ މިއީ." އިދިކޮޅު ފަރާތްތަށް ގުޅުނު ފަރާތްތަކަށް އިޝާރާތް ކުރައްވަމުން ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ރައީސް ޔަމީން ވިދާޅުވީ، އެމްޑީޕީގެ ފިކުރިއްޔާތުގެ ތެރެއަށް ވަނުމުން އެވަދެެވީ ޣައިރު ދީނަކަށް ކަމަށާއި މިއީ އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނާއި ހަމައަށް ގެނެސްދީފައިވާ ނަމޫނާއެއް ނޫން ކަމަށެވެ.

"ޣައިރު ދީނަށް މިވަދެވެނީ. އެއެއް ނޫން އަޅުގަނޑުމެންނާއި ހަމައަށް އަޅުގަނޑުމެންގެ ކާބަފައިން ގެނެސްދިން ލެގަސީއަކީ. ނޫނީ އަޅުގަނޑުމެންނަށް ވާރުތަ ވެގެން މިއައީ އެކަމެއް ނޫން." ރައީސް ވިދާޅުވިއެވެ.

ނޮވެންބަރު 3 ގައި ރާއްޖެއަށް ބާޣީން އެރި ހާދިސާއަށް އިޝާރާތް ކުރަމުން ރައީސް ޔާމީން ވިދާޅުވީ، އެދުވަހު ރާއްޖެއަށް އެރީ ކޮންބައެއްކަން އެންމެ ބޮޑަށް ދިވެހި ރައްޔިތުންނަށް އޮޅުން ފިލުވައިދިނީ ރައީސް މައުމޫން ކަމަށެވެ، އަދި އެދަވުހެގ އިސްތިޢުމާރުގައި ދިވެހިންގެ ބައެއްގެ އަތެއް ނުވިނަމަ އެކަން ނުހިގާނެ ކަމަށް ސިފަކުރަމުން ރައީސް ވިދާޅުވީ، މިއަދު އެކަން ނުހިނގިނަމަ ޝަހީދް ހުސެއިން އަލީ އާދަމް ފަދަ ޤައުމީ ބަތަލުން މިއަދި ތިއްބަވާނެ ކަމަށެވެ. އަދި އެބޭކަލުން ޝަހީދުވެ ވަޑައިގަތީ ދިވެހިންގެ ދީނާއި ޤައުމިއްޔަތު ޙިމާޔަތް ކުރުމަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"އޭގަ އަޑީގައި ތިބީ ކޮންބައެއްތޯ؟ އޭގަ އަޑީގައި ތިބީ ކޮންބައެއްކަން އެންމެނަށް އޮޅުން ފިލާވަރަށް ވިދާޅުވެދެއްވީ ރައީސް މައުމޫން." ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވެފައިވަނީ މިއަދު ދިވެހި ޤައުމު މިދެކެމުންދާ ތަރައްޤީއަށް ހުރަސް އަޅަން ޖެހޭ ސަބަބެއް ނެތް ކަމަށާޢި ދިވެހި ޒުވާނުންގެ އުންމީދުތައް ޙަޤީޤަތަކަށްވަނީ މާދަމާ ރައީސް ޔާމީންއަށް ވޯޓް ދެއްވުމުން ކަމަށެވެ.

ޕީޕީއެމްއިން ކެންޕެއިން ޙަރަކާތްތައް ނިންމާލާފައިވާއިރު، މިހާރު ކެންޕެއިން ކުރުމުގެ އެންމެ ފަހު ފުރުސަތު ހަމަވެފައެވެ.