ޕީޕީއެމްގެ ދަށުން ހިންގާ އެޕާޓީގެ ރައީސްގެ އޮފީހުގެ ނަމުގައި ނުބައި ވޯޓުފޮށީގެ މަޢުލޫމާތުތައް ހިމަނައިގެން ބައެއް ފަރާތްތަކަށް އެސްއެމްއެސް ފޮނުވަމުންދާތީ އެކަމަށް ސަމާލުވުމަށް ޕީޕީއެމް އިން އިލްތިމާސްކޮށްފިއެވެ.

މިކަން ހާމަކޮށް މިރޭ ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިހާރު ބައެއް ފަރާތްތަކުން ރައީސް ޔާމީނުގެ ކެމްޕޭނު އޮފީހުގެ ނަމުގައި ފޮނުވަމުންދާ އެސްއެމްއެސްތަކަކީ އެ އޮފީހުން ފޮނުވަމުންދާ އެސްއެމްއެސް ނޫން ކަމަށެވެ.

ހަމަ އެހެންމެ މިއަދު 18:00 އިން ފެށިގެން ކެނޑިޑޭޓަށް ތާޢީދު ހޯދުމަށް އެއްވެސް މަސައްކަތެއް ކޮށް ކެމްޕޭނުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަކީ ޤާނޫނީގޮތުން މަނާކަމަކަށްވާއިރު، އެ ވަގުތަށް ފަހު ޕީޕީއެމުން ކެމްޕޭނުގެ އެއްވެސް ކަމެއް ކުރަމުން ނުދާއިރު، އެއްވެސް ރައްޔިތަކަށް މެސެޖެއް އޮފީހުން ނުފޮނުވާނެ ކަމަށް ޕީޕީއެމްގެ ބަޔާނުގައި ބުނެފައި ވެއެވެ.

"އަދި މި އެސްއެމްއެސްތަކުގައި ނުބައިކޮށް ވޯޓު ފޮށީގެ މަޢުލޫމާތު ހިމަނާފައި ވާތީ، މިއީ އޮޅުވާލުމަށް ނުވަތަ ޓާގެޓްކޮށްގެން ވަކި ބައެއްގެވޯޓުލުމުގެ ހައްޤުތަކަށް އަރައިގަތުމަށް ކުރާ ޤާނޫނީ ކުށެއްކަން ފާހަގަކުރަމެވެ." ޕީޕީއެމްގެ ބަޔާނުގައި ވެއެވެ.

ޕީޕީއެ،މްގެ ބަޔާނުގައި ވަނީ، ވޯޓުލެއްވޭ ވޯޓުފޮށި ހުންނާނޭ މަރުކަޒެއް އޮޅުންފިލުވުމަށް ބޭނުންވާނަމަ، ފަސޭހަގޮތަކަށް އެކަން ކުރެވޭނޭ މަގު އިލެކްޝަންސް ކޮމިޝަނުން ފަހިކޮށްދެއްވާފައި ވާތީ، އިލެކްޝަންސް ކޮމިޝަންގެ ކަމާއި ބެހޭ ނަމްބަރަށް ގުޅުއްވައިގެން އެ މަޢުލޫމާތު ސާފުކުރެއްވުމަށް އިލްތިމާސްކޮށްފައެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ އޮފީހުގެ ފަރާތުން ކަމަށް ބުނެ ބަޔަކު މީހުން ވޯޓުލާ ފަރާތްތަކަށް އެސްއެމްއެސްކުރަމުންދާ މައްސަލަ ޕީޕީއެމުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި މިފަދަ ކަންކަން ކުރާ ފަރާތްތަކުން އެކަންކަމުން އެކަހެރިވެވަޑައިގެން ތިއްބެވުމަށް ޕީޕީއެމްގެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފައެވެ.

މި މައްސަލަ މިހާރު ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާކަމަށް ވެސް ޕީޕީއެމުން ހާމަކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު