މިދިޔަ ހުކުރު ވިލޭރޭ ފަތިހު ދަން ޖެހިފައި ހުއްޓާ ފެނުނު ޝާހިދާ އަލީގެ ހަށިގަނޑު ރާއްޖެ ގެނެސް ވަޅުލައިފިއެވެ.

ހދ. ނޮޅިވަރަމްގެ އޭނާ ދިރިއުޅޭ ގޭގެ ގިފިލި ތެރޭގައި ދަންޖެހިފައި ހުއްޓާ ފެނުނު ޝާހިދާގެ ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ގެންދިޔައިރު، އޭނާގެ ހަށިގަނޑު ރާއްޖެ ގެނައީ ރޭގެ ވަގުތެއްގައެވެ.

ޝާހިދާ ދަން ޖެހިފައި ހުއްޓާ ފެނުނު އިރު ވެސް އޭނާ އޮތީ މަރުވެފައެވެ.

ގިފިލީގެ ފުރާޅުގައި ވާގަނޑެއް އައްސައިގެން ޝާހިދާ ދަން ޖެހިފައިވާއިރު، ދަންޖެހެން ބޭނުންކުރި ވާގަނޑު އައްސާފައި ވަނީ 12 ވަރަކަށް ފޫޓް އުހުގައެވެ. ޝާހިދާ އަށް އެހައި އުހުގައި ވާގަނޑު އެއްސިދާނެ ތޯ ބައެއް މީހުން ސުވާލު އުފައްދައެވެ. އެސަރަހައްދުގައި ގޮނޑިއެއް ފަދަ އެއްވެސް އެއްޗެއް ވެސް ނެތް ކަމަށް ވެއެވެ.

ޝާހިދާގެ މަރާއި ގުޅޭ ގޮތުން ފުލުހުން ޝާހިދާގެ ފިރިމީހާ އާއި ސުވާލު ކުރިއެވެ، ނަމަވެސް އޭނާ ހައްޔަރުކޮށްފައެއް ނުވެއެވެ.

"ވަގުތަށް" އެނގިފައިވާގޮތުގައި ރޭ ދަންވަރުގެ ވަގުތެއްގައި ކުޅުދުއްފުއްޓަށް ޝާހިދާގެ ހަށިގަނޑު ގެނެސް, ވަޅުލާފައިވަނީ ފަތިސް ނަމާދަށް ފަހު ހެނދުނު 6:15 ހާއިރުއެެވެ.